ކައުުންސިލުން އެންމެ އިސްކަންދޭން ބޭނުންވާ ކަންކަމަށް ސަރުކާރުންވެސް އިސްކަންދޭނެ: ރައީސް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ކައުުންސިލުން އެންމެ އިސްކަންދޭން ބޭނުންވާ ކަންކަމަށް ސަރުކާރުންވެސް އިސްކަންދޭނެ: ރައީސް

ކައުުންސިލުން އެންމެ އިސްކަންދޭން ބޭނުންވާ ކަންކަމަށް ސަރުކާރުންވެސް އިސްކަންދޭނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ތ.އޮމަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

މިއަދުގެ ބައްދަލުވުމުގައި ކައުންސިލުން ވަނީ ރަށުގެ ރައްޔިތުންނަށް ބޭނުންވާ ކަންތައްތަކާއި، ރަށުގެ ތަރައްޤީއަށް ބޭނުންވާކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ސުކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، އިތުރަށް ސުކޫލުގެ ޚިދުމަތް ރަނގަޅުކުރުމަށް ބޭނުންވާ ކަންކަން ތަފުޞީލީ ގޮތެއްގައި އެމަނިކުފާނާއި ޙިއްޞާކުރެއްވިއެވެ. އަދި އަންހެން ކަނބަލުންނަށް ޚާއްޞަ ކުޅިވަރުތައް ކުޅެވޭނެ ވަސީލަތްތައް ފޯރުކޮށްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ. މީގެ އިތުރުންވެސް ރަށުގެ ރައްޔިތުންނަށް އާމްދަނީ ހޯދުމަށް ސަރުކާރުގެ އެހީތެރިކަން ބޭނުންވާކަމުގައި ފާހަގަކުރެއްވިއެވެ. އަދި ކޮންމެ އަހަރެއްގެވެސް ބަޖެޓުގައި ހިމެނޭކަން ކޮށްދެއްވުމަށާއި، މިހާރު ފަށާފައިހުރި މަޝްރޫޢުތައް ހުއްޓުމެއްނެތި ކުރިއަށްގެންގޮސްދެއްވުމަށް ކައުންސިލުން އެދިވަޑައިގެންނެވިއެވެ.

އޮމަދޫ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއިންވެސް އެ ކޮމިޓީގެ ކަންބޮޑުވުންތަކާއި، އެންމެ ބޭނުންވާ ކަންތައްތައް ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަޖެޓުގެ ދަތިކަން ހުރުމުން ރަށުގައި ހިންގަން ބޭނުންވާ ކަންކަން ހިންގުމުގައި ގޮންޖެހުންތަކެއް ކުރިމަތިވާކަމުގައި ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގަތީ ރަށަށް އެންމެ މުހިންމު ވާނެ ކަންކަން ތަރުތީބު ކޮށްލެއްވުމަށްފަހު އެމަނިކުފާނަށް ހުށަހެޅުއްވުމަށެވެ.  އަދި ކައުުންސިލުން އެންމެ އިސްކަންދޭން ބޭނުންވާ ކަންކަމަށް ސަރުކާރުންވެސް އިސްކަންދެއްވާނެކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގަންނަވާ ވަޢުދުތަކަށް ފަރުވާކުޑަނުކުރައްވާނެކަމަށެވެ.

ހަމަ އެއާއެކު ކަމާ ގުޅޭ މުއައްސަސާތަކާއެކު ކައުންސިލުން ފާހަގަކުރެއްވި ކަންކަން ޙައްލުކުރުމަށް މަސައްކަތްކުރެއްވުމަށްވެސް އެމަނިކުފާނު އެދިވަޑައިގަތެވެ. މީގެ އިތުރުން އެމަނިކުފާނު ވަނީ މި ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމުގައި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ކައުންސިލަށް ދެއްވާފައެވެ. ހަމައެއާއެކު މިހާރު ސަރުކާރުން ކައުންސިލްތަކަށް އާމްދަނީ ހޯދުމަށް ހުޅުވާލާފައިވާ ފުރުޞަތުތަކުގެ ބޭނުން ހިފައި ރަށުގެ ތަރައްޤީއައި ކުރިއެރުމަށް މަސައްކަތްކުރެއްވުމަށް ރައީސް އިރުޝާދުދެއްވިއެވެ.

މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ކެބިނެޓް މިނިސްޓަރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ހިމެނޭ މަތީފަންތީގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ.

 

މިއަދު އޮންލައިން