ކައުންސިލްގެ ފަރާތުން ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލު ބުރުނި ކައުންސިލާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. މި ބައްދަލުކުރެއްވުން ކުރިއަށްދިޔައީ މިއަދު ހެނދުނު ކޮޅުމަޑުލު ބުރުނީ ސްކޫލްގައެވެ.
ރައީސް ވިދާޅުވީ ފަޅު ރަށްތައް އިޙްތިޞާޞްތަކަށް ގެނައުމަށް މި ސަރުކާރުން ބާރުއަޅާނެކަމަށާއި، އަދި މިފަދަ ރަށްރަށުގައި ކުދި އަދި މެދު ފަންތީގެ މަޝްރޫޢުތައް ކައުންސިލްގެ ފަރާތުން ހިންގުމަށް ސަރުކާރުން އެއްބާރުލުން ދެއްވާނެކަމަށާއި އަދި ރައްޔިތުންނަށް ހައުސިންގ ލޯނު ދިނުމުގައި މި ސަރުކާރުން ގެންގުޅުއްވާ ޕްލޭން ކައުންސިލާ ޙިއްޞާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ކައުންސިލުން ވަނީ ރަށަށް ބޭނުންވެފައިވާ ކަންކަމާއި، ރަށުގެ ރައްޔިތުންނަށް ކުރިމަތިލާންޖެހިފައިވާ ބައެއް ގޮންޖެހުންތަކާއި، ބުރުނީގެ ތަރައްޤީއަށް ބޭނުންވާ ކަންކަން ރައީސުލްޖުމްހޫރިއްޔާއާ ޙިއްޞާކުރައްވާފައެވެ. އެގޮތުން ބަނދަރުގެ އަޕްގްރޭޑިންގ މަސައްކަތް ހުއްޓިފައި ހުރުމާއި، ފެނުގެ ނިޒާމުގެ މަސައްކަތް ހުއްޓިފައި ހުރުމުން ދިމާވާ ގޮންޖެހުންތައް ޙިއްޞާކުރައްވާފައެވެ. އަދި ސްކޫލަށް ބޭނުންވާ ބައެއްކަންކަމާއި، ކައުންސިލް އިދާރާގެ ޖާގައިގެ ދަތިކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.