އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭ ހިސާބަށް ރާއްޖެ ގެންގޮސްދެއްވާނެކަމުގެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
އެމަނިކުފާނު މި ޔަގީންކަން ދެއްވީ އާންމުންގެ ސުވާލުތަކަށް ސީދާ ރައީސު ޖަވާބުދެއްވުމަށް ރައީސް އޮފީހުން މިހާރު ކުރިއަށް ގެންދާ "ރައީސްގެ ޖަވާބު" ޕްރޮގްރާމުގައި، ރާއްޖޭގައި ހަރަކާތްތެރިވާ އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ މަސައްކަތްތަކާ ގުޅޭގޮތުން ހުޅުމާލެ ފްލެޓް ނަންބަރު 21308 އަހުމަދު ޝަރީފު ކޮށްފައިވާ ސުވާލަށް ޖަބާނުދެއްވަމުންނެވެ.
އަހުމަދު ޝަރީފުގެ މި ސުވާލަށް ޖަވާބުދެއްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގައި އެއްވެސް ޤައުމެއްގެ ސިފައިން ނުތިބޭނެކަން ޔަގީންކުރުމަކީ މި ސަރުކާރުން އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކިގެން ކުރިއަށްގެންދާ ކަމެއް ކަމަށެވެ. އެގޮތުން، ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމުގެ ހުރިހާ މަސައްކަތެއް އެމަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފުރަތަމަ ދުވަހުން ފެށިގެން ރަސްމީކޮށް ފައްޓަވާފައިވާ ކަމަށެވެ.
އިންޑިއާ ސިފައިން ފޮނުވާލުމުގެ މަސައްކަތް ކުރިއަށްގެންދަވަނީ ޑިޕްލޮމަސީގެ ރިވެތި އުސޫލުގެ ތެރެއިން ކަމަށާއި މިއަހަރުގެ މެއި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ރާއްޖޭގައި ތިބި އިންޑިއާގެ ހުރިހާ ސިފައިން އަނބުރާ ފޮނުވާލެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިހާރު ގޮސްފައިވާ ހިސާބުން އިރާދަކުރެއްވިއްޔާ މި ފެށޭ މާޗު މަހުގެ 10 ވަނަ ދުވަހާ ހަމައަށްދާއިރު އެއް ޕްލެޓްފޯމުގެ ސިފައިން ގެންދާނަން. ދެން މެއި މަސް އަންނަންވާއިރަށް، މެއި މަހުގެ 10 ގެ ކުރިން ދެން ހުރި ޕްލެޓްފޯމުތަކުގެ ސިފައިން އިރާދަކުރެއްވިއްޔާ އަނބުރާ ގެންދާނަން. މިހިސާބަށް މިގެންދެވެނީ އިރާދަކުރެއްވިއްޔާ ޑިޕްލޮމެސީގެ ރިވެތި އުސޫލުތަކުން ކުރެވޭ މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން،" ރައީސް ވިދާޅުވިއެވެ.
"އަޅުގަނޑުމެންގެ އެންމެ އިސް ޒިންމާއެއްގެ ގޮތުގައި ދެކެނީ ރާއްޖޭގައި އެއްވެސް ގައުމެއްގެ ސިފައިން ނުތިބޭނެކަން ކަށަވަރު ކުރުން.. އެހެންވީމަ މިހާރު ރާއްޖޭގައި ތިބި އިންޑިއާގެ މިލިޓްރީ ސިފައިން ރާއްޖެއިން ގެންދިއުމަށްޓަކައި އަޅުގަނޑުމެން ހުރިހާ މަސައްކަތްތަކެއް މި ދަނީ ކުރަމުން.. ވެރިކަމާ ހަވާލުވި ފުރަތަމަ ދުވަހުވެސް.. ރަސްމީކޮށް ފަށައިފިން… ޑިޕްލޮމެޓިކްގެ އުސޫލުގެ ތެރެއިން މިދަނީ.."
ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ފޮނުވާލުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެކެވެ. އަދި އިންޑިއާ ސިފައިން މާޗް މަހުގެ 15 ވަނަ ދުވަހުގެ ކުރިން އަނބުރާ ޤައުމަށް ގެންދިޔުމަށް ދިވެހި ސަރުކާރުން ވަނީ ރަސްމީކޮށް މިދިޔަ ޖެނުއަރީމަހު އިންޑިއާ ސަރުކާރަށް އަންގަވާފައެވެ.
ރާއްޖެ އާއި އިންޑިއާއާ ދެމެދު ކުރިއަށްދިޔަ ހައި ލެވެލް ކޯ ގްރޫޕްގެ ބައްދަލުވުމަށްފަހު ޚާރިޖީ ވުޒާރާއިން ވިދާޅުވެފައިވަނީ ރާއްޖޭގެ 3 ސަރަހައްދެއްގައި ތިބި އިންޑިއާ ސިފައިން ފޮނުވާލަން އެއްބަސްވެފައިވާ ކަމަށެވެ.