މިއަހަރު މުޅި ރާއްޖޭގައި މަދުވެގެން 20 ރިސޯޓު ތަރައްޤީކުރުމުގެ މަސައްކަތް ފައްޓާވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް މިއަދު ފެއްޓެވި ދަތުރުފުޅުގެ ތެރެއިން އެ އަތޮޅު މަޑިފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސް ވިދާޅުވީ މަޑިފުށީ ރައްޔިތުންނަށް ބޭނުންވާ ތަރައްޤީއަށް މަސައްކަތްކުރުމުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށާއި އަދި ފަތުރުވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް މި ސަރުކާރުން ވަރަށް ގިނަ މަސައްކަތް ކުރައްވާކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ހަމައެއާއެކު، ދިވެހިރާއްޖެއަކީ އަމިއްލަ ފައިމައްޗަށް ތެދުވެ، އިންވެސްޓަރުން ބަލައިގަންނަ ފަދަ ތަނަކަށް ހެދުމަށް މި ސަރުކާރުން މަސައްކަތް ކުރައްވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސު ވަނީ، ރަށްރަށުގައި ފަށާފައިހުރި މަޝްރޫޢުތަކުގެ ތެރެއިން މިވަގުތަށް އެންމެ މުހިންމު ކަންކަން ކައުންސިލުން ތަރުތީބު ކޮށްދިނުމުން، އެކަންކަމަށް އިސްކަންދެއްވައިގެން އެ މަސައްކަތް ކުރިއަށް ގެންދަވާނެކަމުގެ ފުރިހަމަ ޔަޤީންކަން ދެއްވާފައެވެ.