ފާފަތަށް ފުހެވިގެންދާނެ 10 ގޮތް: ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 32ސ
ފާފަތަށް ފުހެވިގެންދާނެ 10 ގޮތް: ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ

އަޅުގަނޑުމެން ކޮންމެ މީހަކީވެސް ފާފަކުރެވޭ މީހެކެވެ. އެނގި ތިބެގެންނާއި ނުއެނގިތިބެވެސް ފާފަކުރެވެއެވެ. އަދި ފާފަކުރަން ޤަބްދުނުކުރާ ޙާލުގައިވެސް ފާފަ ކުރެވެއެވެ. ވީމާ އަހުރެމެން އަބަދުވެސް ގަދައަޅައި މަސައްކަތްކުރަންވީ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެންނެވެ.

ޔަޤީންކަމަކީ ތައުބާބެ ފާފަތައް ފުއްސަވައި ދެއްވެވުން އެދި ދެންނެވުމުން ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. ކިތަންމެ ގިނައިން އެދި ދެންނެވިނަމަވެސް ފާފަތައް ފުއްސަވައި ދެއްވަވާނެ ކަމެވެ. ﷲ ތަޢާލާއީ ގިނަގިނައިން ފާފަ ފުއްސަވައިދެއްވެވުމަށް ލޯބިވެވޮޑިގެންވާ ރަސްކަލާނގެ ކަމެވެ.  

ފާފަތަށް ފުހެވިގެންދާ ގޮތްތަކާ ބެހޭ ގޮތުން ޝައިޚުލް އިސްލާމް އިބްން ތައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. 

1. އެމީހަކު ﷲ އަށް ތައުބާވެ، ﷲ އެމީހެއްގެ ތައުބާ ޤަބޫލުކުރެއްވުން، އެމީހަކަށް ކުރެވޭ ފާފައަކަށް ތައުބާވާ މީހަކު އެ ފާފަ ނުކުރާ ފަދައެވެ. 

2. ﷲ އަށް އިސްތިޣްފާރު ކުރުމުން، އެމީހެއްގެ ފާފަ ﷲ ސުބްޙާނަހޫ ވަތަޢާލާ ފުއްސަވައި ދެއްވުން  

3. ހެޔޮ ޢަމަލުކުރުމުގެ ސަބަބުން އެމީހެއްގެ ފާފަ ފުހެވިގެން ދިޔުން، އެހެނީ ހެޔޮ ޢަމަލުތަކަކީ ފާފަ ފުހިވެގެންދާ ކަމެކެވެ. 

4. އެމީހެއްގެ މައްޗަށް އެމީހެއްގެ ޞާލިހު ދަރިން ކުރާ ހެޔޮ ދުޢާ އަދި އެމީހެއްގެ ފާފަ ފުއްސަވައިދެއްވުމަށް އެދި އެ ދަރިން ކުރާ ދުޢާގެ ސަބަބުން ދުނިޔޭގައި ހުންނަ އިރުވެސް އަދި މަރުވުމަށްފަހުވެސް އެމީހެއްގެ ފާފަ ފުހިވެގެން ދިޔުން 

5. ނުވަތަ އެމީހެއްގެ ޞާލިހު ދަރިންގެ ހެޔޮ ޢަމަލުތަކުން އެމީހެއްގެ މައްޗަށް އަޖުރު ލެއްވުމަށް އެދި ﷲ އަށް އެ ދަރިން ދެންނެވުމުގެ ސަބަބުން އެމީހަކަށް ލިބިގެންދާ އަޖުރުގެ ސަބަބުން

6. ރަސޫލާ އެމީހެއްގެ މައްޗަށް ޝަފާޢަތްތެރި ވެވަޑައިގެންފިނަމަ 

7. މި ދުނިޔޭގައި ﷲ ތަޢާލާ އެމީހަކަށް އެކި ކަންކަން މެދުވެރިކުރައްވާ އިމްތިހާނު ކުރައްވައިގެން ފާފަތަށް ފުހިވިގެން ދިޔުން  

8. ބަރުޒަޚުގެ ޢާލަމް (މަރުވުމަށްފަހު ކަށްވަޅުގައި ޤިޔާމަތާ ހަމައަށް ހޭދަވެގެންދާ ދުވަސްތައް) ގައި ﷲ ތަޢާލާ އެމީހާއަށް ފާފަ ފުހެވިގެންދާފަދަ އިމްތިހާނުތައް ކުރިމަތި ކުރެއްވުން 

9.  ޤިޔާމަތްދުވަހުގެ އެކި މަރުހަލާތަކުގައި ފާފަ ފުހެވިގެންދާފަދަ އިމްހާނުތަށް ކުރިމަތި ކުރެއްވުން  

10. ރާޙްމާންވަންތަ ރަޙީމްވަންތަ އިލާހުގެ ރަޙްމަތް އޭނާގެ މައްޗަށް ލެއްވިގެން ދިޔުން 

މީގެން ކަމަކުން އޭނާގެ ފާފަ ފުހެވިގެން ނުދިޔަ މީހަކަށް އޭނާގެ އަމިއްލަ ނަފްސު ކުށްވެރިކުރުން ނޫން ގޮތެއް ނެތެވެ. 

ވީމާ ފާފަތަށް ފުހެވިގެންދާނޭ ގޮތްތަށް ދެނެގަނެ އެގޮތަށް ޢަމަލުތައް ބަހައްޓަން މަސައްކަތްކުރައްވާށެވެ. 

ދުޢާއަކީ ރަޙްމާންވަންތަ އަދި ރަޙީމްވަންތަ އިލާހު، އަޅަމެންގެ މައްޗަށް ރަޙްމަތް ލައްވައި ފާފަ ފުހިވިގެންދާނެ ހުރިހާ ގޮތްތަކަކުން އަޅުގަނޑުމެން ފާފަތައް ފުއްސަވައި ދެއްވުމެވެ. އަދި އާޚިރަތުގައި ކާމިޔާބު ލިބިގެންދާ މީހުންގެ ތެރެއިން އަޅަމެން ލެއްވުމެވެ. 

(ރިފަރެންސް: މަޖްމޫޢު އަލްފަތާވާ، މިންބަރު ތައުޙީދު) 

- މިއީ މިއަދުނޫހުގެ ކިޔުންތެރިއަކު ޙިއްޞާކުރައްވާފައިވާ ލިޔުމެކެވެ.

މިއަދު އޮންލައިން