ޢިޖާބަކުރައްވަވައިފިނަމަ ޤިޔާމަތް ދުވަހު އެންމެ ފައިދާކުރާނެ ދުޢާ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 32ސ
ޢިޖާބަކުރައްވަވައިފިނަމަ ޤިޔާމަތް ދުވަހު އެންމެ ފައިދާކުރާނެ ދުޢާ!: އިން ޝާ ﷲ

މީސްތަކުންގެ ތެރޭގައި މިފަދައިން ބުނާ ބައަކު ވެއެވެ.  

"މަރުވުމާއިމެދު އަހުރެން ކަންބޮޑުވާންވީ ކީއްވެގެންހެއްޔެވެ؟ އަހުރެން މަރުވާނެ ވަގުތު ވަނީ ލިޔުއްވގެންނެވެ. އެ ވަގުތު ޖެހުމުން މަރުވާނެއެވެ." މިފަދައިން ބުނާބައަކު އުޅެއެވެ. ސުވާލަކީ މަރުވުމުގެ ވަޤުތުނ ޖެހުމުން މަރުވާނެކަން އެނގުމުން ފުދުނީހެއްޔެވެ؟  

އާނއެކެވެ! މަރުވުމުގެ ވަޤުތުނ ޖެހުމުން މަރުވާނެއެވެ. އެކަން ތިބާއަށް އެނގޭފަދައިން މަރުވުމަށް އަބަދުވެސް ތައްޔާރަށް ހުންނަންޖެހޭ ކަމެއް ނުއެނގޭ ހެއްޔެވެ؟  

ޙަޤީޤަތަކީ މިއީ މަރުވުމަށް އަބަދުވެސް އެންމެ ބޮޑަށް ތައްޔާރަށް ހުންނަންޖެހޭ ސަބަބެވެ. މަރުވުމުގެ ވަގުތު އައިސް ޖެހުމުން ކިތަންމެ ކުޑަކުޑަ ހިނދުކޮޅެއްވެސް ލަސްނުވާނެތީއެވެ. އަދި އަވަސްވެސް ނުވާނެތީއެވެ. ވަގުތު ޖެހުމާއިއެކު މަރުވާނެތީއެވެ.

މީސްތަކުންނޭވެ! ބަރުޒަޚުގެ ޢާލަމާއިބެހޭ ގޮތުން ޤުރްއާނުން އެނގެން އޮތީ ވަރަށް ކުޑަކުޑަ މިންވަރެކެވެ. ނަމަވެސް ޢަޛާބް ޙައްޤު މީހުންނަށް ކައްވަޅުގައި ވެސް ގަދަފަދަ ޢަޛާބް ދެއްވަވާނެ ކަމާއި ޤިޔާމަތާއިހަމައަށް ދެމިތިބެންޖެހޭނެކަން ޙަދީޘްފުޅުތަކުން ވަރަށް ސާފުކޮށް އެނގެން އެބައޮތެވެ. ވީމާ މަރުވުމަކީ ޙަޔާތުގެ އެއްވެސް ކަމެއް ނިމުން ނޫންކަން އެބަ އެނގިގެންދެއެވެ.  

މަރުވުމުގެ މާނައަށް ބަލައިފިނަމަ މިވާގޮތަކީ ފުރާނަ ހަށިގަނޑާއި ދުނިޔެ ދޫކޮށް އެހެން ޢާލަމަކަށް ދަތުރުކުރަނީއެވެ. ﷲ ތަޢާލާގެ ޙަޟްރަތަށް ދަތުރުކުރަނީއެވެ. ދުނިޔޭގައި ނުބައި ގޮތުގައި އުޅޭ މީހުންގެ ފުރާނަ ފުރަތަމަ އުޑާއި ހަމައިން ބިންމައްޗަށް ވައްޓަވައިލައްވަވާނެތެވެ. އެހިސާބުން ފުރާނަ އެހަށިގަނޑާއި އަލުން ގުޅެއެވެ. ދެން އެހިނގާ ކަންކަން އަހަރެމެންނަށް ނުއެނގެނީއެވެ. ހަށިގަނޑު ކުނިވެ ގިރި ވެއްޔާއިކުވެދިއުމަކުން ފުރާނައިގެ ދިރުމަށް އެއްވެސް ބަދަލެއް ނައުދެއެވެ. ޤިޔާމަތާއި ހަމައަށް ދެމިހުރެއެވެ.  

ވީމާ މިކަންކަމަށް ފުންކޮށް ވިސްނަން އެބަޖެހެއެވެ. ތމާއަށް ރަނގަޅު ނިމުމެއް ދެއްވެވުން އެދި ދުޢާކުރަންޖެހެއެވެ. އެކަލާނގެ ރުހިވޮޑިގަންނަވާ އަޅެއްގެ ގޮތުގައި ނޫނީ ފުރާނަ ނުހިއްޕެވުން އެދިއެވެ.

وَضَرَبَ اللَّهُ مَثَلًا لِّلَّذِينَ آمَنُوا امْرَأَتَ فِرْعَوْنَ إِذْ قَالَتْ رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ وَنَجِّنِي مِن فِرْعَوْنَ وَعَمَلِهِ وَنَجِّنِي مِنَ الْقَوْمِ الظَّالِمِينَ 

އަދި ފިރުއަޢުނުގެ އަނބިކަނބަލުންގެ ވާހަކައިން، އީމާންވި މީހުންނަށް اللَّه، މިޘާލެއް  ޖެއްސެވިއެވެ. (އެއީ) އެކަމަނާ ވިދާޅުވިހިނދުގައެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ! އަދި ފިރުއަޢުނާއި ، އޭނާގެ (ނުބައި) ޢަމަލުން މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ! އަދި އަނިޔާވެރި ޤައުމުގެ މީހުންގެ ކިބައިންވެސް މިއަޅާ ސަލާމަތްކޮށްދެއްވާނދޭވެ!" 

އަހަރެމެން ކުރަންވީ ދުޢާ: 

رَبِّ ابْنِ لِي عِندَكَ بَيْتًا فِي الْجَنَّةِ 

"އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާޔަށް އިބަރަސްކަލާނގެ ޙަޟްރަތުގައި، ސުވަރުގޭގައި ގެއެއް ބިނާކޮށްދެއްވާނދޭވެ!" 

މިފަދަ ދުޢާތައް ކުރުން އޮތީ އީމާންކަމުގައި އެވަރަށް ސާބިތުވުމަށްފަހުގައެވެ. އެއިރުން ހަމަ އަހަރެމެންނަށްވެސް ﷲ ތަޢާލާ ނިޢްމަތް މިންވަރުކުރައްވަވާނެތެވެ! އިން ޝާ ﷲ  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން