ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފުރަތަމަ ރިޔާސީ ބަޔާން އިއްވެވުމަށް ބާއްވަވާ ރައްޔިތުންގެ މަޖިލިހުގެ ޖަލްސާ އަންނަ މަހުގެ 5 ގައި ބޭއްވުމަށް ނިންމައިފިއެވެ.
ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ވިދާޅުވީ މަޖިލިހުގެ މި އަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ އަންނަ މަހުގެ 5 ވާ ހޯމަ ދުވަހު ބޭއްވުމަށް މަޖިލިހުގެ ރައީސް މުހައްމަދު އަސްލަމް ނިންމަވާފައިވާ ކަމަށެވެ. ޖަލްސާ އޮންނާނީ އެ ދުވަހު ހެނދުނު 9:00 ގައި މަޖިލިހުގައި ކަމަށް އެ އިދާރާ އިން ވިދާޅުވިއެވެ.
މިއީ ރައީސް މުއިއްޒު، ރައީސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވި ފަހުން އިއްވަވާ ފުރަތަމަ ރިޔާސީ ބަޔާނެވެ. ރިޔާސީ ބަޔާނުގައި ގައުމުގެ އޭރުގެ ހާލަތު ބަޔާންކޮށްދީ، ސަރުކާރުގެ ތަސައްވުރާއި މަސައްކަތްތަކާއި ގުޅޭ ގޮތުން ތައްޔާރުކޮށްފައިވާ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ އިއްވަވާނެއެވެ.
މަޖިލިހުގެ ޖަލްސާތައް އަންނަ މަހު ފަށާ އިރު، މަޖިލިހުގައި ވެރިކަން ކުރާ ޕީއެންސީގެ މެމްބަރުންގެ އަދަދު ވަނީ އިތުރުވެފައެވެ. އަދި އެމްޑީޕީގެ މެމްބަރުންގެ އަދަދު ވަނީ ވަރަށް ބޮޑަށް ދަށްވެފައެވެ. އެމްޑީޕީގައި މަސައްކަތް ކުރެއްވި 14 މެމްބަރަކު ދާދި ފަހުން ވަނީ އެ ޕާޓީ ދޫކުރައްވައި ޕީއެންސީއާ ގުޅިވަޑައިގެންފައެވެ. އެމްޑީޕީގައި މިހާރު ތިއްބެވީ ޖުމްލަ 42 މެމްބަރުންނެވެ. އަދި ޑިމޮކްރެޓްސްގައި 13 މެމްބަރުން އެބަތިއްބެވިއެވެ.
މަޖިލިހުގެ މެޖޯރިޓީ ޕާޓީއަކީ އަދިވެސް އެމްޑީޕީއެވެ. މައިނޯރިޓީ ޕާޓީއަކަށް ވެފައި ވަނީ ޕީއެންސީއެވެ.