ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުމަށް ތުރުކީވިލާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 50ސ
ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުމަށް ތުރުކީވިލާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި

ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުމަށް ތުރުކީވިލާތާއެކު އެއްބަސްވުމެއްގައި ސޮއިކޮށްފި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް ވިދާޅުވީ ދިވެހި ރައްޔިތުންނަށް ބޭނުންވާ ހަނޑޫ، ހަކުރު، ފުށް އެތެރެކުރުން ވަކި ޤައުމަކަށް ބަރޯސާވެފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށްޓަކައި ތުރުކީވިލާތުން އެތަކެތި ގެނައުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފައިވާކަމަށެވެ. 

"ހަނޑޫ، ހަކުރު، ފުށާއި އެކިއެކި ބާވަތްތައް ތުރުކީން މުޅި ރާއްޖެ އަށް އެއް އަހަރަށް ބޭނުންވާ ވަރަށް ވުރެ އިތުރަށް 10 ޕަސެންޓް ލާފައި މިހާރު ވަނީ އެއްބަސްވުން ހެދިފައި. ފުށުގެ ފުރަތަމަ ޝިޕްމަންޓަށް ވަނީ އޯޑަރު ދެވިފައިި. ފެބްރުއަރީ މަހު އަންނާނެ،" ރައީސް ވިދާޅުވި އެވެ. އޭގެ އިތުރުން ފިޔާ، އަލުވި އަދި ބިސް ވެސް އެހެން ގައުމުތަކުން ގެންނަން މިހާރު ހަމަޖެހިފައިވާ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގައި ދަނޑުވެރިކަން އިތުރަށް ފުޅާކޮށް، ކާބޯތަކެތި ދަތިނުވެ ލިބޭނެކަން ކަށަވަރު ކުރުމުގެ ގޮތުން ފުޑް ސެކިއުރިޓީ ޤާއިމްކުރުމަށްޓަކައި ޗައިނާ ސަރުކާރާއެކު އެއްބަސްވުމެއް ހަދާފައިވާކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

މިއެއްބަސްވުމުގައި ސޮއިކޮށްފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އާއި ޗައިނާގެ ރައީސް ޝީ ޖިންޕިން އާ ދެމެދު ޗައިނާގެ ވެރިރަށް ބެއިޖިންގގައި ބޭއްވެވި ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތަކަށްފަހު އޮތް ރަސްމިއްޔާތުގައެވެ. އެ ރަސްމިއްޔާތުގައި މައިގަނޑު 20 ދާއިރާއަކުން ދެ ޤައުމުގެ ދެމެދުގައި އެއްބަސްވުން ހަދާފައިވެއެވެ.

މި އެއްބަސްވުންތަކާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އުތުރުތިލަފަޅުގައި ދަނޑުވެރިކަމުގެ ޚާއްޞަ މަޝްރޫޢެއް ކުރިއަށް ގެންދިއުމަށްވެސް ޗައިނާ ސަރުކާރާއެކު މަޝްވަރާކުރެއްވި ކަމަށެވެ. މި މަޝްރޫޢުގައި ރާއްޖޭގައި އާންމުކޮށް ހައްދާ ދަނޑުވެރިކަމުގެ ހުރިހާ ބާވަތެއް، މަދުވެގެން ދެލައްކަ ރައްޔިތުންނަށް ބޭނުންވާ މިންވަރަށް ހެއްދޭނެ އެގްރިކަލްޗަރ އެސްޓޭބްލިޝްމެންޓެއް ޤާއިމްކުރެވޭނެކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

މިއަދު އޮންލައިން