ރަސްމާލޭގެ ހުރިހާ މުހިންމު ޚިދުމަތެއް ގާއިމު ކުރުމުގެ އިންތިޒާމު ހަމަޖައްސައިފި

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 35ސ
ރަސްމާލޭގެ ހުރިހާ މުހިންމު ޚިދުމަތެއް ގާއިމު ކުރުމުގެ އިންތިޒާމު ހަމަޖައްސައިފި

ފުށިދިއްގަރު ފަޅު ނުވަތަ ރަސްމާލެ ހިއްކުމުގެ މަސައްކަތް ފެށިތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހުރިހާ މުހިންމު ޚިދުމަތެއް ގާއިމު ކުރުމުގެ އިންތިޒާމު ހަމަޖައްސައިފިއެވެ.

ބިން ހިއްކުމުގެ މަސައްކަތް ފަށައިގެން ކުރިއަށްދާއިރު ސަރުކާރުން މިވަނީ އެމަސައްކަތް ނިމުމާއެކު ރަސްމާލެ ތަރައްގީ ކުރުމަށް ކުރަން ޖެހޭ މަސައްކަތް ވެސް ފަށްޓަވާފައެވެ. ތަނެއްގައި މީހުން އާބާދުވުމަށް އެންމެ މުހިންމު އަސާސީ ޚިދުމަތްތަކަށް ވާނީ ފެނާއި ނަރުދަމާއާއި ކަރަންޓެެވެ. ރަސްމާލޭގައި މިޚިދުމަތްތައް ގާއިމު ކުރުމުގެ ކަންކަން މިހާރު ވަނީ ހަމަޖެހިފައެވެ. މި ކަންކަން ހަމަޖެހިފައިވަނީ ރައީސުލްޖުމްހޫރިއްޔާ ޗައިނާއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.

ރަސްމާލޭގައި ކަރަންޓުގެ ނިޒާމު ގާއިމު ކުރުމަށާއި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމް ކުރުމާއި ޑީ- ވޯޓަރިން ނިޒާމުގެ އިތުރުން ފަޔަރ ނިޒާމާއި ގޭސް ނެޓްވަރކާއި މަގު ހެދުމައްޓަކައި ވަނީ ޗައިނާ ސަރުކާރާއެކު އެއްބަސްވުންތަކެއްގައި ސޮއިކުރައްވާފައެވެ. މިމަސައްކަތް ކުރިއަށްގެންދިއުމަށް ސަރުކާރުން އެއްބަސްވެފައިވަނީ ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ގްރޫޕް ކޯޕަރޭޝަން (ސީއެމްއީސީ)އާއެކުގައެވެ.

ރަސްމާލޭގައި 65،000 ގެދޮރު ޔަގީންވާގޮތަށް ތަރައްގީ ކުރުމަށް ސަރުކާރުން ނިންމަވާފައިވާއިރު 30،000 ހައުސިން ޔުނިޓް ތަރައްގީ ކުރުމަށްވެސް ޗައިނާއާއެކު ވަނީ އެއްބަސްވުމެއްގައި ސޮއިކުރައްވާފައެވެ. އެހެންކަމުން ބިން ހިއްކުމުގެ މަޝްރޫއު ނިމުމާއެކު ރަސްމާލެ ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތްތައް ވަގުތުން ފެށޭނެ އިންތިޒާމު މިހާރު މިވަނީ ހަމަޖެހިފައެވެ.

ރަސްމާލޭގެ ބިން ހިއްކުމުގެ މަސައްކަތް ސަރުކާރުން ކުރިއަށްގެންދަނީ ތިން ކުންފުންޏަކާ ހަވާލުކުރައްވައިގެން ދައުލަތުގެ ބަޖެޓުން އެއްވެސް ޚަރަދެއް ކުރަން ނުޖެހޭ ގޮތަށެވެ. މިމަޝްރޫއު ކުރިއަށްގެންދަނީ ފުށިދިއްގަރު ފަޅުން ހިއްކާ ބިމުން 60 ހެކްޓަރާއި ހުޅުމާލެއިން 10 ހެކްޓަރުގެ ބިން 49 އަހަރާއި 50 އަހަރާ ދެމެދުގެ މުއްދަތަކަށް ދޭގޮތަށެވެ.

މިއަދު އޮންލައިން