ރާއްޖެ ކުޑަވުމަކީ އެހެން ގައުމުތަކުން ރާއްޖެއަށް ބުލީކުރަން ލިބޭ ލައިސެންސެއް ނޫން ކަމުގައި ރައީސް މުއިއްޒު ވިދާޅުވެއްޖެއެވެ.
އިންޑިއާއަށް ނުސީދާކޮށް ރައްދު ދެއްވަމުން ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާ ލެއްވުމަށްފަހު ރާއްޖެއަށް ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގައި ނޫސްވެރިންނާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުންނެވެ.
ރާއްޖެއަށް ގަނާ ނުކުރެވޭނެކަމަށް ވިދާޅުވެ ރައީސް އިންޑިއަަށް ރައްދު ދެއްވާފައި މިވަނީ، އިންޑިއާގެ ބޮޑުވަޒީރު އެގައުމުގެ ފަތުރުވެރިކަން އިސްތިހާރު ކުރުމަށް އެކްސްގައިކުރި ޕޯސްޓަކަށްފަހު، އިންޑިއާގެ ސޯޝަލް މީޑިއާގައި ރާއްޖެއާއި ދެކޮޅަށް ވަރުގަދަ އެންޓި ކެމްޕޭނެއް ފެށުމާއި ގުޅިގެން، ރާއްޖޭގެ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ސަރުކާރުގެ އިސް ބައެއް ފަރާތްތަކުން، ރާއްޖެއާއި ދެކޮޅަށް ހިންގަމުންދާ އެންޓި ކެމްޕޭނަށް ރައްދު ދޭން ފެށުމާއި ގުޅިގެން މައްސަލަ ހޫނުވެ، އޭގެ އަސަރު ދެގައުމުގެ ގުޅުމަށްވެސް ކޮށްފައި ވަނިކޮށެވެ.
ރައީސް ވިދާޅުވީ ރާއްޖެއަކީ ކުޑަ ގައުމަކަށް ވިނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށް ބޮޑު ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް،،" ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނިގެން ދިޔައީ، އެއްގޮޑިން ތެދުވެ އަނެއް ގޮޑީގައި އިށީންނަންވެސް ވަކި ބައެެއްގެ ހުއްދަ ހޯދަންޖެނު މަންޒަރު ކަމުގައެވެ.
"މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީނދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ." އިންޑިއާއަށް ނިސްބަތްކޮށް ރައީސް ވިދާޅުވިއެވެ.