ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނިތަކަށް ލުއި ގޮތްތަކެއް ހޯދަން އެއްބަސްވެއްޖެ

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 45ސ
ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނިތަކަށް ލުއި ގޮތްތަކެއް ހޯދަން އެއްބަސްވެއްޖެ

ރާއްޖެ އިން ޗައިނާ އަށް ދައްކަން ޖެހޭ ދަރަނިތަކަށް ލުއި ގޮތްތަކެއް ހޯދަން އެއްބަސްވެ، ދެ ގައުމުގެ ދެމެދުގައި އެކަމާ ގުޅޭ މަޝްވަރާތައް ވަރަށް އަވަހަށް ފައްޓަވަން ނިންމަވާފައިވާ ކަން ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އިއުލާން ކުރައްވައިފިއެވެ.

ޗައިނާ އަށް ކުރެއްވި ފުރަމާނަ ދަތުރުފުޅަށް ފަހު ރާއްޖެ ވަޑައިގެން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) ގައި ނޫސްވެރިންނާ ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ ޗައިނާ މެދުވެރިކޮށް މީގެކުރިން ނަގާފައިވާ އެކިއެކި ލޯންތައް އެބަހުރި ކަމަށެވެ. އެގޮތުން އެ ލޯންތައް ދެއްކުމަށް މިހާރު އޮތް ޝެޑިއުލް އަށް ލުއިތަކެއް ގެނައުމާ މެދުގައި ދެ ގައުމުގެ ދެމެދުގައި މަޝްވަރާ ކުރުމަށް ނިންމަވާފައިވާ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިކަމާއި ގުޅޭގޮތުން ޗައިނާގެ މާލީ އިދާރާގެ ޓީމެއް ވަރަށް އަވަހަށް ރާއްޖެ ވަޑައިގަންނަވާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

"ޗައިނާގެ ރައީސަށް އެކަންތައް ހުށަހެޅުމުން ވަގުތުން، ރަސްމީ ޓޯކްސްގައި އެކަމާބެހޭ ގޮތުން ރާއްޖެއަށް ވަރަށް އަވަހަށް ޓެކްނިކަލް ޓީމެއް ފޮނުވާ ރާއްޖެއިން ޗައިނާއަށް ދައްކަން ހުރި ފައިސާ ކުރިއަށް އޮތް ފަސް އަހަރު ދުވަހު ނުދައްކައި، ގްރޭސް ޕީރިއަޑެއް ލައި، ވީހާވެސް ލުއި ގޮތަކަށް އެ ލޯނުގެ ކަންތައް ހަމަޖެއްސޭނެ ގޮތްތަކެއް ދިރާސާކޮށް ކަނޑައެޅުމަށްޓަކައި ވަރަށް އަވަހަށް އެތަނުގެ ފިނޭންސް މިނިސްޓްރީ އާއި ފައިނޭންސް ދާއިރާގެ ޓެކްނިކަލް ޓީމެއް ފޮނުއްވަވާނެ." ރައީސް ވިދާޅުވިއެވެ.ރައީސް ވިދާޅުވި ގޮތުގައި މިކަމުގެ ސަބަބުން ލޯންތައް ދެއްކުމުގައި ރާއްޖެ އަށް ވަރަށް ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ރައީސް ވިދާޅުވީ ޗައިނާ އާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމަކީ ވަރަށް ނަމޫނާ ގުޅުމެއް ކަމަށާއި މިއީ އެތައް ސަތޭކަ އަހަރުތަކެއް ކުރިން އުފުދު މިގުޅުން ވަރުގަދަވެގެން ދިޔައީ ދެގައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ވަރުގަދަވި ފަހުން ކަމަށެވެ. ރައީސް ވިދާޅުވީ ޗައިނާގެ ރައީސް ޝީ ޖިންޕިންއާ ބައްދަލު ކުރައްވަން ލިބިވަޑައިގެންނެވި ފުރުސަތުގައި ވަރަށް ގިނަ ކަންތައްތައް މަޝްވަރާ ކުރެވިގެން ދިޔަ ކަމަށާއި 20 ވަރަކަށް އެއްބަސްވުމުގައި ސޮއިކުރެވުނު ކަމަށެވެ.

މިއަދު އޮންލައިން