ޗައިނާއިން ހިލޭއެހީގެ ގޮތުގައި 130 މިލިއަން އެމެރިކާ ޑޮލަރުގެ އެހީއެއް ދިވެހި ރާއްޖެއަށް ދޭން ނިންމާފައިވާ ކަމަށް ރައީސުލްޖުމުހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުގައި ނޫސްވެރިންނަށް މައުލޫމާތުދެއްވަމުންނެވެ.
ރައީސް މުޢިއްޒު ވިދާޅުވީ ހިލޭ އެހީގެ ގޮތުގައި ޗައިނާ އިން ދިން 130 މިލިއަން ޑޮލަރު ބޭނުން ކުރާނީ މާލެ ސިޓީގެ މަގުތައް ތަރައްޤީ ކުރުމަށް ކަމަށެވެ.
"މިހާރު ޗައިނާއިން ރާއްޖެއަށް 920 މިލިޔަން ޗައިނާ ރުފިޔާ، އެއީ ގާތްގަނޑަކަށް 130 މިލިޔަން ޔޫއެސް ޑޮލަރުގެ ހިލޭ އެހީވަނީ ހަމަޖެހިފައި."
ރައީސް މުޢިއްޒު ވިދާޅުވިއެވެ.މި އެހީއަކީ ރާއްޖޭގެ ތަރައްޤީގެ އެކި ކަންކަމަށް ހޭދަކުރުމަށް ދެވުނު އެހީއެއް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. މިއެހީގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކުރަން ނިންމާފައިވަނީ މާލޭގެ މަގުތައް ހެދުމަށް ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސް ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގައި ރާއްޖެއާއި ޗައިނާ އާއި ދެމެދު މުހިންމު 20 އެއްބަސްވުމެއްގައި ވަނީ ސޮއި ކުރައްވާފައެވެ.
ކުޑަ ޤައުމެއް ކަމަށް ބުނެ ބުލީ ނުކުރެވޭނެ ކަމަށް ވިދާޅުވެ، ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިންޑިއާއަށް ވަރުގަދަ މެސެޖެއް ދެއްވައިފިއެވެ.
ޗައިނާއަށް ކުރެެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން ދެއްކެވި ވާހަކަފުޅުގައެވެ.
އެ ވާހަކަފުޅުގައި ރައީސް މުއިއްޒު ފުރަތަމަ އަލިއަޅުވާލީ ޗައިނާއާއި ރާއްޖެއާ ދެމެދު އޮތް ގުޅުމަށެވެ. އެގޮތުން, ޗައިނާއާއި ރާއްޖެއާއި ދެމެދު އޮތް ގުޅުން ބިނާވެގެންވަނީ މައިގަނޑު ހަތަރު އަސާސެއްގެ މައްޗަށްކަން ރައީސް ޑރ މުއިއްޒު ވަނީ ހާމަކުރައްވާފައެވެ. އެ ހަތަރު އަސާސަކީ:
- އެއްގައުމު އަނެއްގައުމަށް އިހްތިރާމް ކުރުން
- ސޮވެރިން އިކުއިލިޓީ ކަމަށާއި، ދެގައުމަކީ ސައިޒުގެ ގޮތުން ތަފާތު ދެ ގައުމު ނަމަވެސް ސޮވެރިން އިކުއިލިޓީގައި ދެ ގައުމަކީވެސް ހަމަހަމަ ދެ ގައުމުކަމަށް ދެކޭކަމަށެވެ.
ޓެރިޓޯރިއަލް އިންޓެގްރިޓީއަކީ ދެ ގައުމުގެ ގުޅުން ބިނާވާ އަނެއް މުހިންމު އަސާސްކަން ފާހަގަކުރައްވާ މުއިއްޒު ވިދާޅުވީ 'ވަން ޗައިނާ' ޕޮލިސީ ފުރިހަމައަށް ގަބޫލުކުރާ ކަމަށެވެ. ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ ރަށްތައް ކިތަންމެ ކުޑަ ނަމަވެސް، އިންޑިއާ ކަނޑުގައި ރާއްޖޭގެ އެކްސްކްލޫސިވް އެކޮނޮމިކް ޒޯން ވަރަށްވެސް ބޮޑު ކަމަށެވެ. އަދި ރާއްޖޭގެ ޓެރިޓޯރިއަލް އިންޓެގްރިޓީއަށް ޗައިނާއިން ވަރަށް ބޮޑަށް އިހްތިރާމު ކުރާކަމަށް ވިދާޅުވިއެވެ.
"މި ކަނޑުގައި އެއްގައުމަކަށް އެންމެ ބޮޑު ހިއްސާއެއް އޮތް ގައުމަކަށް ވާނެ ރާއްޖެ. ވަކި ގައުމެއްގެ މިލްކެއް ނޫން މި ކަނޑަކީ… އަޅުގަނޑުމެންނަކީ ވަކި ގައުމެއްގެ ބެކްޔާޑުގައި އޮތް ގައުމެއް ނޫން. އަޅުގަނޑުމެންނަކީ މިނިވަން މުސްތަގިއްލު ގައުމެއް." ރައީސް މުއިއްޒު ވިދާޅުވިއެވެ.މީގެއިތުރުން ރައީސް މުއިއްޒު ވިދާޅުވީ ރާއްޖޭގެ އެތެރޭގެ ކަންކަމަށް ޗައިނާއިން އެއްވެސް ވަރަކަށް ނުފޫޒު ނުފޯރުވާނެ ކަމަށެވެ.
"މިދިޔަ ސަރުކާރުގެ ދުވަސްވަރުގައި ފެނުނީ، އެއް ގޮނޑިން ތެދުވެ އަނެއް ގޮނޑީގައިވެސް އިށީންދެވެނީ ވަކި ބައެއްގެ ހުއްދަ ހޯދައިގެން. އެ ގޮތް ދިވެހި ރައްޔިތުން ބޭނުމެއް ނުވޭ." ރައީސް މުއިއްޒު ވިދާޅުވިއެވެ.ރައީސް މުއިއްޒު ވިދާޅުވީ މި ހަތަރު އަސާސަކީ ރާއްޖެއިން ކޮންމެ ގައުމަކާއެކުވެސް ގުޅުން ބަދަހިކުރުމުގައި ބަލާނެ އަސާސްތައް ކަމަށެވެ.
ރައީސް މުއިއްޒުގެ ވާހަކަފުޅު ނިންމަވާލެއްވީ އިންޑިއާއަށް އިނގިރޭސިބަހުން ދެއްވި މެސެޖަކުންނެވެ. އެގޮތުން ވިދާޅުވީ, ކުޑަ ޤައުކެކޭ ކިޔާ ރާއްޖެއާ ބުލީ ނުކުރެވޭނެ ކަަމަށެވެ.