ގެދޮރުއަޅަން ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 42ސ
ގެދޮރުއަޅަން ބޭނުންވާ ފައިސާ ލިބޭނެ ގޮތް ހެދުމުގެ މަސައްކަތް ފަށައިފި!

ގެދޮރުއަޅަން ބޭނުންވާ ފައިސާ ރައްޔިތުންނަށް ލިބޭނެ ގޮތް ހަމަޖެއްސުމަސްޓަކައި ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ސަރުކާރުން ކުރަމުން ގެންދާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ ފުށިދިއްގަރު ފަޅު ހިއްކުމުގެ މަޝްރޫޢު ރަސްމީކޮށް އިފްތިތާޙު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:

އަޅުގަނޑު ވަޢުދުވީގޮތަށް، އެކިކަހަލަ ހައުސިންގ ލޯނުތައް ދޫކުރުމަށްޓަކައި ބޭންކިންގ ނިޒާމުގެ ތެރެއިން ފަހިކުރަންޖެހޭ ކަންކަން ހަމަޖައްސައި، އެކަންކަންވެސް ހަމަ ދާދި އަވަހަށް އިޢުލާނު ކުރާނަން. ފަސް ޕަސެންޓަށްވުރެ ކުޑަކޮށް، ދޫކުރާ ލޯނުތައް ދޫކުރުމަށްޓަކައި ކުރަންޖެހޭ އިދާރީ ފަންނީ މަސައްކަތް ހިނގަމުންދަނީ. އެކަންކަންވެސް ފުރިހަމަކޮށްފައި، އިރާދަކުރެއްވިއްޔާ ރައްޔިތުންނަށް، އެ ރައްޔިތުން ބޭނުންވާ އެކިކަހަލަ ލޯނުތައް ދޫކުރުމުގެ މަސައްކަތް ފެށިގެންދާނެ.

މާލެ ސަރަޙައްދުން ދޫކުރި ގޯތިތަކުގައި ގެދޮރު ބިނާކުރުމަށްޓަކައި އަޅުގަނޑު ތަޢާރުފު ކުރާނެކަމަށް ވަޢުދުވި ޚާއްޞަ ލޯނު ސްކީމްވެސް، ހަމަ މީގެ ތެރެއިން ތަޢާރުފު ކުރެވިގެންދާނެ.  އެ ރައްޔިތުންނަށް ދޫކުރި ގޯތިތައް، ނޫނީވިއްޔާ ދޭންބުނި ފްލެޓުތައް، ހަމަ އެ ރައްޔިތުންނަށް ލިބޭނެ. ރަސްމީކޮށް ގެޒެޓް ކުރެވިފައި އޮތް އެއްވެސް ބޭފުޅެއްގެ އެއްވެސް ޙައްޤެއް އަޅުގަނޑުމެން އުންޏެއް ނުކުރާނަން. އޭގެ ބަދަލުގައި، ވަޢުދުވީގޮތަށް ފުރިހަމަކޮށްދޭނީ. ނުހިއްކާ އޮތް ފަޅުތައް ހިއްކައިގެން، އެ ގޯތިތައް ޙަޤީޤަތަކަށް ހަދައިދޭނީ. 

ދެންމެ މި ދެންނެވި ގޮތަށް، ގުޅިފަޅުގައި އިތުރަށް އަޅުގަނޑުމެން 85 ހެކްޓަރު ހިއްކާނަމޭ. ގިރާވަރުފަޅުގައި އިތުރަށް 50 ހެކްޓަރު ހިއްކާނަމޭ. އަދި އެ ސަރަޙައްދުތައް ގުޅުވާލާނަމޭ އިރާދަކުރެއްވިއްޔާ. ގުޅުވާލައި ހުޅުމާލެއާއި، ރަސްމާލެއާއި، ގުޅިފަޅާއި، ގިރާވަރުފަޅު، މި ތަންތަން ވެގެންދާނީ، މިދެންނެވި ގޮތަށް ގެދޮރުގެ މައްސަލަ ހައްލުވާ ތަންތަނަށޭ.

އަދި ހަމަ އެއާއެކީގައި، ރާއްޖޭގެ އެކި ކަންކޮޅުތަކުގައި، މި ތަރައްޤީކުރެވޭ ތަންތަނާ އެކީގައި ކޮންމެ ރައްޔިތަކަށް ތަފާތުކުރުމެއްނެތި، އެ ރައްޔިތަކު ބޭނުންވާ ދިމާއަކުން، ބޭނުންގޮތަކަށް، ގެދޮރުގެ މައްސަލަ އަޅުގަނޑުމެން ވަޢުދުވި ގޮތަށް ފުއްދައިދޭނަން. 

އަދިވެސް، އެއްފަހަރު ހުރިހާ ބޭފުޅުންނަށް ވަރަށްބޮޑަށް ޝުކުރު ދަންނަވަން.

އަޅުގަނޑުގެ ދުޢާއަކީ اللهُ سُبْحَانَهُ وَتَعَالَى އަޅުގަނޑުމެން މިކުރާ އިޚްލާޞްތެރި މަސައްކަތުގައި ބަރަކާތްލެއްވެވުން. މި ރާއްޖެއަށް އަދަށްވުރެ ފެހި މާދަމައެއް މިންވަރު ކުރެއްވުން. އާމީން!

وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.

މިއަދު އޮންލައިން