ދިވެހިރާއްޖެއަށް ލިބޭ ރަސްމީ ހުރިހާ ޙައްޖުކޯޓާ މޯލްޑިވްސް ޙައްޖު ކޯޕަރޭޝަން ލިމިޓެޑަށް ދެއްވަން ވަޒިރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.
ސަރުކާރުގެ ތަރުޖަމާނު ޝަހީބް ވިދާޅުވީ ވަޒިރުންގެ މަޖިލީހުން މިގޮތަށް ނިންމެވީ ހައްޖަށް ދިއުމަށް އެދި ވަރަށް ގިނަ ބަޔަކު ހައްޖު ކޯޕަރޭޝަންގެ ރަޖިސްޓްރީވެ (އަދި ފައިސާވެސް ދައްކާފައިވާތީ) މިފަރާތްތަކަށް އަވަހަށް ހައްޖަށް ދެވޭނެ މަގު ފަހިކޮށްދިނުމަށްޓަކައި ކަމަށެވެ.
އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ޙައްޖަށް މީހުން ގެންދިއުމަށް ބައެއް ކުންފުނިތަކުން ހުއްދަ ހޯދަން ހުށަހަޅާ އަގަށްވުރެ ބޮޑު އަގު ނަގާ މައްސަލަ ޙައްލުކުރުމަށް، ހައްޖު ކޯޓާ އެއްކޮށް ހައްޖު ކޯޕަރޭޝަނަށް ބަދަލުކުރުމަށް ސަރުކާރުން ވިސްނަވާކަން ހާމަކުރައްވައިފައެވެ.