މިސާލަކަށް، އިސްލާމީ ސިފަތަކާއި، ޒަމާނީ ދިއްލުންތަކުން ދިވެހީންގެ އީދު ޒީނަތްތެރިކުރުމަކީ ވެސް އަޅުގަނޑުގެ ކެމްޕޭނުގެ ވަޢުދެއް. މިހާރު އެ މަސައްކަތް ވެސް ވަރަށް ބާރަށް ކުރިޔަށް އެބަދޭ. ކަމާބެހޭ ތަކެތި ރާއްޖެއިން ބޭރުން ގެނެސް، ކުރިޔަށް އޮތް އީދުގައި މާލެއާއި، ރާއްޖޭގެ ސިޓީތަކާއި ވެރިކަންކުރާ ހުރިހާ ރަށެއް ރީތި ދިއްލުންތަކުން އުޖާލާކޮށް ނަލަހައްދައިލެވޭނެ. ތަކުބީރު ތަޙްމީދުގެ މާތް އަޑުން ދިވެހި ޖައްވު ގުގުމާލާނެ.
މީގެ އިތުރަށް، ގެދޮރުވެރިކަމާއި އިޤުތިޞާދީ ފުދުންތެރިކަމާއި އުމްރާނީ ތަރައްޤީގެ އެތައް މަޝްރޫއެއްގެ ހިތްފަސޭހަކަން އިރާދަކުރެއްވިއްޔާ ދިވެހީން ލަހެއްނުވެ ތަޖުރިބާކުރާނެ. އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ތަހުޒީބު މުޖުތަމަޢެއްގައި ވަޢުދަށް ކަމޭ ހިތާނެ. ދީނަށް ތެދުވެރިވާނެ. ޤައުމަށް ވަފާތެރިވާނެ. ހަމަޖެހުމާއި އެންމެން ގުޅިން އުފާވެރިކަމާއެކު ދިރިއުޅުމަށް ލޯބިކުރާނެ. މާޒީއަށް ބަލާއިރު، ދިވެހި ވަންތަކަމުގެ ރަންޒަމާނުގައި ދިވެހި ޤައުމިއްޔަތު އޮތީ މި ފަދައިން. އަޅުގަނޑުމެން ބިނާކުރާ ދިވެހިރާއްޖެއިން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ކުރިއަރައިފައިވާ ޒަމާނީ ބިނާތައް. ހަމަ އެހެންމެ، އަޅުގަނޑުމެން ބިނާކުރާ ދިވެހި ޤައުމުން އަޅުގަނޑު ދެކެން ބޭނުންވަނީ އެންމެ ތަހުޒީބު ރަނގަޅު މާތް އިސްލާމީ ރީތި ހުރިހައި ސިފައެއް. އެއީ ތިޔައިން ކޮންމެ ދިވެހި ރައްޔިތެއްގެ ހިތްހަމަ ޖެހުމާއި އުފާވެރިކަމަށްޓަކައި.
ދިވެހި ޤައުމިއްޔަތުގެ ހަރުދަނާ ބަހާތައް ދިވެހީންގެ ކިބައިގައި އަށަގަތުމުން އަމާނާތްތެރިކަން ފަދަ ރީތި ސިފަތައް ދިވެހީންގައި އަށަގަންނާނެކަމުގައި އަޅުގަނޑު ދަންނަވައިފިން. ހުރަވީ ދުވަހުގެ ހާދިސާ މި ކަމަށް ހެކި އެބަ ދައްކާ އިނގޭތޯ؟
ބައްލަވާ! ތާރީޚުން އެނގޭ ގޮތުގައި ހޮޅީން މާލެއަރައި އެ މީހުންނަށް ލިބުނު ދެތިން މަސްދުވަހުގެތެރޭގައި ސަތޭކައެއްހައި މީހުން ހަތިޔާރާއެކު މާލެ ބަލަހައްޓަމުން ދިޔަ. މި ވަރަށް އެމީހުން ފަރުވާތެރިވެގެން ތިއްބާ މުލީގޭ ދޮން ހަސަން މަނިކުފާނު ނުވަތަ ދޮންބަންޑާރައިން ސިއްރިއްޔާތުގައި ރޭވުންތަކެއް ރޭއްވެވި. ރަށުތެރެއިން އެކި ފުރައިގެ އެކި މީހުންނާ ވަކިވަކިން ވާހަކަފުޅުދެއްކެވި. އެއަށް ފަހު ޖަމާއަތްޖަމާއަތަށް ބައްދަލުވުންތައް ބާއްވަވައި، ހަމަލާދޭނެ ގޮތުގެ ރޭވުންތައް ރޭއްވެވި.
ތިން މަސް ދުވަސްވީ އިރު މި ބޮޑު ރޭވުން އޮތީ ސިއްރެއްގެ ގޮތުގައި. އެހެން އެވީ އަމިއްލަ ފަސްގަނޑު ދެކެ ވެވޭ ލޯތްބެއްގެ ބޮޑުކަމުން، އެ ފަސްގަނޑަށް އަމާނާތްތެރިވުމުގެ ރޫޙު އެ ދިވެހީންގެ ކިބައިގައި އޮތްލެއް ވަރުގަދަކަމުންކަން ޔަޤީން. އަދި އެ ދިވެހީންގެ ހިތްތަކުގައި ދީނަށް އޮތް ޚާއްޞަ ޤަދަރެއްގެ ސަބަބުންކަން ކަށަވަރު. ވީމާ މި ފަދަ ހުރިހައި ކަމެއް ގުޅިފައި މި އޮތީ ދިވެހީންގެ ހިތްތަކުގައި ޤައުމަށް އަމާނަތްތެރިވުމުގެ ސިފަ ހަރުލުމާ. އަދި ޤައުމު ދިފާޢުކުރެވޭނެ ފަދަ ހުނަރާއި ވިސްނުމާއި ޤާބިލުކަން ހުރުމާ. އެއީ ޠަބީޢީ ގޮތުން ޤައުމީ ލޯބިން ކަސީދާވެފައިވާ ސިކުނޑިތަކެއް.
ހުރަވީ ދުވަސް އަޅުގަނޑުމެންނަށް ގޮވާލަނީ ތާރީޚުން ފިލާވަޅު ލިބިގަތުމަށް. އަމިއްލަ ސިޔާސީ ފައިދާއަށް ޓަކައި ރާއްޖެއަށް ދެރަގޮތް ނުހެދުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންނަށް އިލްތިމާސްކުރަނީ ވަކިވަކިވެ ނުގަތުމަށް. އެންމެން ގުޅިގެން އެއްބައިވަންތަވެގެން މި ޤައުމު ސަލާމަތްކުރުމަށް. ހުރަވީ ދުވަސް އަޅުގަނޑުމެންގެ ކިބައިން އެދި އާދޭސް ކުރަނީ ދޮންބަންޑާރައިން ފަދައިން ޤައުމީ ޚިދުމަތަށް ޓަކައި އިސްވެ ޙަރަކާތްތެރިވާ، މި ލޮބުވެތި ދިވެހި ފަސްގަނޑަށް ވަފާތެރި ދިވެހި ދަރިޔަކަށްވުމަށް.
އޯގާވަންތަ ﷲ މި ގޮތުގައި އަޅުގަނޑުމެންނަށް ހެޔޮ ތައުފީޤު ދެއްވާށި! ދިވެހީންނަށް އަދަށްވުރެ ފަހި އުޖާލާ މާދަމާއެއް މިންވަރު ކުރައްވާށި! މި ލޮބުވެތި ވަޠަން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން!
وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ
وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.
- ހުރަވީ ދުވަސް ފާހަގަކުރަން ބޭއްވި ޚާއްޞަ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުން