"މި ސަރުކާރުން ބޭނުންވަނީ ޤާނޫނު ނަގަހައްޓަން. މި ސަރުކާރުން ބޭނުންވަނީ އިސްލާމްދީނަށް ނަޞްރުދޭން. އިސްލާމްދީނުގެ މާތް ސިފަތަކަށް އަޅުގަނޑުމެން ހުރިހައި ދިވެހީން އަހުލުވެރިވާން.
މާތްވެގެންވާ އިސްލާމްދީނުގެ މުހިންމު އެއް ތަނބަކީ ފަރުޟު ފަސް ނަމާދު. އެހެންކަމުން، ފަރުޟު ފަސްނަމާދު އޭގެ ވަގުތުގައި ޤާއިމުކުރުމަށް އަޅުގަނޑު ތިޔަ އެންމެ ބޭފުޅުންނަށް ނަސޭހަތްތެރިވަން. ޚާއްޞަކޮށް ފަތިސްނަމާދުގެ ޖަމާޢަތް ހީނަރުވިޔަ ނުދެއްވާ! ފަތިސް ނަމާދުގެ ބަރަކާތުން ދުވަސް ފެށުމުގެ އުފާ ލިބިގަންނަ އާއިލާއަކަށް ދިވެހި ކޮންމެ އާއިލާއެއް ވުމަކީ އަޅުގަނޑުގެ ހިތުގެ ދުޢާއެއް. ޝައްކެއްނެތް. ނަމާދުގެ ޖަމާޢަތް އޭގެ ފުރިހަމަ މާނައިގައި ބައިބޯ ވެއްޖެ ނަމަ، އަޅުގަނޑުމެންގެ ޤައުމު ނިކަން ވަރުގަދަވާނެ. އުފާވެރިވާނެ. ބާއްޖަވެރިވާނެ.
މީގެ އިތުރަށް އަޅުގަނޑު ފާހަގަކޮށްލަން ބޭނުން އަޅުގަނޑުމެންގެ ދުލުގެ ސީދާކަން. ވަޢުދަށް ކަމޭ ހިތުން. މުނާފިޤުންގެ ސިފަ ބަޔާންކުރައްވައި ލޮބުވެތި ރަސޫލާ صَلَّى اللهُ عَلَيْهِ وَسَلَّمَ ހަދީސްކުރައްވައިފައިވާ ބަސްފުޅެއްގެ މާނައިގައި ވަނީ މުނާފިޤުން ވާހަކަދައްކާ ނަމަ ދޮގު ހަދާނެކަމަށް. ވަޢުދެއް ވެއްޖެ ނަމަ އެ ވަޢުދާ ޚިލާފުވެ ޚިޔާނާތްތެރިވާނެކަމަށް.
އިރާދަކުރެއްވިއްޔާ އަޅުގަނޑު ތިޔަ ލޮބުވެތި ދިވެހިރައްޔިތުންނަށް އަރުވާ ޔަޤީންކަމަކީ އަޅުގަނޑު ވެއްޖެ ވަޢުދަކަށް އަޅުގަނޑު އަމާނާތްތެރިވާނަންކަން. މިސާލަކަށް، އިހަށް ދުވަހު ފާއިތުވެގެން މި ދިޔައީ މި ސަރުކާރުގެ ހަފުތާ 14ގެ ފުރަތަމަ އަމާޒު. އެއީ ހަތަރު ހަފުތާގެ ތެރޭގައި ހާޞިލުކުރާނެކަމަށް އަޅުގަނޑު ވަޢުދުވި ކަންކަން. މާތް ﷲގެ އިރާދަފުޅުން އެ މުއްދަތުގެތެރޭގައި ނިންމާނެކަމަށް ކެންޕޭނުގައި އަޅުގަނޑު ދެންނެވި ހުރިހައި ކަމެއް އެ މުއްދަތުގައި ނިންމަން ކަނޑައެޅިވަރަށް އަޅުގަނޑުމެން އެވަނީ ނިންމާފައި.
މިއީވެސް ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ދައްކަވާފައިވާ ވާހަކަފުޅެކެވެ. ސިފަވެގެންދަނީ ދީނީ ދަރުސެއްގެ ގޮތުގައެވެ. ޖަމާޢަތުގައި ނަމާދުކުރުމުގެ ވާހަކައަކީވެސް ފަހުގެ ތާރީޚުގައި ޤައުމުގެ އެންމެ އިސްވެރިޔާގެ ކިބައިން މިފަދަ މޭރުމަކުން އަޑުއިވިފައިވާ ވާހަކަތަކެއް ނޫންކަން ފާހަގަކުރެވެއެވެ.