"އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން. ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން. އިރާދަކުރެއްވިއްޔާ އެ ގޮތުގައި އަޅުގަނޑު ދެމި ހުންނާނަން."
މިއީ ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ޤައުމާއި މުޚާޠަބް ކުރައްވައ
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެފައިވާ ބަސްފުޅެކެވެ.
މިވާހަކައަކީ މާތް ﷲ އަށް ބިރުވެތިވާ ކޮންމެ މީހަކުވެސް އަޑުއަހަން އެންމެ ބޮޑަށް ބޭނުންވާނެ، އަދި ވެރިއެއްގެ ކިބައިން ތަންފީޒުވާން ބޭނުންވާނެ ކަންތަކެވެ. ނަމަވެސް މިޤަރުނުގައި ޜާއްޖޭގައި ވެރިކަން ކުރެއްވި އެއްވެސް ވެރިއަކު މިހައި ސާފުބަހުން މިވާހަކަ ދެއްކެވިކަން އެނގޭކަށް ނެތެވެ.
އެމަނިކުފާނު އެވިދާޅުވަނީ އެމަނިކުފާނުގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން ކަމެވެ. އަދި އެމަނިކުފާނުގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދެއްވުން ކަމަށާއި އިރާދަކުރެއްވިއްޔާ އެ ގޮތުގައި އެމަނިކުފާނު ދެމިހުންނަވާނެ ކަމަށެވެ!
މީގެކުރިން ވެރިން ދައްކަވާ ވާހަކަފުޅުތަކުން އަޑުއިވެނީ މިދުނިޔޭގައި ރައްޔިތުން ތަރިތަކަށް ގެންގޮސް ވަޒަންވެރިކުރުވުން ފަދަ ކަމުގެ ވާހަކަތަކެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއަރައިދާ ވާހަކަތަކެވެ. އިސްލާމް ދީނާ ޢަދާވާތްތެރި ޖަމާޢަތްތަކުން ގޮނޑި އާއި އެނދު ހޯދުމަކީ އެންމެ ބޮޑު ކާމިޔާބީ ކަމުގެ ވާހަކަތަކެވެ. އާޚިރަތް އެބަ އޮތްކަމާއި ރައްޔިތުންނަށް އާޚިރަތް ކާމިޔާބުކޮށްދޭން މަސައްކަތްކުރާނެ ކަމުގެ ވާހަކަ އަޑުމިއިވުނީ އަލަށެވެ.
"އިސްލާމީ މަފުހޫމަކުން ބަލާ ނަމަ ވެރިކަމެއްގެ އެންމެ މަތިވެރި މަސްއޫލިއްޔަތަކީ ހެޔޮކަންކަމަށް އަމުރުކުރުމާއި ނުބައިކަންކަން ނަހީކުރުން. ވެރިޔާގެ ޒިންމާއަކީ ރައްޔިތުންނަށް ދެދުނިޔޭގެ ބާއްޖަވެރިކަން ލިބޭނެ މަގު ފަހިކޮށްދިނުން. އިރާދަކުރެއްވިއްޔާ އެ ގޮތުގައި އަޅުގަނޑު ދެމި ހުންނާނަން." މިވާހަކަފުލަސްފަހު ދެން ވިދާޅުވީ "ދިވެހި މުޖުތަމަޢު ފަސާދަކުރާ ހުރިހައި އިޖުތިމާޢީ ބަލިމަޑުކަމެއްގެ ޖަރާސީމު ނައްތާލަން ގަދަ އަޅައި މަސައްކަތްކުރާނަން." ކަމަށެވެ.
ދެން ވެވަޑައިގަތީ އެހައިމެ ވަރުގަދަ ވަޢުދެކެވެ. "އަޅުގަނޑު ދިވެހި ކޮންމެ ރައްޔިތެއް ދެކެ ނުހަނު ލޯބިވަން. ރައްޔިތުންގެ ސަލާމަތާއި ދެދުނިޔޭގެ ބާއްޖަވެރިކަމާ މެދު އަޅުގަނޑު ވަރަށް ފިކުރުކުރަން. އެ ކަމަށްޓަކައި އަޅުގަނޑު އަދާކުރަން ޖެހޭ ކޮންމެ ޒިންމާއެއް އިރާދަކުރެއްވިއްޔާ ދިވެހިރައްޔިތުންނަށްޓަކައި އަދި ﷲގެ ރަސްކަންފުޅަށްޓަކައި އަޅުގަނޑު އަދާކުރާނަން." ކަމުގެ ވަޢުދެވެ.
މިހިސާބުން ދެން ވިދާޅުވީ ފާއިތުވި ހުރިހާ ސަރުކާރުތަކުން އެންމެ ބޮޑަށް އިހްމާލްވެ މުޖުތަމަޢުގައި އެންމެ ނުރައްކާތެރި ވަބާ ފެތުރުވި ޢަމަލު ހުއްޓުވާނެ ވާހަކައެވެ. އިންޓަރނެޓް ރާއްޖެއަށް ތަޢާރަފްވީ ރައީސް މައުމޫނުގެ ވެރިކަމުގައެވެ. އެއިރުންސުރެ މިހައިތަނަށްވެސް މިއޮތީ ބަރަހަނާ ފަތުރައި ފާޙިޝް ޢަމަލުތައްކުރަން މަގުފަހިކޮށޑްދީފައެވެ.
ދަރުސްދެއެވެ. ޚުޠުބާ ކިޔައެވެ. އެކަމަކު ފާޙިޝް އަމަލުކުރަން މަގުފަހިވާ ހުރިހާ ދޮރުތަކެއް ހުޅުވައި ފުޅައުކުރުން އައިސްފައިވަނީ އިތުރުވަމުންނެވެ. މިކަންކަމަކީ ދެބަސްވެވެންނެތް ޙަޤީޤަތްތަކެވެ. އެންމެންނަށް ފެންނަން ހުރި ކަންކަމެވެ.
ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:
"މި ގޮތުން ބައެއް ވާހަކަ ދަންނަވާލަން ގަސްތުކުރަން. ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓްތަކަކީ ރާއްޖޭގައި ޒަމާނުއްސުރެ މިނެއް ނެތި ހުޅުވައިލެވިފައިވާ މައިދާނެއް. ދިވެހިރާއްޖޭގެ ޤާނޫނު މިކަން މަނާކުރޭ. މި ނާތަހުޒީބު ދޮރުތައް ބަންދުކުރަން ދިވެހީންގެ ޤާނޫނާއި ދީން، ވެރިޔާގެ މައްޗަށް ލާޒިމުކުރޭ.
ހަމަ އެހެންމެ، ޒަމާނީ ދިރާސާތަކުން ކަށަވަރުވާ ގޮތުގައި މި ފަދަ މައިދާންތަކަށް ދެވިހިފުމަކީ އިންސާނާގެ ސިކުނޑީގެ ނިޒާމު ހަލާކުކޮށްލާކަމެއް. ލޮޑުކޮށްލާކަމެއް. އޭނާގެ އުފެއްދުންތެރިކަން މަރައިލާކަމެއް. ނަފުސާނީ ބަލިމަޑުކަމެއްގެ ތެރޭގައި މީހާ ޣަރަޤުކޮށްލާކަމެއް. މި ފަދަ އެތައް ސަބަބެއް އޮތީތީ މާތްވެގެންވާ އިސްލާމްދީން ވަނީ މާ ކުރިން މި ފަދަ ހުތުރު އަމަލުތައް ނަހީކުރައްވާފައި. ޤާނޫނު ވެސް ވަނީ އެކަން މަނާކޮށްފައި. އެއީ އިންސާނާއާއި ޤައުމާއި މުޅި އިންސާނިއްޔަތުގެ ސަލާމަތަށްޓަކައި.
އެހެންވީމާ، އިރާދަކުރެއްވިއްޔާ ރާއްޖޭގައި އިންޓަނެޓު މެދުވެރިކޮށް ލަދުހުތުރު މަންޒަރުތައް ބެލޭ ވެބްސައިޓުތަކަށް ވަދެވެން ހުރި ހުރިހައި ދޮރެއްގައި މި ސަރުކާރުން ތަންޑު އަޅުވާނަން. މިހާރު އެ މަސައްކަތުގެ ބޮޑުބައެއް ވަނީ ނިމިފައި. ކުރިޔަށް އޮތް ހަފުތާ ތެރޭގައި ރާއްޖެއިން ލަދުހުތުރު ވެބު ސައިޓުތަކަށް ނުވަދެވޭ ގޮތަށް އެ ފަދަ ވެބްސައިޓްތައް މުޅިން ބަންދުކޮށްލެވޭނެ."