ޤައުމަށް ވަފާތެރި ކޮންމެ ދިވެހި ދަރިއެއްގެވެސް ދުޢާއަކީ ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގަ އޮތުން!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 40ސ
ޤައުމަށް ވަފާތެރި ކޮންމެ ދިވެހި ދަރިއެއްގެވެސް ދުޢާއަކީ ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގަ އޮތުން!: ރައީސް ޑރ. މުޢިއްޒު

ޤައުމަށް ވަފާތެރި ކޮންމެ ދިވެހި ދަރިއެއްގެވެސް ދުޢާއަކީ ދިވެހީންގެ ރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުގެ އަބަދަށްވެސް އޮތުން ކަމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ޤައުމާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

ހަނގުރާމައަށް ނިކުމެވަޑައިގަންނަވަމުން ދޮންބަންޑާރައިން ބައްލަވައިގަތް ނަދުރުފުޅުގައި ނުވަތަ ކުރެއްވި ދުޢާފުޅުގައި ކީރިތި ﷲއަށް ދަންނަވައިފައިވަނީ ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލަހައްޓަވައިދެއްވާނދޭވެ! އަޅުގަނޑުމެންގެ ދުޢާއަކީ ވެސް އަދި ޤައުމަށް ވަފާތެރި ކޮންމެ ދިވެހި ދަރިއެއްގެ ދުޢާއަކީ ވެސް އިރާދަކުރެއްވިއްޔާ މިއީ. ދިވެހީންގެ ރާއްޖެ ދިވެހީންނަށް އޮތުން. 

ދިވެހިބަހާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ވަޒީރު ވިދާޅުވިހެން ދޮންބަންޑާރައިން ޖިހާދަށް ނިކުމެވަޑައިގަންނަވަމުން ކުރެއްވި ދުޢާފުޅު ތާރީޚުން ފެންނަން އެބަ އޮތް. އެ ދުޢާފުޅުގެ އިތުރަށް ދަންނަވަންތޯ؟ އެ ހާދިސާ ހިނގުމުން ހޮޅިންގެ ހަމަލާއިން ރާއްޖެ ސަލާމަތްވުމަށް ފަހު، އެ ކަން ހިނގައި ދިޔަ ގޮތުގެ ތަފުސީލު ހިމަނައި ސިލޯނު ސަރުކާރަށް ދިވެހި ރަސްކަމުގެ ފަރާތުން ފޮނުއްވި ފަތްކޮޅެއް ވެސް ފެންނަން އެބަ އޮތް. 

ދިވެހި ދައުލަތުން ސިލޯނުގެ ސަރުކާރަށް ފޮނުއްވި މި ފަތްކޮޅު ލިޔުއްވައިފައި އޮތީ ދިވެހި ބަހުން. ދިވެހި ތާނަ އަކުރުން. އެ ފަތްކޮޅުގައި މި ކަން ހިނގައިދިޔަ ގޮތް ސިލޯނު ސަރުކާރަށް ޚަބަރުކުރެއްވުމަށް ފަހު، އެ ސަރުކާރުގެ ސަރަހައްދުގެ ތެރޭގައި ނުވަތަ އިމުގެ ތެރޭގައި ދިވެހި ދައުލަތާ ޢަދާވާތްތެރި ބަޔަކު ނުވަތަ މީހަކު އުޅޭ ނަމަ ދިވެހި ދައުލަތަށް އަންގަވައިދެއްވުމަށް ވެސް އެދިވަޑައިގެންފައިވޭ. 

ހުރަވީ ދުވަހުގެ ހާދިސާއިން އަޅުގަނޑުމެންނަށް މި ފެންނަނީ ކޮން ކަހަލަ މާތް ޝަޚްޞިއްޔަތެއްތޯ؟ ކޮން ފަދަ ހަރުދަނާ ދިވެއްސެއްތޯ؟ އެއީ އެއްވެސް ރަސްމީ ހައިސިއްޔަތެއް ނެތި، އަމިއްލައަށް އިސްނަގައިގެން، ދިވެހިރާއްޖޭގެ ބޭރާއި އެތެރޭގެ ދުޝްމަނުންނާ ކުރިމަތިލައި ރާއްޖެއަށް ނަޞްރު ހޯދައިދިން ތެދުވެރި ދިވެހި ދަރިއެއް. އެއީ ރަސްކަމާއި އާރާއި ބާރު ލިބިވަޑައިގަތުމުން ރާއްޖެ ސަލާމަތްކުރެއްވުމުގައި ބޭރުގެ ބާރުތަކާއެކު ސިޔާސީ މުޢާހަދާތައް ކުރެވުނު އިރު ވެސް، ލޮލުގެ ކޮއި ފަދައިން ދިވެހި ފަސްގަނޑުގެ ސަލާމަތާ މެދު ސަމާލުވެވަޑައިގަތް އަމާނާތްތެރި ވެރިއެއް. 

އެއީ ރާއްޖެ ކުޑަ ކަމުން އާބާދީ މަދުކަމުން ފަގީރުކަމުން ހަމަ އިންޗިއެއް ވެސް ފަހަށް ޖެހިވަޑައިނުގެން ބައިނަލްއަޤުވާމީ ސިޔާސީ މައިދާނުގައި ދިވެހީންގެ ވުޖޫދު ކަށަވަރުކޮށްދެއްވި ހިތްވަރު ގަދަ ޢިއްޒަތްތެރި ސިޔާސީ ލީޑަރެއް. ހަމަ އެހެންމެ، އެމަނިކުފާނުގެ ދުޢާފުޅުން އެ ފެންނަނީ މި ކަންކަން މިހާ ފުރިހަމަ ކޮށް އޮތް ސަބަބު. އެއީ ދިވެހިރާއްޖޭގެ މައްޗަށް އެމަނިކުފާނުގެ ހިތްޕުޅުގައި އުފެދިފައިވާ މަތިވެރި ޤައުމީ ލޯބި. ދިވެހިރާއްޖެ ދިވެހީންގެ މިލްކެއްގެ ގޮތުގައި އަބަދުމެ ލެހެއްޓެވުން އެދި ﷲގެ ހަޟްރަތުގައި މުނާޖާ ދެންނެވުމުގައި ހުރި ދިވެހި ޤައުމިއްޔަތުގެ ފުރިހަމަ އަސަރު. 

ޤައުމެއް ސަލާމަތްކުރުމުގައި ޤައުމީ ލޯބި މުހިންމުވަނީ މިހެންވެގެން. ޤައުމަކަށް ދައުލަތެއް ލިބެނީ އެ ޤައުމެއްގެ އަތުގައި ބިމެއް އޮވެގެން. އެ ބަޔަކުގެ ބާރުގެ ދަށުގައި އެބަޔަކު ދިފާޢުކުރާ ވަޠަނެއް ނުވަތަ ބިމެއް އޮވެގެން. އެހެންވީމާ، އެ ބިން ދިފާޢުކުރުމުގެ ރޫޙާއި ކެރުމާއި ހިތްވަރާއި ހުނަރާއި މަސައްކަތްތެރިކަމުގެ ޤާބިލުކަން އެ ޤައުމެއްގައި އުފައްދަންޖެހޭ. އަށަގަންނަވަންޖެހޭ. 

އަޅުގަނޑު މި މަޤާމާ ހަވާލުވެ ދިވެހި ރައްޔިތުންނާ މުޚާޠަބުކޮށް ފުރަތަމަ ވާހަކަދެއްކި ދުވަހު އަޅުގަނޑުގެ ވެރިކަން ހިންގުމުގެ ސިޔާސަތު ހާމަކުރިން. އެ ސިޔާސަތު ބިނާވަނީ އުމްރާނީ ބިނާކުރުމާއި އިންސާނީ ބިނާކުރުމުގެ މައްޗަށް ކަމަށް ދެންނެވިން. އަދި އިންސާނީ ބިނާކުރުމަކީ ސިކުނޑި ބިނާކުރުން ކަމަށް ދެންނެވިން. ސިކުނޑި ބިނާކުރުމުގައި ޤައުމާ އެއްކޮޅަށް ހަރަކާތްތެރިވާ ނުވަތަ ޤައުމު ދެކެ ލޯބިވުމުގެ ފުން އިޙްސާސާ ގުޅިފައިވާ ސިކުނޑިތަކެއް ބިނާކުރާނެކަމަށް އަޅުގަނޑު ދެންނެވިން. 

މި ކަމުގައި ދައުލަތުގެ ހުރިހައި މުއައްސަސާއެއް ބައިވެރިވާނެ. ތިޔަ ލޮބުވެތި ދިވެހި ހުރިހައި ރައްޔިތުންގެ ތާއީދާއި އެހީތެރިކަމަށް އަޅުގަނޑު އެދުނިން. މިއަދު މި ވަގުތު ވެސް އެދެން. މިކަމާ ގުޅޭ ޚާއްޞަ މަޝްރޫޢު ކަމުގައިވާ ދިވެހި ޤައުމިއްޔަތު އިޢާދަކުރުމުގެ ޤައުމީ މަޝްރޫޢު އިރާދަކުރެއްވިއްޔާ ކާމިޔާބު ކަމާއެކީ ކުރިޔަށްދާނެ. އެކަމަށްޓަކައި ސަރުކާރުގެ ހަފުތާ 14 ތެރޭގައި ޤައުމީ ތަރިކަ ދިރާސާކުރާ މަރުކަޒަކާއި ޤައުމީ ތަރިކައިގެ ކޮލެޖެއް ހުޅުވޭނެ.

ހަމަ އެހެންމެ، މަދުރަސާ ކުދިންގެ މަންހަޖުގެ ތެރެއަށް ޤައުމިއްޔަތުގެ ނަމުން، މާއްދާއެއް އިތުރުކުރެވޭނެ. ބޭނުމަކީ ދިވެހި ކުދީންނަށް ދެވޭ ތަޢުލީމަކީ ދިވެހިރާއްޖެއަށްޓަކައި ދެވޭ ތަޢުލީމަކަށް ހެދުން. ދިވެހި ދަރީން ބިނާކުރުމަށްޓަކައި ދެވޭ ތަޢުލީމަކަށް ހެދުން. ދިވެހި ފަސްގަނޑާއި ވަޠަން ދެކެ ލޯބިވާ ޖީލެއް އުފެއްދުން. އަޅުގަނޑު ދެކޭ ގޮތުގައި ދިވެހީންގެ ކިބައިގައި އިހު އޮތް ނަޒާހަތްތެރިކަމާއި އަމާނާތްތެރިކަމާއި މުރާލިކަމާއި މި ފަދަ ހުރިހާ މާތް ސިފަތަކެއް އަށަގެންނެވުމަށްޓަކައި ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ. ދިވެހި ޤައުމަކީ އެކަކު އަނެކަކުގެ މައްޗަށް ކުލުނާއި އަގަލު ހުންނަ، ދުވަސްވީ މީހުންނަށް ކަމޭ ހިތާ، ތިމާއަށް ވުރެ އިސް މީހާއަށް ޤަދަރުކުރާ ޤައުމަކަށް ހެދުމަށް ވަރަށް ހިންމަތްކުރަންޖެހޭ. ތަހުޒީބަކީ ތަރައްޤީއަކީ އެއީ. މި ކަންކަން ކުރިޔަށް ގެންދެވޭނީ ދިވެހި ޤައުމިއްޔަތު އިޢާދަކުރެވިގެން. ސަބަބަކީ މިއީ ހައްތާ ވެސް ދިވެހި ޤައުމިއްޔަތުގެ ސިފަތައް. އެ ޤައުމިއްޔަތުގެ ނާރެހަކީ ނުވަތަ މަދަކީ މާތްވެގެންވާ އިސްލާމްދީން. އިސްލާމީ ތަރުބިއްޔަތު.

 

މިއަދު އޮންލައިން