މާނިކަމެތި، މާފަޤީރު އިރުވެސް ބާރުގަދަ ފަރަންސޭސީންނާއެކު އެއްބަސްވުން އެކުލަވައިލީ ދިވެހިން ބޭނުންވާ ގޮތަށް! މިނިވަންކަމާ ދީން ޙިމާޔަތްކުރެވޭނެ ގޮތަށް!: ރައީސް ޑރ. މުޢިއްޒު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 5މ 34ސ
މާނިކަމެތި، މާފަޤީރު އިރުވެސް ބާރުގަދަ ފަރަންސޭސީންނާއެކު އެއްބަސްވުން އެކުލަވައިލީ ދިވެހިން ބޭނުންވާ ގޮތަށް! މިނިވަންކަމާ ދީން ޙިމާޔަތްކުރެވޭނެ ގޮތަށް!: ރައީސް ޑރ. މުޢިއްޒު

ރާއްޖެ މާނިކަމެތި، މާފަޤީރު އިރުވެސް އެއިރު ދުނިޔޭގެ އެންމެ ބާރުގަދަ ޤައުމުތަކުގެ ތެރޭގައި ހިމެނޭ ފަރަންސޭސީންނާއެކު އެއްބަސްވުން އެކުލަވައިލީ ދިވެހިން ބޭނުންވާ ގޮތަށް، ދިވަހި ދައުލަތުގެ މިނިވަންކަމާއި އިސްލާމް ދީން ޙިމާޔަތްކުރެވޭނެ ގޮތަށްކަމަށް ރައީސުލްޖުމްހޫރިއްޔާ  ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. 

އެމަނިކުފާނު މިމޭރުމުން ވިދާޅުވެފައިވަނީ ރޭ ބޭއްވި ހުރަވީ ދުވަހުގެ ރަސްމީ ޖަލްސާގައި ދިވެހި ޤައުމާއި މުޚާޠަބް ކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

ހުރަވީ ދުވަހާ ގުޅިފައިވާ ހާދިސާއަށް ބަލާ އިރު، އެ ކަމުގައި ތާރީޚުގެ އަލިފަރާތަކާއި ތާރީޚުގެ އަނދިރި ފަރާތެއް އެބަ ފެނޭ. ތާރީޚުގެ އަލިފަރާތުން ފެންނަނީ ދުވަހުގެ ބަޠަލް މުލީގޭ ދޮން ޙަސަން މަނިކުފާނު ނުވަތަ ދޮން ބަންޑާރައިންނާއި، އެމަނިކުފާނަށް ވަފާތެރި ދިވެހީންގެ ލަޝްކަރު. 

ތާރީޚުގެ އަނދިރި ފަރާތުން ފެންނަނީ ދިވެހި ޤައުމަށް ޚިޔާނާތެރިވި އަދި ހޮޅިންގެ އަތުން ކަނޑުފައްތާ މަރާލި ޝަމްސުއްދީނާއި މުޙްޔިއްދީނާއި އެ ދެ މީހުންގެ ދަޢުވަތަށް އައި އަނިޔާވެރި ހޮޅީންގެ ލަޝްކަރު. 

މި ޙާލަތުގައި މި ހާދިސާގެ ދެފަރާތަށް ބަލައިލަން އަޅުގަނޑު ބޭނުންވޭ. އެންމެ ފުރަތަމަ، މައްސަލައިގެ އަނދިރިފަރާތް. 

ޝަމްސުއްދީނާއި މުޙްޔިއްދީނަކީ ދިވެހި ދައުލަތުގެ މަތިފަޑީގައި ތިއްބެވި ދެ ބޭފުޅުން. ވެރިކަމުގެ ދަހިވެތިކަމުގައި އެ ބޭފުޅުން ބޭރުގެ ބާރެއްގެ އެހީ ހޯއްދެވި. އަދި ކަނޑައެޅިގެން ދޮގު ވާހަކަތައް އެއް ފަހަރަށް ވުރެ ގިނަ ފަހަރު ސިޓީބިޓީގެ ޒަރީއާއިން ހޮޅީންނަށް ލިޔުއްވި. 

ނަތީޖާއަކަށްވީ ހޮޅީންގެ ލަޝްކަރު މާލެ އަރައި މާލެ ސުންނާފަތިކޮށްލުން. އަދި އެންމެ ފަހުން ތިމާގެ އަމިއްލަ ޤައުމަށް ޚިޔާނާތްތެރިވި ބަޔަކު އެހެން ދައުލަތަކަށް ވަފާތެރިވާނެހޭ ބުނެ ހޮޅީން، މި ޣަދަރުވެރި ދެ ދިވެހީން ކަނޑުފައްތައިމެރުން. 

މި ހުންނަނީ ދިވެހިރާއްޖެ ދެމި އޮތްހައި ދުވަހަކު ހަމަ ކޮންމެ ދިވެހި ދަރިޔަކު ފިލާވަޅު ލިބިގަންނަންޖެހޭ ކަންކަން. ޤާނޫނީ ސަރުކާރަކަށް ލޮޅުން އަރުވާލަން، އަދި ވަކިން ޚާއްޞަކޮށް، ތިމާމެންގެ އާރާއިބާރު ދައްކާލަން ބޭނުންވީމާ ރައްޔިތުންނަށާއި މި ލޮބުވެތި ދިވެހިރާއްޖެއަށް ކޮންމެ ގޮތެއް ވިޔަސް ވަރިހަމަކަމަށް ނިންމުމަކީ، ދިވެހި ދައުލަތަށާއި މި ލޮބުވެތި ދިވެހި އާއިލާއަށް ކަނޑައެޅިގެން ޣައްދާރުވުން. ޤައުމަށް ދެރަ ލިބޭނެހެން ކަންކަން ރާވައި ހިންގައި، ޤައުމަށް ޣައްދާރުވާ މީހުންނަކީ ފިނޑި ނިކަމެތި ބައެއް. 

ދެން އަޅުގަނޑު ދަންނަވާލާނީ ހުރަވީ ދުވަހުގެ އަލިފަރާތް. ދޮންބަންޑާރައިންނާއި އެމަނިކުފާނަށް ވަފާތެރިވި އިޚްލާޞްތެރި މަދަދުވެރީންގެ ތެދުވެރިކަން. ފާހަގަކުރެވޭ ޙަޤީޤަތަކީ މި ބޭފުޅުންގެ އެއްވެސް އަމިއްލަ އެދުންފުޅެއް ނެތްކަން. އޮތީ ހަމައެކަނި ޤައުމާއި ދީން ސަލާމަތްކުރެއްވުމުގެ ވިސްނުންފުޅުކަން. 

މި ޙަޤީޤަތް ޔަޤީންވެ ކަށަވަރުވާ އެއް ކަމަކީ ހަނގުރާމައިން ނަޞްރު ލިބިވަޑައިގަތީމާ ވެސް ތަޚުތު ގަބޫލު ނުކުރެއްވިކަން. ހަމަ އެހެންމެ، ރައްޔިތުންގެ ފަރާތުން ވެދުމަކަށް އެރުވި ފައިސާގައި ވެސް ބީހިވަޑައިނުގަތްކަން. އެނގިވަޑައިގަންނަވާނެ ފަދައިން، ހޮޅިން ބަލިކުރެއްވުމަށް ފަހު، ދައުލަތް ހިންގަވަން ހަވާލުކުރެއްވީ، ކުރިން ހުންނެވި ރަސްގެފާނުގެ ބޭފުޅުންނާ. ދޮންބަންޑާރައިން ތަޚުތުގައި އިށީނދެވަޑައިގަތީ، ކުރީގެ ރަދުންގެ ދެ ބޭފުޅުން ވެސް ތަޚުތާ ދުރަށް ވަޑައިގެން ދޮންބަންޑާރައިންނަށް ތަޚުތު ހުށަހެޅުއްވުމުން. އެހިނދަށް އެމަނިކުފާނު ފިޔަވައި އެކަށޭނަ އެހެން އެއްވެސް މީހަކު ނެތްކަން ރައްޔިތުންނަށް ގަބޫލުކުރެވިގެން އެ ނޫން ގޮތެއް ނެތިގެން. 

މި ގޮތުން ހުރަވީ ދުވަހުގެ ބަޠަލް ދޮންބަންޑާރައިންގެ އިޚްލާޞްތެރިކަމާއި މާތް އަޚްލާޤަކީ މި ހާދިސާގައި ތާރީޚުގެ އަލިފަރާތުން ފެންނަ ވަރަށް އުޖާލާ މިސާލެއް. 

ހުރަވީ ދުވަހުގެ ބަޠަލުގެ މާތް އަނެއް ސިފަފުޅަކީ ނިންމަވާ ކޮންމެ ނިންމެވުމެއް ދިވެހި ޤައުމާ އެއްކޮޅަށް ނިންމަވާކަން. އަދި އެ ދުވަސްވަރުގެ ޖިއޯޕޮލިޓިކަލް ޙަޤީޤަތުގެ މައްޗަށް ލޯފުޅު ހުޅުއްވިފައިވާލެއް ބޮޑުކަން. މީގެ މިސާލަކީ ހޮޅީންގެ ދުއްތުރާތައް ރާއްޖެއަށް އެކި ގޮތްގޮތަށް އައުން ގިނަވާން ފެށީމާ، އެ ދުވަސްވަރު މި ސަރަހައްދަށް ނުފޫޒުފޯރުވަމުން ގެންދިޔަ ފަރަންސޭސީންނާ ވާހަކަދައްކަވައި، ދޮންބަންޑާރައިންގެ އިސްނެންގެވުމަށް ފަރަންސޭސިންނާއެކު ދިވެހި ދައުލަތުންވި އެއްބަސްވުން. މި އެއްބަސްވުން އެކުލަވައިލެއްވުމުގައި ދޮންބަންޑާރައިންގެ ވިސްނުންފުޅަކީ ހޮޅީން ދޭތެރެދޭތެރެއިން މާލެއަށާއި އަދި ރާއްޖޭގެ އެހެން ރަށްރަށަށް އަރައި ގެއްލުންތައް ދެމުން އަންނަ އައުމުން ދިވެހި ޤައުމު ސަލާމަތްކުރެއްވުން. ނަމަވެސް، ތާރީޚުން އެނގޭ ގޮތުގައި މި އެއްބަސްވުން ބިނާވެފައި އޮތީ ފަރަންސޭސީންނަށް ދިވެހި ދައުލަތުގެ ބާރުތައް ފަހަނައަޅައި ނުދެވޭގޮތަށް. ދިވެހީންގެ ގަބޫލުކުރުންތަކާއި އުސޫލުތަކަށް ފަރަންސޭސީން ކަމޭހިތަން ޖެހޭ ގޮތަށް.

ކުރުކޮށް ދަންނަވާ ނަމަ، ދިވެހިރާއްޖޭގެ ދީނާއި ދިވެހި ބިން، ދިވެހިރާއްޖޭގެ ޤައުމީ ސިޔާދަތާއި ދިވެހީން، މި ހުރިހައި ކަމަކާ ގުޅޭ ބާރާއި އިޚްތިޞާޞެއްގެ ޙައްޤު ދިވެހި ދައުލަތުން ކަށަވަރުކުރާ ގޮތަށް. ފަރަންސޭސީންނަށް އެއިން ކަމަކާ ޚިލާފުނުވެވޭގޮތަށް. އަދި ކީއްތޯ؟ އެ ކަންކަމަށް ފަރަންސޭސީން ކުޑަވެސް ޚިލާފެއް ވެއްޖެއްޔާ އެ އެއްބަސްވުން ބާޠިލުވާ ގޮތަށް. 

މި ދަންނަވާލެވުނީ ގާތްގަނޑަކަށް މީގެ 270 އަހަރު ކުރީގެ ވާހަކައެއް. އޭރު ދުނިޔޭގެ ބޮޑު ބާރަކާއެކު ދިވެހި ދައުލަތުން ގުޅުމެއް އުފެއްދި އިރު، ދިވެހި ދައުލަތުން ހިފަހައްޓަވައިފައިވާ ހަރުދަނާ ގޮތްތަކުގެ ވާހަކަ. މި ދައުލަތުގެ ސަލާމަތަށް ޓަކައި އެހެން ބާރެއްގެ އެހީ ހޯއްދެވި އިރު ވެސް، ދިވެހި ދައުލަތުގެ ސިޔާދަތީ ހުރިހައި ބާރެއް ދިވެހި ދައުލަތުގެ ފަރާތުން އޭރުގެ ރަސްގެފާނު ދޮންބަންޑާރައިން ކަށަވަރުކުރެއްވި ހިތްވަރުފުޅު ގަދަ އާދަޔާ ޚިލާފު ޙަޤީޤަތުގެ ވާހަކަ. މި ހުންނަނީ ވަރަށް ބޮޑެތި ފިލާވަޅު. ގައިމު ވެސް މީގެ ދުއިސައްތަ އެތައް އަހަރެއް ކުރިން، މީލާދުން 1750ގެ އަހަރުތަކުގެ ތެރޭގައި ދިވެހިރާއްޖެ އަދި މާ ފަގީރުވާނެ. މާ ނިކަމެތިވާނެ. އޭރު އަވަށްޓެރި ބައްރެއްގައި އޮތް ދައުލަތަކުން އެ ދިޔައީ ރާއްޖެއަށް މެދުނުކެނޑި ގޯނާ ކުރަމުން. އެހާލަތުގައި އެ ކަމުން ސަލާމަތްވާން ފަރަންސޭސީންގެ އެހީތެރިކަމަށް މި އެދުނީ މި ކުޑަކުޑަ ދިވެހިރާއްޖެއިން. ދިވެހި ދައުލަތުން. އެކަމަކު ވެސް އެ ޙާލަތުގައި ވެސް ދިވެހީން ދިވެހީންގެ ދިވެހިވަންތަކަން ކަށަވަރުކޮށްދީފި. ދައުލަތެއްގެ ގޮތުގައި ދިވެހީންގެ ހުރި ސިޔާސީ ފުދުންތެރިކަން ސާބިތުކޮށްދީފި. ދިވެހި ޤައުމާ އެއްކޮޅަށް ހުރިހައި ނިންމުމެއް، ހުރިހައި އެއްބަސްވުމެއް ކަނޑައެޅުމުގެ ޤާބިލުކަމާއި ސާބިތުކަމާއި ކެރުމާއި އީމާން މި ކަމުން އެބަ ދައްކައިދޭ. އެހެންވީމާ، މިއީ ވެސް ހުރަވީ ދުވަހުގެ ބަޠަލާ ގުޅޭ ޚާއްޞަ ފިލާވަޅެއް. ދިވެހިރާއްޖޭގެ ސަލާމަތް އޮތީ މި ގޮތުގައި.

މިއަދު އޮންލައިން