ހުރަވީ ދުވަސް ފާހަގަކުރައިރު ހޮޅިންނަށް ރާއްޖެ ހަދިޔާކުރިކުރުމަކީ މާޒީކަމަށް ބަލައިގެން ތިބެވޭކަށް ނެތެވެ. ދާދި މިދާކަށް ދުވަހު ލީކުވެފައިވާ އޯޑިއޯތައް އަޑުއެހުމުން ދިވެހިން އަޅުވެތިވާނެ ގޮތަށް ކަންތައްތަކެއްކުރަން މަޝްވަރާތަކެއް ކުރެވުނުކަން ވަނީ ހާމަވެފައެވެ. ފައިސާކޮޅަކަށް އެދި ބައަކު އާދޭސްކުރިކަން ވަނީ ހާމަވެފައެވެ.
ވީމާ ހޮޅިންނަށް ދަޢުވަތުދީ ރާއްޖެ އަޅުވެތިކުރުވި ޙަސަން ތާޖުދީންގެ ޣައްދާރު 2 ދަރިންގެ ވިސްނުން ހުރި ބައަކު މިހާރުވެސް މި ދިވެހިރާއްޖޭގައި އެބަތިބިކަން އެއީ ޤަބޫލުކުރަންޖެހޭނެ ކަމެކެވެ. ވީމާ އެއީ މާޒީކަމަށް ނިންމާލައިގެން ތިބެވޭކަށް ނެތެއް ނޫންތޯއެވެ؟
ހުރަވީ ދުވަސް ފާހަގަކުރަން ބޭއްވި ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހުރަވީ ދުވަސް ސިފަކޮށް ދެއްވާފައިވަނީ މިފަދައިންނެވެ.
މިއަދު ޤައުމީ ފެންވަރުގައި އަޅުގަނޑުމެން މި ފާހަގަކުރަނީ، 1445 ވަނަ އަހަރުގެ ހުރަވީ ދުވަސް. މި ރަސްމިއްޔާތުގައި ތަކުރާރުކޮށް އިވިގެން ދިޔަ ފަދައިން، ހުރަވީ ދުވަހަކީ އުތުރު ކަރައިގެ ހޮޅީންނާ ހަނގުރާމަ ކުރައްވައި ދޮންބަންޑާރައިން، ނުވަތަ އައްސުލްޠާނުލްޣާޒީ ޙަސަން ޢިއްޒުއްދީން ސިރީ ކުލަރަން މީބަ ކައްތިރި ބަވަނަ މަހާރަދުން، ދިވެހި ދައުލަތަށް ނަޞްރު ހޯއްދަވައިދެއްވި ފަޚުރުވެރި ދުވަސް.
މި ދުވަހަކީ ދިވެހި ތާރީޚު އަޅުގަނޑުމެންނަށް މުހިންމު ފިލާވަޅުތަކެއް ދަސްކޮށްދޭ ދުވަހެއް. މުހިންމު ޢިބްރަތްތަކެއް ޙާޞިލުކޮށްދޭ ދުވަހެއް. އެނގިވަޑައިގަންނަވާނެ ފަދައިން، މި ހާދިސާ ހިނގައިފައިވަނީ، ހިޖުރައިން 1166ވަނަ އަހަރުގެ ޞަފަރު މަހުގެ 13ވަނަ ވިލޭރޭ. މިއީ ދިވެހިރާއްޖެ ތަޖުރިބާކުރި ނުރައްކާތެރި ޢުދުވާނެއް. ދިވެހީންގެ މަދު ބަޔަކާއި ބޭރުގެ ބަޔަކާ ގުޅިގެން ދިވެހި ޤައުމާ ދެކޮޅަށް ހިންގި ވަރަށް ބޮޑު ޖަރީމާއެއް. މި ދުވަސް ދިވެހި ޤައުމީ ޙަޔާތުގެ ޚާއްޞަ ޙަޤީޤަތްތަކެއް ބުނެދޭ. ދިވެހި ސިޔާސީ މާޒީގެ މުހިންމު ފިލާވަޅުތަކެއް މި ޒަމާނަށް ގެނެސްދޭ.