ޢުމްރާވުމަށް ދާ މީހުން ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-(1): ޝައިޚް ފަރީދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
ޢުމްރާވުމަށް ދާ މީހުން ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-(1): ޝައިޚް ފަރީދު

ފަރުޟު ޙައްޖެއް އަދާކުރުން އޮތީ 1 ފަހަރުއެވެ. ނަމަވެސް ކެރިފޯރުންތެރިކަން ހުރިވަރަކުން، އެމީހަކަށް ވެވުނުހައި ގިނައިން ޢުމުރާވާންވީއެވެ. އެއީ އެމީހެއްގެ ފާފަތައް ފުއްސަވައި ރަހްމަތް ލައްވަވާނޭ ކަމެކެވެ. ދުނިޔޭގައި ހުރެގެން ކުރެވޭނެ އެންމެ މަތިވެރި އެއް އަޅުކަމެވެ. 

ޢުމުރާވުމަށް ދާންޖެހޭނީ ތަކްލީފްތައް އުފުލަން ތައްޔާރުވެގެންނެވެ. އެނބުރި ނާދެވިދާނެކަމަށްވެސް ތައްޔާރުވެގެންނެވެ. މަދުން ނަމަވެސް ޙައްޖާއި ޢުމުރާގެ ދަތުރުތަކުގައި އެތައް ބައަކު ނިޔާވެއެވެ. އެއިގެ ތެރޭގައި ޒުވާން ޢުމުރުގެ މީހުންވެސް ހިމެނެއެވެ. އެއީ އެމީހުންނަށް ލައްވަވާ ވަރަށް ބޮޑު ރަހްމަތެކެވެ. އެމީހުން ވަޅުލެވެނީ އެންމެ މާތް ބިމުގައެވެ. އެމީހުންގެ މައްޗަށް ޙަރަމްފުޅުގައި އެތައް ހާސް ބައަކު ކަށުނަމާދުކުރެއެވެ. އެމީހުންގެ ފާފަތައް ފުއްސަވައި ދެއްވެވުން އެދިގެން ދުޢާކުރެއެވެ. އެއީ ކޮންފަދަ ބޮޑު ރަހްމަތެއްތޯއެވެ؟ 

އެއީ ދަތުރުގައާއި އަޅުކަންކުރާއިރު ވަރަށް ގިނަ ތަކްލީފްތައް އުފުލަންޖެހޭނެތީއެވެ. ހިތް ނޭދުނަސް ކެތްތެރިވާންޖެހޭނެ ވަރަށް ގިނަ ކަންކަން ކުރިމަތިވާނެތީއެވެ. އަބަދުވެސް ހިތުގައި ބާއްވަންވީ ތިމާ މިއުޅެނީ މަތިވެރި އަޅުކަމެއް އަދާކުރަން ކަމެވެ. ކުރިމަތިވާ ތަކްލީފްތަކަށް ކެތްތެރިވާނަން ކަމެވެ. 

ފައިސާ އަތުގައި ހުރިނަމަވެސް ޢުމުރާ ވެވޭނީ އެކަމަށް އެދިގެން މަސައްކަތްކުރުމުން އެމީހަކަށް އެކަން ހިންމަވައި ދެއްވެވުމުންނެވެ. ނޫންނަމަ އަތުގައި ފައިސާހުރި ނަމަވެސް ޢުމުރާއެއް ނުވެވޭނެއެވެ. ތަނަވަސްކަމާއި ޞިއްހަތު ހުރެމެ އެތައް ހާސްބައަކަށް ޢުމުރާ ނުވެވި ދުނިޔެދޫކުރަންޖެހޭތަން އަބަދުވެސް މިދަނީ ފެންނަމުންނެވެ. 

ﷲ ތަޢާލާއަށް އެކަމަށް ތައުފީޤް ދެއްވެވުން އެދި ދުޢާކުރަންވާނެއެވެ. އަދި ޢުމުރާވުމަށް ނިޔަތް ގަތުމަށްފަހުގައިވެސް ހެޔޮ ޢަމަލުތައް ކުރުން ގިނަކުރަންވާނެއެވެ. ދުލާއި އެހެން ގުނަވަންތައް ރައްކައުތެރިކުރަން ގަދައަޅައި މަސައްކަތްކުރަންވާނެއެވެ.  

ޢުމުރާއަށް ފުރުމުގެ ކުރިން އެހެން މީހުންގެ ޙައްޤުތައް އަދާކުރަންޖެހޭނެއެވެ. މާފަށް އެދެންޖެހޭ މީހުންގެ ކިބައިން މާފަށް އެދެންޖެހޭނެއެވެ. މާފަށް އެދުމުގައި ފިރިމީހާގެ ގާތުގައި ތިމާއަށް ސިއްރުން ކުރެވިފައިވާ ފާފަތައް ކިޔައިދީ އަމިއްލައަށް ބޭޒާރުވުމެއް ނެތެވެ. އޮތީ އިޚްލާޞްތެރި ތައުބާއަކުން ތައުބާވެ އިތުރަށް ފާފަނުކުރުމެވެ. 

- އަސްކޮއި ޓްރެވަލް ސަރވިސް މެދުވެރިކޮށް ޢުމްރާއަށްދާ 2 ގްރޫޕުގެ މީހުންނަށް ޝައިޚް އިބްރާހީމް ފަރީދު އަހްމަދު ދެއްވި ނަޞޭޙަތުން

 

މިއަދު އޮންލައިން