އަންނަ ހަފްތާއިން ފެށިގެން އާސަންދައިގެ ދަށުން ހިލޭ މެޑިކަލް ޗެކަޕް ހެދޭނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެއްޖެއެވެ.
ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި ފުރިހަމަކުރުމަށް ނިންމާފައިވާ ކަންކަމުގެ ތެރެއިން 4 ހަފްތާގެ ތެރޭގައި ފުރިހަމަވެފައިވާ ކަންކަން މީޑިއާއާއި ހިއްސާކުރުމަށް ބޭއްވި ނުސްވެރިންގެ ބައްދަލުވުމުގަައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކެޓްރީ ފޮރ ޕަބްލިކް ޕޮލިސީ މުޙައްމަދު ފިރުޒުލް ވިދާޅުވީ، އާސަންދައިން މެޑިކަލް ޗެކްއަޕްތައް ހެދުމަށްޓަކައި ތަފާތު އެކި ޕެކޭޖްތައް ތައާރަފްކުރެވިގެންދާނެ ކަމަށެެވެ. އަދި އަންނަ ހަފްތާއިން ފެށިގެން ސަރުކާރުގެ ހޮސްޕިޓަލްތަކުން އާސަންދައިގެ ދަށުން މި ޚިދުމަތް ލިބެން ފަށާނެކަމަށްވެސް ފިރުޒުލް ވިދާޅުވިއެވެ.
"ވަކި ވަކި އުމުރު ފުރާތަކަށްވެސް ހާއްސަ ޕެކޭޖްތަކެއް ތައާރަފްކުރެވިގެންދާނެ، އަދި 2024ވަނަ އަހަރު ފުރަތަމަ ކުއާޓަރ ދެވަނަ ކުއާޓަރއިން ފެށިގެން މި ޕެކޭޖްތައް ފުޅާކުރެވި، ގިނަ ރައްޔިތުންނަށް އޭގެ ފައިދާ ލިބިގެންދާނެ،" ފިރުޒުލް ވިދާޅުވިއެވެ.
ފިރުޒުލް ވިދާޅުވީ މެޑިކަލް ޗެކަޕް ހެދުމުގެ އިތުރުން ދަރިމައިވުމާގުޅޭ ފަރުވާގެ ޙިދުމަތްތައް، އާސަންދަ މެދުވެރިކޮށް މިއަދުން ފެށިގެން ލިބެން ފަށާނެކަމަށާއި ކުރިއަށް އޮތް ދުވަސްތަކުގައި އިދާރީ އިންތިޒާމްތައް ހަމަޖެއްސުމަށްފަހު، މި ފަރުވާތަކުގެތެރެއަށް އައިވީއެފް ހިދުމަތްވެސް ކައިރި މަދު ހަފްތާއެއްގެ ތެރޭގައި ރައްޔިތުންނަށް ބޭނުން ހިފެން ފެށޭނެ ކަމަށެވެ.