ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނަށް ނައިބް ރައީސް ޒިޔާރަތްކުރައްވައިފި

ކިޔުމަށް ހޭދަވާނީ 59ސ
ޖެނީވާގައި ހުންނަ ރާއްޖޭގެ ދާއިމީ މިޝަނަށް ނައިބް ރައީސް ޒިޔާރަތްކުރައްވައިފި

ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛު ޙުސައިން މުޙައްމަދު ލަޠީފް، ސްވިޒަރލެންޑްގެ ޖެނީވާގައި ހުންނަ ދިވެހިރާއްޖޭގެ ދާއިމީ މިޝަނަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ. އެމަނިކުފާނަށް އެތަނުން މަރުޙަބާ ވިދާޅުވީ ޖެނީވާގައި ހުންނަ އ.ދ. ގެ އޮފީސްތަކަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ޑޮކްޓަރ ޢާޞިމް އަޙްމަދެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ޒިޔާރަތުގައި އެމަނިކުފާނު ވަނީ މެހުމާނުން ސޮއިކުރައްވާ ފޮތުގައި ސޮއިކުރައްވައި މުވައްޒަފުންގެ ހާލު އޮޅުންފިލުއްވާފައެވެ. އަދި ދާއިމީ މިޝަންގެ ފަރާތުން އެތަނުގެ ޚިދުމަތްތަކާއި މަސައްކަތްތަކާބެހޭ ގޮތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބަށް ވަނީ މަޢުލޫމާތު އަރުވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ސްވިޒަރލެންޑްގެ ޖެނީވާއަށް ވަޑައިގެންފައިވަނީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމާބެހޭ ބައިނަލްއަޤްވާމީ މުއާހަދާ "ޔުނިވަރސަލް ޑިކްލަރޭޝަން އޮފް ހިއުމަން ރައިޓްސް" އަށް 75 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކުރުމަށްޓަކައި ބާއްވާ މަތީ ފަންތީގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށެވެ. މި ހަރަކާތްތައް ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ މި ހިނގާ ޑިސެންބަރު މަހުގެ 11-12 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު އޮންލައިން