އެންވެރިކަމާ މަސްވިއްސައި އާލާކުރުން ފަދަ މަސްވެރިކަމުގެ ސިނާޢަތްތައް އިތުރުކޮށް ކުރިއަރުވާން މަސައްކަތްކުރާނެ!

މިއަދު
ކިޔުމަށް ހޭދަވާނީ 3މ 54ސ
އެންވެރިކަމާ މަސްވިއްސައި އާލާކުރުން ފަދަ މަސްވެރިކަމުގެ ސިނާޢަތްތައް އިތުރުކޮށް ކުރިއަރުވާން މަސައްކަތްކުރާނެ!

އެންވެރިކަމާއި މަސްވިއްސައި އާލާކުރުން އަދި ކަނޑުގެ ތަފާތު ދިރުންތައް ދިރުވައި އާލާކުރުން ފަދަ މަސްވެރިކަމުގެ ތަފާތު ސިނާޢަތްތައް އިތުރުކޮށް ކުރިއަރުވާން ސަރުކާރުން މަސައްކަތްކުރާނެކަން ރައީސުލްޖުމްހޫރިއްޔާ މުޙައްމަދު މުޢިއްޒު ހާމަކުރައްވައިފިއެވެ. 

43ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ: 

މަސްވެރިކަން ފެށެނީ އެންވެރިކަމުން. އެވޭލާ މަސްވެރިކަމަށް ބަލާނަމަ، ރެހި ބުރަކި މުގުރާން ފަދަ އެން ދެމުމަށްޓަކައި ދިވެހި މަސްވެރިން ވަރަށް ފަތިހު މަސައްކަތް ފަށާ. އަދި ދެމޭ އެމުން އެއްބައި ބައެއްފަހަރަށް އެން ލަބަރީގައި ފަހަށް ރައްކާކުރޭ. އެއީ މާކަނޑަށް ގެނބުރަށް ނުކުމެ ރަނގަޅު މަސްވެރިކަމެއް ކުރެވޭނީ، ރަނގަޅު އެމެއް ހުރެގެން ކަމަށްވާތީ. 

މި ޒަމާނަށް ބަލާއިރު، މިއީވެސް ވަރަށް ބޮޑަށް ތަރައްޤީކުރަން ޖެހިފައިވާ ދާއިރާއެއް ކަމަށް ދެކެން. އަޅުގަނޑު ބޭނުންވަނީ، މިކަންވެސް ޒަމާނީ ފަންނިއްޔާތު ނުވަތަ ޓެކްނޯލޮޖީއާ ގުޅުވާލަން. ޢިލްމީ އަސާސެއްގެ މައްޗަށް ދިވެހި އެންވެރިކަން އާލާކުރުމުގެ މަސައްކަތް ބިނާކުރަން. މިގޮތުން، އެން ދިރުވައި، ގިނަ ވަގުތު ވަތުގައި ބެހެއްޓޭނެ ގޮތް ހެދުމާއި، އެން އިސްރާފު ކުރެވޭ މިންވަރު މަދުކުރުމަށް ތަފާތު ޕްރޮގްރާމްތަކެއް މިހާރު ވަނީ ފެށިފައި. 

އޭގެތެރޭގައި، ބޭރުގެ ހިލޭ އެހީގެ ދަށުން އައްޑުއަތޮޅުގެ ދޯންޏެއްގައި އެންވަތް ބަދަލުކޮށް، ގިނަ ވަގުތު އެން ބެހެއްޓޭތޯ ބެލުމުގެ ދިރާސާ މަސައްކަތް ވަނީ ފެށިފައި. ހަމައެހެންމެ، އެންވަތުގެ ޑިޒައިނަށް ބަދަލުގެންނަން ބޭނުންވާ އުޅަނދުފަހަރަށް މާލީ އެހީތެރިކަން ލިބޭނެ އިންތިޒާމު ހަމަޖެހިގެންދާނެ. އޭރުން އިރާދަކުރެއްވިއްޔާ، ޒަމާނުއްސުރެ ދިވެހި މަސްވެރިން ތަޙައްމަލް ކުރަމުން އައި، އެން މުޅަވުމުގެ މައްސަލައަށް ނިމުމެއް ގެނެވުނީ. 

ރާއްޖެއަކީ ކުޑަ ޖަޒީރާ ޤައުމެއް ނަމަވެސް، ކަނޑުގެ މާޙައުލު ބޮޑު ޤައުމެއް. ރާއްޖޭގެ 99 އިންސައްތައަކީ ކަނޑު. ވީމާ، އަޅުގަނޑުމެންނަކީ އިޤްތިޞާދު ފުޅާކުރުމަށް، މި މާޙައުލުގެ ބޭނުން އެންމެ އެކަށީގެންވާ ގޮތުގައި ހިފުމުގެ ފުރުޞަތު ބޮޑު ޤައުމެއް. ދުނިޔޭގެ ކާބޯތަކެތީގެ އުފެއްދުންތެރިކަމުގެ ދާއިރާގެ ތެރެއިން އެކުއަރކަލްޗަރ ނުވަތަ ކަނޑުގޮވާންކުރުމުގެ ދާއިރާއަކީ، އެންމެ ފުޅާކޮށް ކުރިއެރުމަށް ފުރުޞަތު އޮތް ދާއިރާ. އަދި މި ދާއިރާއަކީ ކަނޑުފަޅުގެ ނަފާ އިތުރުކުރުމަށް ފަހި ފުރުޞަތުތަކެއް އޮތް ދާއިރާއެއް. 

ރާއްޖޭގެ އިޤްތިޞާދު ފުޅާކުރުމަށްޓަކައި، ކަނޑުތަކުގައި ދިރުންތައް މުޑުވައްކުރުން ތަޢާރުފް ކުރުމަކީ ގިނަ މަސައްކަތްތަކެއް ކުރެވުނު ނަމަވެސް، އަދި އަލިމަގެއް ނުފެންނަ ދާއިރާއެއް. މިކަން ކުރުމަށް، ރާއްޖޭގައި މިކަމުގެ ހުނަރު އުފައްދައި، ގިނަ ޒުވާނުންތަކެއް އަހުލުވެރިކޮށް، ކަނޑުގޮވާމުން އުފައްދާ ތަކެއްޗަކީ، އެކަށީގެންވާ ގޮތަކަށް އެކަމުން ނަފާ ހޯދޭނެ ތަކެތި ކަމުގައި ވާންޖެހޭ. ހަފުތާ ސާދައިގެ ވަޢުދުގެ ތެރެއިން، އެކުއަކަލްޗަރ ދާއިރާއަށް ބޭނުންވާ ހުނަރު ޒުވާނުންނަށް ދަސްކޮށްދީ، ހެޗަރީތައް ބިނާކޮށް، ކަނޑުގެ ދިރުން އާލާކުރުމުގެ ޤާބިލްކަން ރާއްޖޭގައި އުފެއްދުމަށްޓަކައި، މެރީން ހެޗަރީ ސްކިލްސް ޑިވެލޮޕްމަންޓް ޕްރޮގްރާމްގެ ނަމުގައި ސިލްސިލާ ތަމްރީނުތަކެއް، މި ހިނގާ މަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ ފެށިގެންދާނެ. 

ދޮށީގެ މަސްވެރިކަމުގައި ބޭނުންކުރާ ދިރޭ އެން ހިމެނޭގޮތަށް ކަނޑުގެ ދިރުން އާލާކުރާނެ މަލްޓި ސްޕީޝިސް ހެޗަރީއެއް ޤާއިމްކުރުމަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތައްވެސް ދާދި އަވަހަށް ފެށިގެންދާނެ. 

އާދެ، ޝައްކެއްނެތް، ދިވެހި މަސްވެރިކަމުގެ ބާވަތްތައް ވަރަށްގިނަ. އެކަމަކު މައިގަނޑު ދެ ބާވަތަކަށް ދިވެހި މަސްވެރިކަން ބައިކޮށްލެވިދާނެ. އެއީ، ކަނޑުމަސްވެރިކަމާއި ފަރުމަސްވެރިކަން. ނުވަތަ މަސްވެރިން ކިޔާގޮތަށް ނަމަ، މަސްވެރިކަމާއި ކެޔޮޅުކަން. ފަރުމަސްވެރިކަމަކީވެސް ރާއްޖޭގައި ތަރައްޤީ ކުރެވިދާނެ، އާލާކުރެވިދާނެ ޞިނާޢަތެއް. އޭގެތެރޭގައި، ފާނައިގެ މަސްވެރިކަން، އިހީގެ މަސްވެރިކަން، ހުއިފިލަނޑާގެ މަސްވެރިކަން ފަދަ ދާއިރާތައް ހިމެނޭ. މިފަދަ ދާއިރާތަކަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މުހިންމު ދާއިރާތައް. ޚާއްޞަކޮށް، މިހާރުވެސް ވަރަށް ރަނގަޅަށް ކުރިއަރައިދާ ފާނައިގެ މަސްވެރިކަން ފާހަގަކޮށްލެވޭ. 

ވީމާ، މިފަދަ މަސައްކަތްކުރާ ފަރާތްތަކަށާއި، ޝައުޤުވެރިވާ ފަރާތްތަކަށް ލޯނު ލިބޭނެގޮތް ތަޢުރާފު ކުރެވިގެންދާނެ. ހަމައެހެންމެ، ތަކެއްޗާއި ވަސީލަތުގެ އެހީތެރިކަން ފޯރުކޮށްދެވިގެންދާނެ. ފަރުމަސްވެރިކަން ކުރާ ސަރަޙައްދުތަކަށް އަމާޒުކޮށް އައިސްޕްލާންޓްތައް ޤާއިމުކުރުމަށް އެދޭ ފަރާތްތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަކީވެސް އަޅުގަނޑުމެންގެ ޕްލޭންގައިވާ ކަމެއް.

 

 

މިއަދު އޮންލައިން