މަސްވެރިކަން އުނގަންނައިދޭނެ ކޮލެޖަކާއި މަހަށް ރަނގަޅު އަގު ހޯދަން މަސައްކަތްކުރާނެ އެޖެންސީއެއް އުފައްދަން ސަރުކާރުން ނިންމައިފިއެވެ. އަދި އެންހޯދަން ޑައިވްކުރާ މީހުންނަށް ހިތާމަވެރިގޮތްތައް މެދުވެރިވަމުން އަންނާތީ އެކަންކަމުން ސަލާމަތްކުރުމުގެ ގޮތުން މަސްވެރިކަންކުރާ ކޮންމެ އުޅަނދެއްގައި ތަޖުރިބާ ހުރި ޑައިވަރަކު ބެހެއްޓުމަށްޓަކައި މީހަކު ތަމްރީނު ކުރުމަށްވެސް ސަރުކާރުން ވަނީ ނިންމައިފައެވެ.
މިކަންކަން ހާމަކުރައްވައި 43ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ:
މަސްވެރިކަން ޒަމާނީކޮށް، މަސްވެރިންގެ ޤަދަރު އުފުލައި، މަސްވެރިކަން ތިޔާގިކުރުމަކީ އަޅުގަނޑު ވަރަށް ބޭނުންވާ ކަމެއް. އެކަމަށްޓަކައި މަސްވެރިކަން ޢިލްމުވެރިކުރުން އެއީ ނުހަނު ބޭނުންތެރި ކަމެއް ކަމުގައި ދެކެން. އަދުގެ މަސްވެރިންގެ ތަޖުރިބާއާއި، ޒުވާން މަސްވެރިންނަށް ފޯރަންވީ ހުނަރާއި، އަދުގެ ދުނިޔޭގައި ކުރިއަރާފައިވާ ޤައުމުތަކުގައި އޮތް ފަންނިއްޔާތު، ރާއްޖޭގެ މަސްވެރިކަމުގައި ޝާމިލްކުރުމަކީ އަޅުގަނޑު ދެކޭ ހުވަފެނެއް. އިރާދަކުރެއްވިއްޔާ އެއީ އަޅުގަނޑުމެން ހާސިލުކުރާނެ ޙަޤީޤަތެއް.
މިކަމަށްޓަކައި މަސްވެރިން ތަމްރީނުކުރާ މަރުކަޒު، ނުވަތަ ފިޝަރީޒް ޓްރޭނިންގ އިންސްޓިޓިއުޓް އަޅުގަނޑުމެން ޤާއިމުކުރާނަން. މި ގޮތުން، ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީއާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފިޝަރީޒް ކޮލެޖެއް ޤާއިމުވެގެން ދާނެ. މިކަމުގެ އިދާރީ މަސައްކަތްތައް އަޅުގަނޑުމެންގެ ހަފުތާ ސާދައިގެ މި މުއްދަތުގެ ތެރޭގައި ހިނގަމުން އެބަދޭ.
މި ހުރިހާ މަޝްރޫޢުތައް ރޭވެމުން ތަރުތީބުވަމުންދާއިރު، ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ބޭރުގެ މާކެޓް ހޯދުމުގެ މަސައްކަތްވެސް ކުރިޔަށް ހަމަ އެބަދޭ. އަޅުގަނޑު ހިތުން މިއީ މިހާތަނަށް އެހާ ބޮޑު އިސްކަމެއް ދެވިގެން މަސައްކަތް ކުރެވިފައިވާ ދާއިރާއެއް ނޫން. އެކަމަކު ދިވެހީން މަސް ގަންނާނެ އާ ބާޒާރުތައް ހޯދަންޖެހޭ. އިރާދަކުރެއްވިއްޔާ އެކަން ކުރެވޭނެ. އެކަމަށްޓަކައި ހަފުތާ ސާދަ ޕްރޮގުރާމްގައި ހިމަނައިގެން ރާއްޖޭގެ މަސްވެރިންކަން މާކެޓްކޮށް ޕްރޮމޯޓް ކުރުމަށް ޚާއްޞަ، އެޖެންސީއެއް އުފެއްދުމުގެ މަސައްކަތް މިހާރު ކުރެވެމުން އެބަދޭ. މި އެޖެންސީގެ ދަށުން ރާއްޖޭގެ މަހުގެ އުފެއްދުންތަކަށް ޚާއްޞަ ބްރޭންޑެއް ތަޢާރަފުކުރެވި، އެ ބްރޭންޑް ބޭރު ޤައުމުތަކުގައި އިޝްތިހާރުކޮށް، މާކެޓްކުރުމުގެ މަސައްކަތް ކުރެވިގެންދާނެ. މިއީ ރާއްޖޭގެ މަހަށް އިތުރު ޕްރިމިއަމް އަގެއް ހޯދުމަށް ހުޅުވިގެންދާނެ ރަނުގެ ފުރުޞަތަކަށް ވާނެ.
މީގެ އިތުރަށް، ދެން ދަންނަވާލަން އޮތީ، ހިތާމަވެރި، އެހެންނަމަވެސް، ޙަޤީޤަތާ ގުޅިފައި އޮތް އުފާވެރި ވާހަކައެއް. އެނގިވަޑައިގަންނަވާނެ ފަދައިން، އެންދަމާށާއި އަދި އެ ނޫންވެސް ބޭނުންތަކަށް މަސްވެރީން ވަރަށް ގިނައިން ފީނަން މޫދަށް ފައިބާ. މިގޮތަށް ފައިބައި އަޑިޔަށް ފީނުމުގެ ތެރޭގައި ޚާއްޞަކޮށް، އެންވެރިކަމަށް ޑައިވްކުރުމުގައި ހިތާމަވެރި ހާދިސާތައް ހިނގާފައި އެބަވޭ. އަދި ބައެއްފަހަރު ފުރާނައަށް ނުރައްކާވާ ހާލަތުވެސް ދިމާވެފައި އެބަހުރި. އަޅުގަނޑު ދެކޭގޮތުގައި، މިފަދަ ހިތާމަވެރި ހާދިސާތައް މަދުކުރުމަށް އުޅަނދުފަހަރުގައި ޑައިވްކުރުމުގެ ފުރިހަމަ ތަމްރީނު ލިބިފައިވާ ޑައިވަރުން ތިބުމަކީ ވަރަށް މުހިއްމު ކަމެއް. އެހެންކަމުން، މަސްވެރިކަން ކުރާ ކޮންމެ އޮޑިޔަކުން މަދުވެގެން އެއް ފަޅުވެރިޔަކު، 'ރެސްކިއު ޑައިވަރ' ފެންވަރުގެ ސަނަދެއް ހާސިލުކޮށްފައިވާ ފަރާތަކަށް ހެދުމަށްޓަކައި، ޚާއްޞަ ތަމްރީނު ޕްރޮގުރާމެއްގެ ފުރުޞަތު ފަހިކޮށްދޭނަން.
ރާއްޖޭގެ އެންމެ އަގުހުރި އެއް ދާއިރާގައި މަސައްކަތްކުރާ މީހުންނަށް ދިމާވާ މިފަދަ ހިތާމަވެރި މައްސަލަތަކަށް ފަރުވާއެއް ނުހޯދާ ތިބުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން. މިފަދަ ކޮންމެ ކަމަކުން ނިކަމެތިވަނީ ހަމައެކަނި ހާދިސާއާ ކުރިމަތިލާ މީހާއެއްވެސް ނޫން. އޭނާގެ އަނބިދަރީން. މުޅި އާއިލާ. އުމުރު ދުވަހަށް މި ފަޅުކަމާއި ހުސްކަން އިޙްސާސް ކުރަންޖެހޭ. އެހެންވީމާ، މި ސަރުކާރުން އަޅުގަނޑުމެން ބޭނުންވަނީ، މި ހިތާމަވެރި ހާލަތުން މަސްވެރިންނަށް އަރައިގަނެވޭނެ ގޮތްތަކެއް ރާވައި ތަންފީޒުކުރަން. އިރާދަކުރެއްވިއްޔާ މިކަން އަޅުގަނޑުމެން ކުރާނަން.