ބާނާ މަހަށް ރަނގަޅު އަގު ހޯދައިދޭން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށާނެ!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ކިޔުމަށް ހޭދަވާނީ 3މ 18ސ
ބާނާ މަހަށް ރަނގަޅު އަގު ހޯދައިދޭން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށާނެ!: ރައީސް ޑރ. މުޙައްމަދު މުޢިއްޒު

ރާއްޖޭގެ މަސްވެރިން ބާނާ މަހަށް އެއިރަކު ދުނިޔޭގެ ބާޒާރުން ލިބެންހުރި އެންމެ ބޮޑު އަގު ހޯދައިދޭން ސަރުކާރުން ބޮޑެތި މަސައްކަތްތަކެއް ވަރަށް އަވަހަށް ފަށަން ނިންމައިފިއެވެ. 

އެކަން ހާމަކުރައްވާފައިވަނީ  43 ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ދެއްކެވި ވާހަކަފުޅުގައެވެ. 

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން: 

ދިވެހި ކަނޑުމަހަށް އެކަށޭނަ އަގު ލިބޭނެ ގޮތް ހޯދުމަކީ، މި ސަރުކާރުގެ ވަރަށް ޚާއްޞަ އަމާޒެއް. މި މައްސަލައަށް ބަލައިލާއިރު، ރާއްޖެއިން ދިވެހި ކަނޑުމަސް ބޭރުކުރެވޭ އެއްގޮތަކީ، ގަނޑުކޮށްގެން ރޯމަހުގެ ގޮތުގައި ބޭރުކުރުން. މިގޮތަށް މަސް ބޭރުކުރުމުން ލިބޭ އަގަށްވުރެ މަތީ އަގު ލިބޭ ގޮތްތައް ހުރޭ. އޭގެތެރެއިން އެއްގޮތަކީ، އެ މަސް ބާނަނީ ތިމާވެށްޓާ ރައްޓެހި ގޮތެއްގައި ކަން އެނގޭހެން އެ މަސް ބޭރުކުރުން. ދިވެހީން ޒަމާނުއްސުރެ މަސްބާނައި އުޅޭ ސަގާފީ ގޮތް އެނގޭނޭހެން ދިވެހިރާއްޖޭގެ ނަމުގައި އެ މަސް ބޭރުކުރުން. މިއީ ބޭރުގެ ޤައުމުތަކަށް ދިވެހި ކަޅުބިލަމަސް ވިއްކުމުގައި، އޭގެ އަގަށް އިތުރަށް ގެނެވޭނެ އިތުރުކުރުމަކަށް ވެގެންދާނެ. އަޅުގަނޑުމެން މިގޮތް ޚިޔާރުކުރަން. އޭރުން ރާއްޖެއަށް ރީތި ނަން އިތުރަށް ލިބިގެންދާނެ. ދިވެހި މަސްވެރިންނަށް ބޭރު ޤައުމުތަކުގެ ތާރީފު ލިބިގެންދާނެ. އަދި ލިބޭ އާމްދަނީ އިތުރުވެގެންދާނެ. 

މިގޮތަށް މިކަން ނުކުރެވި މިހާރު އޮތްގޮތަށް ކުރިއަށްދާއިރު ވަނީ ކިހިނެއްތޯ؟ ދިވެހި ކަޅުބިލަ މަހުގެ 65 އިންސައްތަ ބޭރުކުރެވެނީ، ގަނޑުކުރި މަހުގެ ގޮތުގައި ބޭރުގެ ކޭނެރީތަކަށް. މިގޮތަށް ކަންތައްތައް އޮތުމުން، ތިމާވެށްޓާ ރަޙްމަތްތެރިކޮށް ދިވެހި މަސްވެރިން ބާނާ މަހުގެ ބޮޑު ފައިދާއެއް ނާޖާއިޒު ގޮތުގައި ނަގަނީ، އެހެން ފަރާތްތަކުން، ބޭރުގެ މަސް ޕްރޮސެސް ކުރާ ކުންފުނިތަކުން. އަޅުގަނޑު ބޭނުންވަނީ، އެ ފައިދާ ޖާއިޒުގޮތުގައި ދިވެހި މަސްވެރިންނަށް ލިބޭނެގޮތަކަށް މި ނިޒާމު ބަދަލުކުރަން. އިރާދަކުރެއްވިއްޔާ، އެކަން އަޅުގަނޑުމެން ކުރާނަން. 

އެކަމަށްޓަކައި ދިވެހިރާއްޖޭގައި އުފައްދާ އަގު އެއްކުރި މަހުގެ މިންވަރު އިތުރުކުރުމަށް، މި ދާއިރާއިން އިންވެސްޓް ކުރުމަށް އެދޭ ކުންފުނިތަކަށް ފަހި ފުރުޞަތުތަކެއް ހޯދައިދެވޭނެ. އަދި މިނޫންވެސް މަހުގެ އުފެއްދުންތައް އުފައްދާ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށް މާލީގޮތުން އެހީތެރިކަން ދެވޭނެ އިންތިޒާމުތަކެއް ހަމަޖައްސައި ދެވިގެންދާނެ. 

ހަމަ އެހެންމެ، ފެލިވަރު ކާރުޚާނާ އިތުރަށް ތަރައްޤީ ކުރުމަށް މިހާރު ކުރެވޭ މަސައްކަތްތަކުގެ ތެރޭގައި، އިތުރު 100 މެޓްރިކް ޓަނުގެ ދަޅުމަސް ބަންދުކުރާ ކާރުޚާނާއެއް އެޅުމުގެ މަސައްކަތް ހިމެނޭ. މިއީ މިފްކޯއިން އަގު އެއްކުރެވިގެން އެކްސްޕޯޓް ކުރާ ދަޅުމަހުގެ ބާވަތްތަކުގެ މިންވަރު އިތުރުކުރުމަށް އޮތް ވަރަށް މުހިންމު ފުރުޞަތެއް. 

މީގެއިތުރަށް، މަސްވެރިކަމުގެ އިޤްތިޞާދު ކުރިއެރުވުމަށް، ޖަޕާނު ސަރުކާރާއި ދިވެހި ސަރުކާރާ ގުޅިގެން ހިންގޭ މަޝްރޫޢުގެ ދެވަނަ ފިޔަވަހި، މި ހިނގާ މަހުގެ ތެރޭގައި ފެށިގެންދާނެ. މި ޕްރޮޖެކްޓްގެ ދަށުން ބޮޑުކަންނެލީގެ މަސްވެރިކަމުގައި ހަރަކާތްތެރިވާ އުޅަނދުތަކަށް އަމާޒުކޮށް މަހުގެ ކޮލިޓީ ރަނގަޅުކުރުމަށް ޕްރޮގްރާމްތަކެއް ހިންގޭނެ. މިގޮތުން، މަސް ބާނާ ވަގުތުން ފެށިގެން އުޅަނދުގައި މަސް ރައްކާކޮށް ބެހެއްޓުމުގައި ސަމާލުކަން ދޭންޖެހޭނެ ކަންތައްތަކާ ގުޅޭ ތަމްރީނާއި މަޢުލޫމާތު މަސްވެރިންނަށް ފޯރުކޮށްދެވޭނެ. މަސްވެރިން ބާނާ ބޮޑުކަންނެލީގެ ފެންވަރު ރަނގަޅުކޮށް، މި ޕްރޮގްރާމްގެ ދަށުން ޝަޝިމީ ގްރޭޑްގެ ބޮޑުކަންނެލި ޕްރޮސެސް ކުރާ ކުންފުނިތަކަށް ލިބޭ މިންވަރު އިތުރުކުރުމަށް މަގުފަހިވެގެންދާނެ. މިއީ މަހުގެ އަގު އުފުލޭނެގޮތް. މަސްވެރިންގެ ތިޔާގިކަން އިތުރުވާނެ މަގު. އިރާދަކުރެއްވިއްޔާ، މިފަދަ އެތައް ގޮތަކުން ދިވެހި މަސްވެރިންނަށް އުފާވެރި މާދަމާއެއް ހޯދައިދެވޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑުމެންނަށް އެބައޮތް. އެގޮތަށް އަޅުގަނޑުމެންގެ މަސައްކަތްތައް ބައްޓަންކުރާނަން.

މިއަދު އޮންލައިން