މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯ ހިންގަން މިފަކޯގެ ބޯޑަށް މަސްވެރިން ހަމަޖައްސަނީ!

ކިޔުމަށް ހޭދަވާނީ 4މ 17ސ
މަސްވެރިން ބޭނުންވާ ގޮތަށް މިފްކޯ ހިންގަން މިފަކޯގެ ބޯޑަށް މަސްވެރިން  ހަމަޖައްސަނީ!

ދިވެހި މަސްވެރިންގެ ކުންފުނި މިފްއޯއަކީ މަސްވެރިންގެ ސީދާ ބައިވެރިވުން އޮވެގެން ހިންގާ ކުންފުޏަކަށް ހައްދަވާނެކަމަށާއި އެއިރުން ކުންފުނީގެ ބޯޑުގައި މަސްވެރިން ތަމްޘީލު ކުރާނެ މަސްވެރިން ހިމެނިގެންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެ.

އެމަނިކުފާނު މިކަން ހާމަކުރެއްވީ މަސްވެރިންގެ ދުވަސް ފާހަގަކުރަން ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

ރައީސް ޑރ. މުޢިއްޒުގެ ވާހަކަފުޅުން:

ހަމަ އެހެންމެ، ކެބިނެޓުން އެންމެ ފުރަތަމަ ކަންތައްތަކެއްގެ ގޮތުގައިވެސް ނިންމީ، މަސްވެރިކަމާ ގުޅިފައިވާ ކަންތައްތަކެއް، މިދިޔަ ހަފުތާގައި. މި ނިންމުންތަކުގައިވެސް ދިވެހި މަސްވެރިންނަށް ވެފައިވާ ވަޢުދުތައް އަޅުގަނޑުމެން ހަނދާންކުރިން.

އެގޮތުން، ވަރަށް ޚާއްޞަ ނިންމުމެއް މިވަނީ ނިންމާފައި. މިތާނގައި ދެންމެގައި މިނިސްޓަރުވެސް ފާހަގަކުރެއްވި ފަދައިން، މިފްކޯއަކީ މީގެފަހުން ދިވެހި މަސްވެރިންގެ ބައިވެރިވުމާއެކީގައި ހިންގާ ސައްތައިންސައްތަ ދިވެހި ސަރުކާރުގެ ޤައުމީ ކުންފުންޏަކަށް ބަދަލުވެގެންދާނެ.

މިކަން ޙަޤީޤަތަކަށް ވުމުން، މިފްކޯ ވާނީ ހަމަ ޙަޤީޤަތުގައިވެސް މުސްތަޤިއްލު ވަކި ކުންފުންޏަކަށް. މިބަދަލު ގެނައުމުގެ އެންމެބޮޑު އެއް ބޭނުމަކީ، މިފްކޯގެ ބޯޑުން ކަންކަން ނިންމޭއިރު، މަސްވެރިންގެ ބަސް، މަސްވެރިންގެ އަޑު އެކަމުގައި ހިމެނުން. އެކަމަށްޓަކައި މިފްކޯގެ ބޯޑުގައި ސީދާ މަސްވެރިންގެ ބައިވެރިވުން ހިމެނޭގޮތަށް އެ ބޯޑުގައި މަސްވެރިން ތަމްސީލު ކުރާނެ. މިފްކޯ ތަރައްޤީ ކުރުމުގައި އަދި މިފްކޯގެ ސިޔާސަތުތައް ކަނޑައެޅުމުގައި އަދި މިފްކޯގެ ޕްރޮގްރާމްތައް ހިންގުމުގައި މަސްވެރިންގެ ސީދާ ބަސްކިޔާގޮތަށް، މަސްވެރިންގެ ޙައްޤުތައް ހޯދުމުގައި މަސްވެރިންގެ ބައިވެރިވުން އޮންނަ ގޮތަށް ކަންތައްތައް ބައްޓަންވާނީ.

ސަބަބަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި، އެ ފަންނަކަށް ގެންނަންޖެހޭ އެންމެ ރަނގަޅު ބަދަލުތައް، އެންމެ ރަނގަޅަށް އެނގޭނީ ސީދާ އެ ފަންނެއްގެ ޢަމަލީ ތަޖުރިބާ ލިބިފައިވާ ބަޔަކަށް. އެހެންކަމުން، އަޅުގަނޑުގެ ގާތުގައި މަސްވެރިންނަކީ ވަރަށް އަގުހުރި ބައެއް. އެއީ، ރާއްޖޭގެ ކަނޑުފަޅުގެ ޙަޤީޤީ ޢިލްމުވެރިންނަކީ. އާދަޔާ ޚިލާފު ހުނަރުވެރިން.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި މަސްވެރިކަމުގެ ސިނާޢަތުގައި ޒަމާނުންސުރެ އަންހެނުންގެ ބަިވެރިވުން އޮތްކަން ވަނީ ފާހަކަކުރައްވައިފައެވެ. ވިދާޅުވީ:

މިއަދު ރާއްޖެއާއި ރާއްޖެއިން ބޭރުގައި މަތީ ތަޢުލީމު ލިބިގެން، އެތައް ޢިލްމަކާއި ހުނަރަކަށް އަހުލުވެރިވެގެން ތިބި އެތައް ދިވެހި ދަރީންނަކީ، ދިވެހި މަސްވެރިކަމުގެ ސަބަބުން އުފެދުނު ޢިލްމުވެރިން. އެއީ، ދިވެހި މަސްވެރި މައިންބަފައިންގެ މަތިވެރި ޤުރުބާނީގެ ސަބަބުން އެ ބޭފުޅުންނަށް ލިބިވަޑައިގެން ކާމިޔާބީތަކެއް. ވާސިލުވެވަޑައިގެންނެވުނު އުސް ހަރުފަތްތަކެއް. ބައްޕަމެން ކަނޑުފަޅު ފީނައިގެން، މަންމަމެން މަސް ކައްކައި ރިހާކުރު ވިއްކައިގެން، ޝަކުވާއެއްނެތި އުފުލި އެތައް ގިނަ ބުރައެއްގެ ނަތީޖާއަކީ، ދިވެހިރާއްޖޭގައި ޢިލްމީ ޤާބިލް ޖީލެއް އުފެދުން. އެހެންކަމުން، މަސްވެރިކަމަކީ ސަރުކާރުން އެ މަސައްކަތަކަށް ވަރަށް ތޫނު ލޮލެއް ދޭންޖެހޭ މަސައްކަތެއް. އެ މަސައްކަތުގެ އިޤްތިޞާދީ ފައިދާއަށްޓަކައި. އެ މަސައްކަތުގެ އިންސާނީ ފައިދާއަށްޓަކައި. ހަމަ އެހެންމެ، އެ މަސައްކަތުން ދަސްވާ ދިރިއުޅުމުގެ ހުނަރާއި އަޚްލާޤާއި މަސައްކަތްތެރިކަމަށްޓަކައި.

އާދެ، މަސްވެރިކަމާމެދުވެސް އެތައް ނަޒަރަކުން ބަލައިލެވިދާނެ. ޝައްކެއްނެތް، މަސްވެރިކަމަކީ ކާންބޯން ކުރެވޭ އަސާސީ މަސައްކަތެއް. މަސްވެރިކަމަކީ ރާއްޖޭގެ ފުދުންތެރިކަން އިތުރުކުރުމަށް ކުރެވޭ އިޤްތިޞާދީ މަސައްކަތެއް. ހަމަ އެހެންމެ، އަޅުގަނޑު ދެކޭގޮތުގައި، މަސްވެރިކަމަކީ ޤައުމު ބިނާކުރުމަށްޓަކައި ކުރެވޭ ވަރަށް މުހިންމު ޖިހާދެއް.

މަސްވެރިންނަކީ ޤައުމީ ފެންވަރުގައި މިފަދަ މުހިންމު ބައެއްކަން އަޅުގަނޑު ގަބޫލުކުރާތީ، އަޅުގަނޑުމެންގެ ސަރުކާރުގެ މެނިފެސްޓޯގައި މަސްވެރިންނަށް ވަރަށް ޚާއްޞަ އިސްކަމެއް ދީފައިވާނެ. ސަރުކާރު ހިންގުމުގައި، ސަރުކާރުގެ ސިޔާސަތުތައް ކަނޑައަޅައި ތަންފީޒު ކުރުމުގައި މަސްވެރިންގެ ލާބައާއި މަންފާއަށް އަދި މަސްވެރިންގެ ބަހާއި ބައިވެރިވުމަށް އަބަދުވެސް އަޅުގަނޑުމެން ސަމާލުކަން ދޭނަން.

ދިވެހިރާއްޖޭގެ ހީވާގި މަސްވެރިން!

އަޅުގަނޑުމެންގެ ސަރުކާރު ފެށިގެން އަދި މިވީ ދެތިން ހަފުތާ. އެހެން ނަމަވެސް، މި ދެތިން ހަފުތާގައިވެސް މަސްވެރިންނަށް އަޅުގަނޑު ވެފައިވާ ވަޢުދުތަކުގެ މަތިން ވަރަށް ބޮޑަށް އަޅުގަނޑު ހަނދާންކުރަން. ހަނދާން އެބަހުރި. އިރާދަކުރެއްވިއްޔާ، ވަޢުދުތަކުގެ މަތިން ހަނދާނެއް ނުނެތޭނެ. ނުވަތަ ހަނދާން ނައްތާލާނެ މީހަކަށެއް އަޅުގަނޑެއް ނުވާނެ.

އަޅުގަނޑުގެ ރިޔާސީ ދައުރުގައި އެންމެ ފުރަތަމަ ރަސްމީ ދަތުރެއް މިކުރީ ތުރުކީއަށް. މި ދަތުރުގައި އަޅުގަނޑުގެ އެއް މައުޟޫޢެއް ކަމުގައި ކަނޑައެޅީ ދިވެހި މަސްވެރިކަމަށް ލާބައާއި މަންފާ ހޯދޭނެ ގޮތްތައް ފަހިކުރުން. ތިޔަ ހިންމަތްތެރި މަސްވެރިންގެ އުދާސްތަކަށް އުންމީދު ލިބިގެންދިޔަ މި ދަތުރުން. އިތުބާރު ލިބުނު. އިރާދަކުރެއްވިއްޔާ، ލަހެއްނުވެ ދިވެހި މަސްވެރިކަމުގެ އުފެއްދުންތަކަށް ތުރުކީގެ މާރުކޭޓުގެ ތަނަވަސްކަމާ އެކީގައި އެތައް ހުޅުވިގެންދާނެ.

 

މިއަދު އޮންލައިން