ދިވެހި ޤައުމަށް ބާއްޖަވެރި ދުވަސްތަކެއް ގެނެވޭނެކަމަށާއި އެކަމަކު އެއީ ދިވެހި ޤައުމު ކުރިއަރުވައި، ދިވެހީންނަށް ފަހިކަން ހޯދުމުގައި ދިވެހި މަސްއޮޑިއަކުން ލިބިދޭ ފިލާވަޅަށް އަޅުގަނޑުމެން އެންމެން ޢަމަލުކޮށްގެން ކަމަށާއި އަދި ދިވެހި މަސްވެރީން މި ރީތި ނަމޫނާ ކޮންމެ ދުވަހަކު އަޅުގަނޑުމެންނަށް އެބަ ދައްކައިދކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
މިކަންކަން ހާމަކުރައްވައި 43ވަނަ މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބޭއްވެވި ޚާއްޞަ ޙަފްލާގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވީ:
ދިވެހި މަސްއޮޑިއެއް ކަނޑަށް ނުކުންނަނީ ހައްސަ ބާނަން. އެއީ ދިރިއުޅުން ތިޔާގިކޮށްލަން އުޖާލާ ކުރުމަށްޓަކައި. ނަމަވެސް، އެކަމަށް އެދިގެން ކުރާ ދަތުރު އެހާ ފަސޭހައެއް ނޫން. ރާޅާ ކުރިމަތިވެ، ޠޫފާނު އާދޭ. އެކަމަކު އެންމެން ގުޅިގެން މި އުނދަގޫތައް ހައްލުކުރޭ. މަސްކެޔޮޅު. އެންކެޔޮޅު. ދިޔަހިއްކާ މީހާ. އެންމެހައި ފަޅުވެރިން. މި އެންމެންގެ އޮންނަނީ އެއް އަމާޒެއް. އެއީ އެންމެން ގުޅިގެން އެމީހެއްގެ ވާޖިބު އެ މީހަކު އަދާކޮށްގެން ރަސްއައިނަކަށް އަރައި ހައްސަ ބޭނުން. ތިލަ ޖަހައިލައިގެން ފަޚްރުވެރިކަމާއެކު ރަށަށް ލެފުން. އޮޑިން ދަތުރުކުރި މީހުންނާއި، ނުކުރާ މީހުންގެ މުސްތަޤްބަލު އުޖާލާވުން އޮންނާނީ، މިގޮތަށް ކުރެވޭ ދަތުރުން ހޯދޭ ކާމިޔާބީގެ މައްޗަށް. އިރާދަކުރެއްވިއްޔާ ދިވެހި މަސްވެރިކަމަށް ބާއްޖަވެރި ދުވަސްތަކެއް ފެންނާނެ.!
މަސްވެރީންގެ ދުވަސް ދިވެހި ޤައުމަށް ދެނީ މި ފިލާވަޅު. ދިވެހި މަސްވެރިކަމުގެ މަދަރުސާއިން ދިވެހީންނަށް ބުނެދެނީ މި ޙަޤީޤަތް. އެހެންވީމާ ދިވެހީން ބޭނުންވަނީ މި ގޮތް. ދިވެހީން ބޭނުންވަނީ އެންމެން ގުޅިގެން ދިވެހި ޤައުމު ކުރިއަރުވަން. ދިވެހީން ބޭނުންވަނީ އަބަދުވެސް އެކުވެރިކަމާއި ހަމަހިމޭންކަން. ދިވެހީން ބޭނުންވަނީ ބައިބައިނުވާން. ވަކިވަކިވެނުގަންނަން. ދިވެހި މަސްވެރީން ކޮންމެ ދުވަހަކުވެސް، ކޮންމެ ދުވަހަކު ދުނިޔެއަށް ދޭ ފިލާވަޅަކީ، އަޅުގަނޑުމެން ދިވެހީންނަކީ އެއް ބަޔެކޭ. އެއް އަމާޒަކަށް ދަތުރުކުރާ، އެއް މަންޒިލަކަށް އެދޭ ބައެކޭ. އިރާދަކުރެއްވިއްޔާ ދިވެހި މަސްއޮޑިއެއްގެ މަޑޫތައް ފަދައިން، ދިވެހީން ތިބޭނީ ހިމުންކަމާއެކު ގުޅި ލާމެހިގެން. ކުރިހޯދާނީ، ކާމިޔާބު ހޯދާނީ އެގޮތުން. މިއީ ދިވެހި ޤައުމުގެ ދުޢާ. ދިވެހީންގެ ޤައުމިއްޔަތުގެ އެކުވެރި ރޫޙް.
އޯގާވަންތަ ﷲ ދިވެހި ޤައުމަށް ހެޔޮ ގޮތްތައް މިންވަރު ކުރައްވާށި! ދިވެހި މަސްވެރީންނަށާއި، މުޅި ޤައުމަށް ތިޔާގިކަމާއި ނިޔާމަކަން ފަހިކޮށްދެއްވާށި! އެކުވެރި، ޞުލްޙަވެރި އެއްބައެއްގެ ގޮތުގައި މި ދިވެހި ޤައުމު ދާއިމަށް ލަހައްޓަވާށި!
މި ލޮބުވެތި ވަޠަން މިނިވަންކަން މަތީ އަބަދުމެ ލަހައްޓަވާށި!
وَمَا تَوْفِيقِي إِلَّا بِاللَّهِ ۚ عَلَيْهِ تَوَكَّلْتُ وَإِلَيْهِ أُنِيبُ.