ބިރުވެތިވޭ! މީހުންނަށް ކުރެވިފަ ހުންނަ ފާފަތަކުގެ ވާހަކަ ދެއްކުމަކީ ދެއްކި މީހާ އެފާފައިން އިމްތިޙާންކުރައްވަވައިފާނެ ކަމެއް!

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 53ސ
ބިރުވެތިވޭ! މީހުންނަށް ކުރެވިފަ ހުންނަ ފާފަތަކުގެ ވާހަކަ ދެއްކުމަކީ ދެއްކި މީހާ އެފާފައިން އިމްތިޙާންކުރައްވަވައިފާނެ ކަމެއް!

މީހަކު ދެކެ ރުޅި އަންނަހިނދު އޭނާ ދެރަކޮށްލަން ނުވަތަ ތިމާގެ ކޮޅު މޮޅުކޮށްލަން އަނެކާއަށް ކުރެވިފައިވާ ކޮންމެވެސް ފާފައެއްގެ ވާހަކަ އެބަބުނެލެވެއެވެ. އަނެކާ ފަޟީޙަތްކޮށްލުމުގެ ބޭނުމުގައެވެ. ތިމާގެ ދަރަޖަ އުފުލައި ލުމުގެ ބޭނުމުގައެވެ.  

މީސްތަކުންނޭވެ! މިއީ ވަރަށް ބޮޑަށް ވިސްނަންޖެހޭނެއެވެ. އެމީހަކަށް ކުރެވުނު ފާފައެއްނަމަ އެކަން ވާނީ އެމީހަކާއި ﷲ ތަޢާލާ އާއި ދެމެދުގައެވެ. ވީމާ އަނެކާގެ އެފަދަކަމެއް ތިމާއަށް އެނގުނު ނަމަވެސް އޮތީ ސިއްރުކުރުމެވެ. މިކަމުގެ ވާހަކަ ވަރަށް ގިނަގިނައިން ހަނދާންކޮށްދެވޭތީ އާއި ސަބަބުތައް ކިޔައިދެވޭތީ ކުރުކޮށްލުމުގެ ގޮތުން މިރޭ ކިޔަދެނީ الحسن البصري -رحمه الله-ގެ ވަރަށް މުހިންމު ބަސްފުޅެކެވެ. ވަރުގަދަ އިންޒާރެކެވެ! ހެޔޮ ނަޞޭޙަތެއްވެސްމެއެވެ.  

މީހުންނަށް ކުރެވިފައި ހުންނަ ފާފައިގެ ވާހަކަ ދެއްކުމަކީ ވަރަށް ނުރައްކާ ކަމެކެވެ.

"މީހަކު ތައުބާވެފައިވާ ފާފައެއްގެ މައްޗަށް އެމީހަކަށް ނިސްބަތްކޮށް ބަދުބަހެއް ބުނެފި މީހަކު އެފާފައިން ﷲ އިމްތިޙާނުކުރައްވާ ހުއްޓެވެ".

الحسن البصري -رحمه الله- 

މިޘާލަކަށް މިބަސްފުޅުން އެނގެނީ މީހަކަށް ކުރެވުނު ފާފައެއްގެ ވާހަކަދައްކައި އޭނާ ފަޟީޙަތްކޮށްފިނަމަ އެމީހަކަށްވެސް ހަމަ އެފަދަ ފާފައެއް ކުރެވުމަށް މަގުފަހިވެ އިމްތިޙާންކުރައްވަވއިފާނެ ކަމެވެ.   

މިޘާލަކަށް ޒިނޭކުރެވުނު މީހަކު ބަދުނާމުކުރީއެވެ. ބަދުނާމުކުރި މީހާއަށް މާފަހި ފުރުޞަތުތަކާއެކު މާރީތި އަންހެނެއްގެ ގައިގައި ނުވަތަ ފިރިހެނެއްގެ ގައިގަ ބީހެން ލިބިއްޖެނަމަ ދެންވާނީ ކިހިނަކުންހެއްޔެވެ؟ އެމީހާއަށް އެވަޤުތު ﷲ ތަޢާލާއަށް ބިރުވެތިވެ މަޑުން ހުރެވޭނެހެއްޔެވެ؟ ނޫނީ ފާފަ ކުރެވޭނީހެއްޔެވެ؟ ގިނަ ފަހަރަށް ފާފަ މާބޮޑަށް ކުރެވުންވެސް އޮންނާނީ ހަމަ ދާދިގާތުގައެވެ.  

ވީމާ މީސްތަކުންގެ ޒާތީ ކަންކަމާއި ބެހި މީސްތަކުންނަށް ކުރެވޭ ފާފަތަކުގެ ވާހަކަ ދައްކައި ފަޟީޙަތް ނުކުރާށެވެ! އެކަމުގައި އެހެން މީހެއްގެ ޙައްޤެއްނުވާނަމަ އެފަދަ ކަންކަމާއި ނުވެސްބެހޭށެވެ! އެހެނަސް މުސްލިމުން އެކަކު އަނެކަކަށް އަދާކުރަންޖެހޭ ޙައްޤެއް އޮވެއެވެ. އެއީ ހެޔޮ ނަޞޭޙަތް ދިނުމެވެ. ވީމާ ފާފަކުރެވުނު މީހާ ފަޟީޙަތްނުވާނެމަގުން އޭނާއަށް ހެޔޮ ނަޞޭޙަތްދޭންވާނެއެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން