އެގްރޯނެޓްގެ ޗެއާމަނަކަށް އަނަސް އަދި އެމްޑީއަކަށް ސިނާން އައްޔަންކުރަން ނިންމައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 6ސ
އެގްރޯނެޓްގެ ޗެއާމަނަކަށް އަނަސް އަދި އެމްޑީއަކަށް ސިނާން އައްޔަންކުރަން ނިންމައިފި

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން (އެގްރޯނެޓް) ގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް އަދި މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ސިނާން އައްޔަންކުރުމަށް ނިންމައިފިއެވެ.

މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ ލިމިޓެޑް (މިފްކޯ) އިން ވިދާޅުވީ، އެ ކުންފުނީގެ ސަބްސިޑަރީ ކުންފުންޏެއް ކަމުގައިވާ އެގްރޯނެޓްގެ ޗެއާމަންގެ މަގާމަށް މިފްކޯގެ ސީއީއޯ މުޙައްމަދު އަނަސް، ދޭލިޔާގެ، ގއ. ދެއްވަދޫ އަދި އެގްރޯނެޓްގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމަށް މުޙައްމަދު ސިނާން، ހުޅުދޫގެ، ސ. ހިތަދޫ އައްޔަންކުރަން ނިންމީ މިއަދު ބޭއްވި މިފްކޯގެ ބޯޑު ބައްދަލުވުމުގައި ކަމަށެވެ.

މި ބަދަލާ ގުޅޭގޮތުން މިފްކޯއިން ވިދާޅުވީ، އެގްރޯނެޓްގެ ހިންގުމަށް މި ގެނެވުނު ބަދަލާއެކު އެ ކުންފުންޏަށް އާ ފެށުމަކާއި އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.

އެގްރޯ ނޭޝަނަލް ކޯޕަރޭޝަން ލިމިޓެޑަކީ މިފްކޯގެ ސަބްސިޑަރީ ކުންފުންޏަކަށް ބަދަލުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާންކުރައްވާފައިވަނީ މިދިޔަ ސެޕްޓެންބަރު މަހުގެ 7 ވަނަ ދުވަހުއެވެ.

މިއަދު އޮންލައިން