ޖޭޕީއާއި ޕީއެންސީން ގުޅިގެން މަޖިލިސް އިންތިޚާބުގައި މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 2މ 48ސ
ޖޭޕީއާއި ޕީއެންސީން ގުޅިގެން މަޖިލިސް އިންތިޚާބުގައި މަސައްކަތްކުރުމަށް މަޝްވަރާކޮށްފި

ޖުމްހޫރީ ޕާޓީ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގުޅިގެން ކުރިއަށް އޮތް ރައްޔިތުންގެ މަޖިލިސް އިންތިޚާބުގައި މަސައްކަތްކުރުމަށް މަޝްވަރާކޮށްފިއެވެ. 

ހޮނިހިރު ދުވަހުގެރޭ އޮތް މި މަޝްވަރާގައި ޖޭޕީގެ ފަރާތުން އިސްވެ ބައިވެރި ވެފައިވަނީ ޖޭޕީގެ ޑެޕިއުޓީ ލީޑަރު އަދި ނިމިދިޔަ ސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރ އައިޝަތު ނަހުލާއެވެ. އަދި އެޕާޓީގެ ބައެއް މެންބަރުން ވަނީ ބައިވެރިވެފައެވެ.

މި ބައްދަލުވުމުގައި ދެ ޕާޓީގެ ލީޑާޝިޕްގެ ގިނަ ބޭފުޅުންތަކެއް ބައިވެރިވެވަޑައިގެންނެވިއެވެ. އެގޮތުން ޕީއެންސީގެ ފަރާތުން އެ ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާއި، އެ ޕާޓީގެ ޗެއާޕާސަން އަދި ރައީސުލްޖުމްހޫރިއްޔާގެ ސްޕެޝަލް އެޑްވައިޒަރު އަބްދުއްރަހީމްގެ އިތުރުން، މި ސަރުކާރުގެ ފޮރިން މިނިސްޓަރު މޫސާ ޒަމީރާއި އިކޮނޮމިކް މިނިސްޓަރު ސައީދާއި ލޯކަލް ގަވަމަންޓް މިނިސްޓަރު އާދަމް ޝަރީފްގެ އިތުރުން ރައީސް އޮފީހުގެ މިނިސްޓަރު ރަމީޒް ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ޕީއެންސީގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު، މަޖިލީހުގެ ފެލިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަޒުލް ރަޝީދު ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މި ބައްދަލުވުމުގައި ޕާޓީގެ ޑެޕިއުޓީ ލީޑަރު އައިޝަތު ނަހުލާއާއެކު، އެ ޕާޓީގެ ލީޑަރުގެ ސްޕެޝަލް އެޑްވައިޒަރު އަހްމަދު ނިހާން ހުސެއިން މަނިކު، ރިޔާޒް ރަޝީދު އަދި ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަޒްލީން އަހުމަދުގެ އިތުރުން، އެ ޕާޓީގެ ޕާލިމެންޓަރީ ގުރޫޕުގެ ޑެޕިއުޓީ ލީޑަރު، ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިން ބައިވެރިވެވަޑައިގެންނެވިއެވެ.

މި ބައްދަލުކުރެއްވުމާ ގުޅޭގޮތުން "ވީނިއުސް" އާ ވާހަކަދައްކަވަމުން ޖުމްހޫރީ ޕާޓީގެ އިސްތަރުޖަމާނު އަލީ ޞާލިޙް ވިދާޅުވީ، ޕީއެންސީއާއެކު ބޭއްވި މި ބައްދަލުވުމަކީ، އެ ޕާޓީގެ 161 ވަނަ ކައުންސިލް ބައްދަލުވުމުގައި ނިންމި ނިންމުމާއެކު އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅޭގޮތުން މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއް ކަމަށެވެ. މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވީ، ޖޭޕީގެ ކައުންސިލުން އެކަމަށްޓަކައި ނަގާފައިވާ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންކަމަށް އަލީ ޞާލިޙް ވިދާޅުވިއެވެ.

ބައްދަލުވުމާ ގުޅޭ އިތުރު މައުލޫމާތެއް އަލީ ހިއްސާކުރައްވާފައި ނުވާއިރު، މިއީ މިވަގުތަށް ހާމަކުރެވެން އޮތް މިންވަރުކަމަށް އޭނާ ވިދާޅުވިއެވެ.

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މި ދެ ޕާޓީން ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކޮށްފައިވާއިރު، ވެރިކަން ކުރާ ޕްރޮގްރެސިވް ކޯލިޝަން އާއި، އެ ކޯލިޝަންގެ ލީޑަރުގެ ގޮތުގައި ކުރިން ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ދެމެދު މައްސަލަޖެހި، ރައީސް ޔާމީން ވަނީ ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް އިން ވަކިވެވަޑައިގެން އައު ސިޔާސީ ޕާޓީއެއް އުފެއްދުމުގެ މަސައްކަތް ފަށާފައެވެ.

ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގައި ޕްރޮގްރެސިވް ކޯލިޝަންގެ ހަތަރު މެމްބަރަކު މިހާރު ތިއްބަވައެވެ. އޭގެތެރެއިން ޕީއެންސީގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ ޕީޖީ ލީޑަރު ފަޟުލް އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހީމް ނަސީމްއެވެ. މަޖިލީހުގައި ޖޭޕީގެ މެމްބަރުންގެ ގޮތުގައި ވެސް ތިއްބެވީ ދެ މެމްބަރެކެވެ. އެއީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސެއިނެވެ.

މިއަދު އޮންލައިން