ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބީގަ ޘާބިތުވުމުން ފިރިމީހާއަށް ހީވެސް ނުކުރެވޭފަދަ ބޮޑު ތަނަވަސްކަމެއް ލިބި އަނބީމީހާގެ ފުރާނަ ސަލާމަތްކުރެވުނު ގޮތުގެ ވާހަކަ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 42ސ
ޢިބްރަތްތެރި ވާހަކަ: ޙަޤީޤީ ލޯބީގަ ޘާބިތުވުމުން ފިރިމީހާއަށް ހީވެސް ނުކުރެވޭފަދަ ބޮޑު  ތަނަވަސްކަމެއް ލިބި އަނބީމީހާގެ ފުރާނަ ސަލާމަތްކުރެވުނު ގޮތުގެ ވާހަކަ-

އެންމެންވެސް މިއަދު މިއުޅެނީ އަވަސް އަވަހަށް ކައިވެނި ރޫޅޭތީ ކަންބޮޑުވެގެންނެވެ. ސުވާލަކީ ދެމަފިރިން އެކަކު އަނެކަކު ދެކެ ލޯބިވާންވާވަރަށް ލޯބި ނުވެވޭތީ، އަޅައި ނުލެވޭތީ، ބޭވަފާތެރި ވެވޭތީ ކަންބޮޑުވަނީ ކިތައް ދެމަފިރިން ހެއްޔެވެ؟  

އެކަކު އަނެކަކު ދެކެ ވާންޖެހޭ ލޯބި ފުރިހަމަ ގޮތުގައި ވެވިއްޖެނަމަ އާދަފޫއަޅުވައިލާފަދަ ގޮތްގޮތުންވެސް ދިރިއުޅުމަށް އުފާވެރިކަން ލިބެއެވެ. ތިރީގައި އެވަނީ އެފަދަ ދެމަފިރިއެއްގެ ވާހަކައެވެ.  

އަހަރެމެންގެ ކައިވެންޏަށް 6 އަހަރުވީއިރުވެސް ދަރިއަކު ނުލިބެއެވެ. ނަމަވެސް އެއީ އަހަރެން އެންމެ ބޮޑަށް ބޭނުންވާ ކަންތަކެވެ. އެކަމަށް އައީ މަސައްކަތްކުރަމުންނެނެވެ. ފިރިމީހާއަކީ ވަރަށް ހެޔޮ މީހެކެވެ. ވީމާ ދުވަހަކު ދަރިއަކު ނުލިބުނު ނަމަވެސް ފިރިމީހާ އާއި ވަކިވުމަކީ އަހަރެން ކުރާނެ ކަމެއް ނޫން ކަމަށް ވެސް ހުރީ ނިންމައިގެންނެވެ.  

އެވިސްނުން ބަދަލުކުރަންޖެހުނީ އަހަރެންގެ ލެޔަށް ކެންސަރު ޖެހިފައިވާކަން އެނގުމުންނެވެ. އެކަން ފިރިމީހާއަށް ސިއްރުކުރީމެވެ. އެއީ ފަރުވާކޮށްދޭނެ ފައިސާ އޭނާގެ އަތުގައި ނެތުމުންނެވެ. ފަރުވާކޮށް ނުދެވިއްޖެނަމަ އޭނާ ދެރަވާނެތީއެވެ.  

ވަރަށް ބޮޑަށް ވިސްނުމަށްފަހު އެއް ރޭ ފިރިމީހާ ގެއަށް އައުމުން ދެން އެންމެ އިރުކޮޅަކުވެސް އެގޭގައި ހުންނަން ބޭނުން ނޫންކަމަށް ބުނީމެވެ. ދެމީހުން އެކުގައި އުޅެން ބޭނުން ނޫންކަމަށް ވެސް ބުނީމެވެ. އަދި ފިރިމީހާއަށް ފައިދާބޮޑުވާނީ އަހަރެން ގެއިން ދިއުމުން ކަމަށްބުނެ ގެއިން ނުކުމެގެން އައީ ނުދިއުމަށް އެދި އާދޭސްކޮށްކޮށް ހުއްޓައެވެ.  

މައިންބަފައިން ގާތުގައި ހުރެ އަތުގައި ހުރި މަދުފައިސާކޮޅުން ފަރުވާކުރަމުންދާތާ 8 މަސްވީފަހުން ޑޮކްޓަރުބުނީ ބަލިން ގަދަވެވޭނެ އިންޖެކްޝަނެއް މިހާރު އުފައްދައިފި ކަމަށާއި ނަމަވެސް އަގު ވަރަށް ބޮޑުކަމަށެވެ. "ބޭސް ނެރުނުކޮޅުމަތިވީމަ އަގު ވަރަށް ބޮޑު. ގާތްގަނޑަކަށް 120،000 ޑޮލަރުވަރު ބޭނުންވާނެ."  

ޑޮކްޓަރު ދިން މައުލޫމާތުން ލިބުނު އުފަލެއް ނެތެވެ. އެއީ އެހައި ގިނަ ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތުމުންނެވެ.  

ކުއްލިއަކަށް ފިރިމީހާމަތިން ވަރަށް ބޮޑަށް ހަނދާންވާން ފެށިއެވެ. އަދި މާފަށް ނުއެދި، ޙަޤީޤަތް ކިޔައިނުދީ ހުއްޓާ މަރުވެއްޖެނަމަ އެކުރެވުނީ ވަރަށް ބޮޑު ކުށެއްކަމަށް ހިތަށް އަރަންފެށިއެވެ. ކެތް ނުކުރެވިގެން ފުރަތަމަ ފަހަރަށް ގުޅީމެވެ. އަދި ހުރިހާ ކަމެއް ކިޔައިދީ މާފަށްވެސް އެދުނީމެވެ.  

އެއްވެސް ޝަކުވާއެއް ނެތި ފިރިމީހާ މާފުކުރިއެވެ. އަދި މާފަށް އެދުން ލަސްނުވާކަމަށްވެސް ބުންޏެވެ.  

ޖެހިގެން އައި ހަފްތާގައި ޑޮކްޓަރަށް ދިއުމުން ބުނީ އުފާވެރި ޚަބަރެއް އެބައޮތް ކަމަށެވެ. މީހަކު ޑޮކްޓަރަށް ހަދިޔާކުރި ޑޯޒްއެއް ލިބިފައިވާކަމަށާއި އެ ޑޯޒް އެންމެ ޙައްޤުކަން ބޮޑީ އަހަރެންނަށް ކަމަށެވެ. ވީމާ ހަމަ މިއަދުވެސް ބޭނުންނަމަ އެޑްމިޓްވާންވީ ކަމަށެވެ.  

ހަމައެދުވަހުގެ ރޭ އެޑްމިޓްވެ ފަރުވާ ހޯދީމެވެ. 3 ހަފްތާ ހޮސްޕިޓަލުގައި ހޭދަކުރުމަށްފަހު ނުކުންނަންވެގެން އާއިލާގެ ގިނަބައެއްގެ އެހީތެރިކަމާއިއެކު ބިލްދައްކަން ބެލިއިރު ބިލްވެސް މީހަކު އޮތީ ދައްކައިދީފައެވެ.  

ކޮންމެއަކަސް ކޮޓަރިން ނުކުންނަން އުޅުނު ވަގުތަކު ކޯޓުފަޓުލޫނުގައި ހުރި މީހަކު އިތުރު ދެމީހުންނާއިއެކު ކޮޓަރިއަށް ވަދެފައި ގެންދަން ހުރި ތަކެތި ކާރަށް ގެންދަން ބުނުމުން ދިއައީ ސިއްސައިގެންނެވެ. ސިފަ ހުރީ ވަރަށް ބަދަލުވެފައެވެ. ނަމަވެސް އެއަޑަކީ ފިރިމީހާގެ އަޑުކަން އެނގުނެވެ. ފިރމީހާއަކީ ދުވަހަކު ކޯޓުފަޓުލޫނު ލީ މީހެއް ނޫނެވެ. އެހެންވެ ޝައްކުވެގެން ބަލަހައްޓައިގެން ހުރެވުނެވެ.  

"ލޯބިވާ އަނބިމީހާއެވެ! ނުވެސް އެނގުނުދޯއެވެ. މިއީ ހަމަ ތިބާގެ ފިރިމީހާއެވެ. ވަރިއެއް ނުކުރަމެވެ. އެއީ ކުރެވޭނެ ކަމެއް ވެސް ނޫނެވެ. ތިބާ ގެއިން ނުކުތްތަނާ އެހެން ކުންފުންޏަކުން ރަނގަޅު ވަޒިފާއެއް ލިބުނީއެވެ. މިހާރު ފައިސާގެ ދަތިކަމެއް ނެތެވެ. ދެމަފިރިންނަށް މެޑިކަލް އިންޝުއަރަންސް ވެސް ވަނީ ލިބިފައެވެ. ބޭހަށް ޚަރަދުކޮށް ހޮސްޕިޓަލް ބިލް ދެއްކީ ތިބާގެ އިންޝުއަރަންސުންނެވެ. މިކަންކަން ފަހިވެގެން މިދިއައީ ތިބާއަށް ފަރުވާ ލިބެންވެގެންކަމަށް ޔަޤީންކުރަމެވެ.  

ތިބާގެ ޙާލަތާއި ގެއިން ނުކުތަ ސަބަބު އެނގުނީ ތިބާގެ ފޯނުކޯލުންނެވެ. އެހިސާބުން ފެށިގެން ކުރެވެންހުރި މަސައްކަތްކުރަން ފެށީއެވެ. މިވަގުތާއި ހަމައަށް ސިއްރުކުރީ ހަމަ މިސަރޕްރައިޒް ދޭންވެގެންނެވެ. ބޭނުންނަމަ މައިންބަފައިންގެ ގާތަށްވެސް ގެންގޮސްދޭނަމެވެ. ގެއަށްވެސް ދާންވީއެވެ. އެކަނި އުމުރު ހޭދަކުރަން ޖެހުނު ނަމަވެސް އެހެން އަންހެނަކު އެގެއަކަށް ނުވައްދާނަމެވެ."  

މިއީ އަޅުގަނޑު ސޯޝަލް މީޑިއާއިން ކިޔާފައިވާ ވާހަކައެކެވެ. މިވާހަކަ ކިޔާފައި ހިތަށް ކުރި އަސަރުން މިއަދުނޫހުގެ ިޔުންތެރިންނާއި ހިއްޞާކޮށްލަން ބޭނުންވީއެވެ. މިތިބީވެސް ފިރިންނެވެ. އަނބިންނެވެ. މިބާވަތުގެ ވާހަކަތައް ގިނަ ބައަކު ކިޔައެވެ. ސުވާލަކީ ޢިބްރަތް ޙާޞިލުނުކުރެވެނީ ކީއްވެގެންބާވައެވެ؟  

- ސުހާނާ / މިއަދުނޫހުގެ ކިޔުންތެރިއެއް

މިއަދު އޮންލައިން