ބައަކު ކޮންމެ ގޮތަކަށް ވާހަކަދެއްކި ނަމަވެސް އިސްލާމް ދީނުގައި މަނާކުރައްވަވާފައިވަނީ ވަރަށް މަދު ކަމެކެވެ. އެއިން ކޮންމެ ކަމެއްވެސް މަނާކުރައްވަވާފައިވަނީ އެކަމެއް ކުރުމުން ލިބޭނެ ދެރަ މާބޮޑުވާނެތީއެވެ. ހެޔޮވިސްނޭ ކާފިރުންވެސް މިއަދު އެކަން ޤަބޫލުކުރެއެވެ. އެއީ އެއިން ކޮންމެ ކަމެއް ކުރިޔަސް އެމީހަކަށް ދުނިޔޭގައިވެސް ބޮޑެތި ދެރަތައް ލިބޭކަން ޤަބޫލުކުރެވޭތީއެވެ.
މުސްލިމުން ބޮޑަށް ބަލަންވީ ދުނިޔޭގައި ލިބޭ ދެރައަށްވުރެ އާޚިރަތް ދުވަހު ލިބޭނެ ދެރަ މާބޮޑުވާނެތީއެވެ. ﷲ ތަޢާލާގެ ޢަޛާބް އެމީހަކަށް ޙައްޤުވާނެތީއެވެ. ޢަޛާބަށް ކެތްނުކުރެވޭނެތީއެވެ.
މީސްތަކުންނަށް ކަންކަން މަނާކުރެއްވެވި ސަބަބު- އިބްނުލް ޤައްޔިމު ރަޙިމަހުﷲ
އިބްނުލް ޤައްޔިމު رحمه الله ވިދާޅުވިއެވެ.
"ﷲ ތަޢާލާގެ ރަޙްމަތުން، އެއިލާހު ވަނީ ދުނިޔޭގެ ދިރިއުޅުމަކީ ދަތި އަދި ކިލަނބު އެއްޗެއް ކަމުގައި ލައްވާފައެވެ. އެއީ މީސްތަކުން އެތަނުގައި މަޑުޖެހިލަފާނެތީއެވެ. އަދި އެއިލާހުގެ ޙަޟްރަތުގައި ތައްޔާރުކުރައްވާފައިވާ ދާއިމީ ނިޢުމަތްތަކަށް ފުރަގަސްދީ، ދުނިޔޭގައި ހަމަޖެހިލަފާނެތީއެވެ. އެއިލާހު އެބައިމީހުން އެ ނިޢުމަތްތަކާ ދިމާއަށް ގެންގޮސްފައި އެވަނީ އިމްތިޙާނުތަކާއި މުޞީބާތްތަކުގެ ތެރެއިންނެވެ.
ފަހެ އެބައިމީހުންނަށް މަނާކުރެއްވީ ދެއްވުމަށްޓަކައެވެ. އަދި މުޞީބާތް މެދުވެރިކުރެއްވީ ޢާފިޔަތު ދެއްވުމަށްޓަކައެވެ. އަދި އެބައިމީހުން މަރު ގެންނެވީ އަލުން ދިރުއްވުމަށްޓަކައެވެ."
[إغاثة اللهفان لابن القيم (2 / 175)]
- އައްޝައިޚް ޢިމްރާން މުޙައްމަދު ޢަލީ