އަހުރެމެންގެ ވަށައިގެންވަނީ ބިރުވެރިކަމެވެ. ނުރައްކައުތެރިކަމެވެ. ރައްކައުތެރިކަން ލިބެން މިއޮތީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ރައްކައުތެރިކަން ހޯދޭނެ މަގު ރަސޫލް ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަނީ ދައްކަވައި ދެއްވަވައިފައެވެ. ހަމައެއާއިއެކު ކުރާ ކުދިކުދި ޢަމަލުން ގިނަގުނަ ޘަވާބު ލިބޭނެ ގޮތްތައްވެސް ވަނީ ދައްކަވައި ދެއްވަވައިފައެވެ.
ކޮންމެ މީހަކުވެސް ދުވަސް ފަށަން އޮތީ ފަތިސް ނަމާދުންނެވެ! ފަތިސް ނަމާދަށްފަހު ކީރިތި ޤްރުއާނުން ކިތަންމެ ކުޑަމިންވަރެއް ނަމަވެސް ކިޔަވާށެވެ! ޛިކްރުތައް ކުރާށެވެ!
މި ޛިކްރަކީ ރަސޫލް (ﷺ)، އިތުރު އެކަލޭގެފާނު ﷺ ގެ އަނބިކަނބަލުން ޖުވައިރިޔަތުގެފާނަށް ދަސްފުޅުކޮށްދެއްވެވި ޛިކްރެކެވެ. އެއީ ފަތިސްނަމާދުން ފައިބައި ވަޑައިގެން ކަންކަމުގައި އުޅުއްވެވުމަށްފަހު މެންދުރު ގެއަށްވަޑައިގެންނވިއިރު ވެސް ފަތިހުންސުރެ ޛިކްރު ކުރެއްވެވުން މަތީގައި ޖުވައިރިޔަތުގެފާނު އިންނެވުމުންނެވެ.
ރަސޫލް (ﷺ) ޙަދީޘްފުޅު ކުރެއްވެވީ މި ޛިކްރަކީ ފަތިސް ނަމާދުން ފެށިގެން މެންދުރުވުމާއި ހަމައަށް ޛިކްރްކުރުންމަތީގައި އިނުމަށްވުރެ ގިނަ ސަވާބު ލިބިގެންދާ ޛިކުރެއްކަމަށެވެ.
سُبْحَانَ اللهِ وَبِحَمْدِهِ: عَدَدَ خَلْقِهِ، وَرِضَا نَفْسِهِ، وَزِنَةَ عَرْشِهِ وَمِدَادَ كَلِمَاتِهِ
"މާތް ﷲ އަށް ހުސްޠާހިރުވަންތަކަމާއި ރިވެތި ޘަނާ އާއި ތަޢްރީފް ލިބިވިޑިގެންވެއެވެ. އެއިލާހުގެ ޚަލްޤްތަކުންގެ ޢަދަދަށެވެ. އަދި އެ އިލާހުގެ ޛާތުފުޅު ރުހިވޮޑިގަންނަވާ މިންވަރަކަށެވެ. އަދި އެ އިލާހުގެ ޢަރުޝީގެ ބަރުދަނަށެވެ. އަދި އެއިލާހުގެ ބަސްފުޅުތަކުގެ ދެލީގެ މިންވަރަށެވެ."
ބައެއް ޢިލްމްވެރިން ވަނީ ޢަޞްރު ނަމާދަށްފަހު މި ޛިކްރު ކުރުމުން ފަތިސް ނަމާދަށްފަހު ކުރުމުން ލިބޭ ޘަވާބު ލިބިގެންދާނެ ކަމަށްވެސް ބަޔާން ކުރައްވަވައިފައެވެ. ވީމާ ކޮންމެ ދުވަހަކުވެސް ދެއިރު މި ޛިކުރު ކިޔުން ދޫނުކުރާށެވެ. އަދި އެއިރުން ތިބާއަށް އެހުރެވެނީ މުޅި ދުވަހު ޛިކުރުކުރުންމަތީގައި ކަމަށްވުމަށް އެދޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން