ކޮންމެ އަހަރެއްގެވެސް ޑިސެމްބަރު 10 ވަނަ ދުވަހު ފާހަގަކުރާ މަސްވެރިންގެ ދުވަހާ ގުޅުވައިގެން ދޭ ޚާއްޞަ އެވޯޑުތަކަށް ކުރިމަތިލުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން މިއަދު ހުޅުވާލައިފިއެވެ.
މާލޭގައި ރަސްމީ ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވާ މިއަހަރުގެ މަސްވެރިންގެ ދުވަހުގެ އެންމެ ޚާއްޞަ އެއް ކަމަކީ، މަސްވެރިކަމުގެ ދާއިރާގައި ޢަމަލީގޮތުން ހަރަކާތްތެރިވާ ކަނބަލުންގެ އަގުވަޒަންކުރުމުގެ ގޮތުން "ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު" އަލަށް ތަޢާރަފުކުރުމެވެ. މި އެވޯޑު ޚާއްޞަކޮށްފައިވަނީ މަސްވެރިކަމުގައި ޢަމަލީގޮތުން އުޅެ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ކަނބަލުންނަށެވެ.
މިއަހަރުގެ ޖަލްސާގައި ޖުމްލަ 4 ދާއިރާއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އޭގެ ތެރޭގައި ހިމެނެނީ:
- އެންމެ ޚިދުމަތްތެރި ޒުވާން ކެޔޮޅުގެ އެވޯޑު (35 އަހަރުން ދަށް): މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، އަދި އާމްދަނީ ހޯދުމަށް އެހެން މަސައްކަތެއް ނުކުރާ ޒުވާނުންނަށް.
- އެންމެ ތަޖުރިބާކާރު ކެޔޮޅުގެ އެވޯޑު (35 އަހަރުން މަތި): މިހާރުވެސް މަސްވެރިކަމުގައި ޢަމަލީގޮތުން އުޅޭ، މަސްވެރިކަން ފިޔަވައި އާމްދަނީ ހޯދަން އެހެން މަސައްކަތެއް ނުކުރާ ފަރާތްތަކަށް.
- ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑު: އާމްދަނީ ހޯދުމުގެ މައިގަނޑު މަސައްކަތެއްގެ ގޮތުގައި ފަރުމަހުގެ މަސްވެރިކަން ކުރާ ފަރާތްތަކަށް.
- ޚިދުމަތްތެރި އަންހެން މަސްވެރިޔާގެ އެވޯޑު: މަސްވެރިކަމުގައި ޢަމަލީގޮތުން އުޅެ، އާމްދަނީ ހޯދުމަށް މަސްވެރިކަން ކުރާ ކަނބަލުންނަށް.
މި އެވޯޑުތަކަށް އަމިއްލަ ގޮތުންނާއި، އެހެން ފަރާތްތަކުންވެސް ނަން ހުށަހެޅުމުގެ ފުރުޞަތު މިހާރު ވަނީ ހުޅުވާލާފައެވެ. އެވޯޑަށް އެދޭ ފޯމު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާގެ ވެބްސައިޓް މެދުވެރިކޮށް ޑައުންލޯޑު ކުރެވެން ހުންނާނެ ކަމަށް އެ ވުޒާރާއިން މަޢުލޫމާތު ދެއެވެ.
ޝަރުތުހަމަވާ ފަރާތްތަކުން ފޯމު ފުރިހަމަކުރުމަށްފަހު، މިމަހުގެ 29 ވަނަ ދުވަހުގެ ކުރިން [email protected] އަށް އީމެއިލް ކުރުމަށް އެ ވުޒާރާއިން ވަނީ އެދިފައެވެ.