ޤައުމީ ޔުނިވަރސިޓީގެ ސްޓޫޑަންޓް ޔުނިއަނުން އައްޑޫ ސިޓީގައި މިއަދު ފެށި އައްޑޫ ބޮޑު ފަނޑިޔާރު ތަކުރުފާނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ވާހަކަ ދެއްކުމުގެ މުބާރާތާއި އައްޝައިޚް ޙުސައިން ޝަރަފުއްދީނުގެ ހަނދާނީ ވާދައިގެ ތަށްޓަށް ބާއްވާ ބަހުސް މުބާރާތް ފެށުމުގެ ރަސްމިއްޔާތު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ޝަރަފުވެރިކޮށްދެއްވައިފިއެވެ.
އައްޑޫ ސިޓީ ހިތަދޫގައި މިއަދު ފެށި މި މުބާރާތް، ފެށުމުގެ ރަސްމިއްޔާތުގައި ފަނޑިޔާރުންގެ ފަރާތުން ވާހަކަ ދެއްކެވުމުގެ އިތުރުން ޕެނަލް ޑިސްކަޝަންއެއް ވަނީ ކުރިއަށް ގެންގޮސްފައެވެ. މީގެ އިތުރުން ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވަޒީރު ހީނާ ވަލީދު ވަނީ މުބާރާތުގެ ބައިވެރިންނާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވާފައެވެ. މި މުބާރާތް ރަސްމީކޮށް ފައްޓަވާފައި ވަނީ މުބާރާތުގެ ފަނޑިޔާރުން ތަޢާރަފުކޮށްދިނުމަށްފަހުއެވެ.
މި މުބާރާތަކީ ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ދަރިވަރުންގެ ޔޫނިއަނުން ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ ހިތަދޫ ކެމްޕަހާ، ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ، އައްޑޫ ސިޓީ ކައުންސިލް އަދި ދިވެހިބަހުގެ އެކެޑަމީ އާއި ގުޅިގެން އައްޑޫ ސިޓީ އަދި ފުވައްމުލަކު ސިޓީގެ ސްކޫލުތަކަށާއި މުއައްސަސާތަކަށް ކުރިއަށް ގެންދާ މުބާރާތެކެވެ.