ނ. އަތޮޅުގެ ސިއްހީ ނިޒާމަށް ބޮޑެތި ކުރިއެރުންތަކެއް އަންނަމުންދާއިރު، އެ އަތޮޅު ކެނދިކުޅުދޫގައި އަލަށް އިމާރާތްކުރާ ހޮސްޕިޓަލްގެ މަސައްކަތް ނިންމައި، އަންނަ އަހަރުގެ ތެރޭގައި ޚިދުމަތް ދޭން ފެށުމަށް ތައްޔާރުވަމުންދާކަން ހާމަކޮށްފިއެވެ. މިކަން ހާމަކުރެއްވީ ނ. ވެލިދޫ ސިއްހީ މަރުކަޒަށް 25 އަހަރު ފުރުން ފާހަގަކުރުމަށް އެރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން، ސިއްޙަތާއި އާއިލާއާއި އިޖުތިމާއީ އެހީއާބެހޭ ވަޒީރު ޤީލާ އަލީއެވެ.
ވަޒީރުގެ ވާހަކަފުޅުގައި، މުޅި ނ. އަތޮޅުގެ ސިއްހީ ދާއިރާއަށް އަންނަމުންދާ އިންގިލާބީ ބަދަލުތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން ނ. އަތޮޅު ހޮސްޕިޓަލުގައި އައިސީޔޫގެ ޚިދުމަތުގެ އިތުރުން، ނަފްސާނީ ބަލިތަކަށް ޚާއްޞަ ޑޮކްޓަރުންނާއި ފިޒިއޮތެރަޕީގެ ޚިދުމަތް ފަށާފައިވާކަން އެކަމަނާ ފާހަގަކުރެއްވިއެވެ. އަދި އެ ހޮސްޕިޓަލުގައި ދެމުންދާ ޑައިލިސިސްއާއި ދަތުގެ ފަރުވާގެ ޚިދުމަތްތައް ވެސް އިތުރަށް ފުޅާކުރެވިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ނ. ހޮޅުދޫ ސިއްޙީ މަރުކަޒުގައި އެކްސްރޭގެ ޚިދުމަތާއެކު، ކުޑަކުދިންގެ ޚާއްޞަ ޑޮކްޓަރުންނާއި އެތެރެހަށީގެ ޚާއްޞަ ޑޮކްޓަރުންގެ ޚިދުމަތް މިހާރު ފޯރުކޮށްދެމުން އަންނަކަން ވަޒީރު ހާމަކުރެއްވިއެވެ. އަދި އަތޮޅުގެ ރަށްރަށުގައި ލެބޯޓްރީގެ ޚިދުމަތް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ވެސް އެކަމަނާ ހިއްސާކުރެއްވިއެވެ. އެގޮތުން އަތޮޅުގައި ލެބޯޓްރީ ނެތް 8 ރަށުގެ ތެރެއިން 3 ރަށެއްގައި މިހާރު އެ ޚިދުމަތް ގާއިމުކުރެވިފައިވާ ކަމަށާއި، ބާކީ 5 ރަށުގައި ލެބޯޓްރީ ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ބާރަށް ކުރިއަށްދާ ކަމަށް ވިދާޅުވިއެވެ.
ވަޒީރު ޤީލާ އަލީ ވިދާޅުވި ގޮތުގައި، ކެނދިކުޅުދޫ ހޮސްޕިޓަލާއެކު މުޅި އަތޮޅުގެ ސިއްހީ ނިޒާމަށް އެކުއެކީގައި ގެނެވޭ މި ބަދަލުތަކަކީ މުޅި ސަރަހައްދުގެ ރައްޔިތުންނަށް ލިބިގެންދާނެ ވަރަށް ބޮޑު ތަސައްލީއެކެވެ. އަދި އަތޮޅުގެ ސިއްހީ ދާއިރާއަށް ގެނެސްދެއްވާ އަގުހުރި ތަރައްގީއަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ވަޒީރު ވަނީ ޚާއްޞަ ޝުކުރެއް އަދާކުރައްވާފައެވެ.