ކޮންމެ ފެންވަރެއްގެ މީހަކާ މުޢާމަލާތުކުރިނަމަވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 24ސ
ކޮންމެ ފެންވަރެއްގެ މީހަކާ މުޢާމަލާތުކުރިނަމަވެސް ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

ކޮންމެ ކަމެއްގައި، ކޮންމެ ބޭނުމެއްގައި މީހަކާއި ބައްދަލުކުރިނަމަވެސް ތިމާގެ ބޭނުމަށްވުރެ ބައްދަލުކުރާ މީހާ މުހިންމުކުރާށެވެ. އޭނާގެ އަގުވަޒަންކުރާށެވެ. އެއީ ކިތަންމެ ދަށްފެންވަރުގެ މަސައްކަތެއްކުރާ މީހަކު ނަމަވެސްމެއެވެ. 

ﷲ ތަޢާލާ އިންސާނުން އުފައްދަވާފައި މިވަނީ ވަރަށް ތަފާތުކޮށެވެ. އެކިމީހުން ކުރާނީ އެކި މަސައްކަތެވެ. އެހެނަސް ކޮންމެ މީހަކީވެސް މުހިންމު މީހެކެވެ. އެންމެ އާދައިގެ ގޮތަކަށް ބަލާނަމަ ގޭގައި ގެންގުޅޭ ނޯކަރުންނަކީވެސް މުހިންމު ބައެކެވެ. އަހަރެމެންނަށް އަރާމުގައި ދިރިއުލެވެނީ އަހަރެމެން ކުރަންޖެހޭ މަސައްކަތް އެމީހުން ކުރާތީއެވެ. 

ފިހާރަތަކުގެ ވިޔަފާރި ކުރިއެރުމަށް ނެލިނަމަވެސް އެންމެ ބާރަށް ކުރިއަރައިގެންދާނީ ފިހާރައިން ވިޔަފާރިކުރަން އަންނަ މީހުންނަށް އިސްކަންދިނުމުންނެވެ. އެމީހުންގެ އަގުވަޒަންކުރުމުންނެވެ. ތަންކޮޅެއް އާދައިގެ ހެދުމެއްގައި ހުރުމުން އެމީހަކީ ތަނަވަސް މީހެއް ނޫންކަމަށް ބަލައި ނިކަމެތިކުރާނަމަ އެފިހާރައެއްގެ ވިޔަފާރި ކުރިއަރައިގެން ދިއުން އޮންނާނީ ދުރުގައެވެ. ސަބަބަކަށްވަނީ އެއްވެސް މީހަކު ނިކަމެތި ކުރުމަކީ ﷲ ތަޢާލާ ރުހިވޮޑިގަންނަވާ ކަމަކަށް ނުވުމެވެ.

ތިމާއަކީ ފައިސާވެރިއަކަށްވެސް ވެދާނެއެވެ. މަތީ މަޤާމެއްގައި ހުރި މީހަކަށްވެސް ވެދާނެއެވެ. އޮފީހަކުން ނުވަތަ ތަނަކުން ޚިދުމަތެއް ހޯދަން ގޮސް ބައްދަލުކުރަނީ ވަރަށް އާދައިގެ ފެންވަރުގެ މުވައްޒިފަކާއި ކަމަށްވެދާނެއެވެ. އެޙާލަތުގައިވެސް އޭނާއަކީ މާދެރަ މީހެއް ކަމަށް ބަލައި ނިކަމެތިނުކުރާށެވެ. ހިތުގައި ޖެހޭނެ ބަސްތައް ނުބުނެ އޯގާތެރިކަމާއެކު މުޢާމަލާތުކުރާށެވެ. 

އަހުރެމެންނަކަށް އަނެކާގެ ހުރި ތަޤްވާވެރިކަމެއް ނުއެނގޭނެއެވެ. އެމީހަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބިގެންވާ މިންވަރެއް ނުއެނގޭނެއެވެ. ވީމާ އަހުރެމެންނަށް އޮތީ ކޮންމެ މީހަކަށްވެސް އިޙްތިރާމްކުރުމެވެ. ހެޔޮކޮށް ހިތުމެވެ. ރިވެތި ގޮތުގައި މުޢާމަލާތު ކުރުމެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން