ގިނަބައަކަށް ހީކުރެވެނީ ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔަކީ ޓިޔުމަރެއް އުފެދުން ލޭ ނުހިނގުން ނުވަތަ ލޭ ގިނަވުން ލޭ ލީކްވުން ފަދަ ކަމެއްގެ ސަބަބުން ޖެހޭ ބަލިތައް ކަމަށެވެ. ނަމަވެސް އެއީ އެންމެ ރަނގަޅު ވިސްނުމެއް ނޫނެވެ.
ދުނިޔޭގައި އެންމެ ބޮޑަށް މިހާރު ފެތުރިފައިވާ ސިކުނޑިއަށް ޖެހޭ ބަލި ފެންނާނެ އެއްވެސް ސީޓީ ސްކޭނެއް، ނުވަތަ އެމްއާރުއައިއެއް އަދި މިހައިތަނަށް އުފެއްދިފައެއް ނެތެވެ.
ސިކުނޑިއަށް ޖެހޭނެ އެންމެ ބޮޑު ބައްޔަކީ އެހެން މީހުންނާއިމެދު ވިސްނުމެވެ. އެހެން މީހުން ކުރާ ކަންކަމަށް ވިސްނުމެވެ. އެހެން މީހުންނަށް ލިބޭ ނިޢްމަތްތަކަށް ހަސަދަވެރިވުމެވެ. ސިކުނޑިއަށް ދެވޭނެ އެންމެ ބޮޑު ފަރުވާއަކީ ﷲ ތައާލާ އާއިމެދު ވިސްނުން ގިނަ ކުރުމެވެ.
މިއީ އަހަރެންގެ އަމިއްލަ ބަހެއް ނޫނެވެ. މުސްލިމުންގެ ދެވަނަ ޚަލީފާ ޢުމަރު (ރޢ) ވިދާޅުވެފައިވާ ކަމަށް ބުނެވޭ ބަސްފުޅެކެވެ.
އެއްވެސް މީހަކީ އެހެން މީހެއްގެ އެއްވެސް ޒިންމާއެއް ޤިޔާމަތް ދުވަހު އުފުލަން ޖެހޭނެ މީހެއް ނޫނެވެ! އެމީހާގެ ބެލެނިވެރިކަމުގެދަށުގައިވާ ބައެއް މެނުވީއެވެ. ވީއިރު މީހަކު ކޮންމެ ކަމެއް ކުރިނަމަވެސް އެކަމަކާއިމެދު ކަންބޮޑުވެގެން އުޅޭކަށް ނުޖެހެއެވެ. ނަމަވެސް މީހަކު ފާފައަކަށް އަރައިގަތުން ފަދަ ކަމެއް ކުރަނިކޮށް ފެނިއްޖެ ނަމަ އެކަން ނުކުރުން އެދި ނަޞޭޙަތްތެރިވާން ވާނެއެވެ. އެއީ ކޮންމެ މުސްލިމަކުވެސް ކުރަންޖެހޭނެ ކަމެކެވެ. އަދި އެފަދަ ކަމެއް މީހަކު ކުރަން އުޅޭކަން އެނގުނު ނަމަވެސް އެމީހަކަށް ނަޞޭހަތެރިވެ އެމީހަކު އެކަމުން ސަލާމަތްކުރަން މަސައްކަތްކުރަންވާނެއެވެ."
މިފަދަ ޙާލަތެއްގައި މެނުވީ އެއްވެސް އެހެން މީހެއްގެ ކަންކަމާއި ނުބެހޭށެވެ! އެކަން ވާނީ ތިމާގެ ސިކުނޑިއަށް ޖެހޭ އެންމެ ބޮޑު ބައްޔަށެވެ!
މީގެ ތެރެއަކު އިސްލާމް ދީން ދިފާޢުކޮށް ދީނަށް ނަޞްރުދިނުމަށް ކުރަންޖެހޭ ކަންކަމެއް ނުހިމެނެއެވެ. އެފަދަ ޢަމަލުތައް ހިންގާ މީހުން އެކުރަނީ އެމީހުންގެ އަމިއްލަ ކަމެއް ނޫނެވެ. އެހެނީ ދީނަކީ މުޅި އުންމަތުގެ ޙައްޤެކެވެ. މުޅި އުންމަތުގެ ޙައްޤަކަށް އަރައިގެންފިނަމަ ޙިމާޔަތުގައި ބުނަންޖެހޭ ބަސްބުނުމަކީ އެހެން މީހުން ކުރާ ކަންކަމަށް ބެހުމެއް ނޫނެވެ. އެކަންކުރުމަކީ ކޮންމެ މުސްލިމެއްގެ މައްޗަށްވެސް އޮތް ވަރަށް ބޮޑު ވާޖިބެކެވެ. އެ ވާޖިބު އަދާކުރަން ހަމަ އެކަކުވެސް ފަސްނުޖެހޭށެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން