ހިލޭ އަންހެނުންގެ ބޭނުންކުރާ ފިރިހެނުން ގިނަވާތީ އެކަމުގެ ޙައްލަކަށް ގިނަ ބައަކު އެދެއެވެ. ތަފާތު ސުވާލުތައް ކުރެއެވެ. އެހެންކަމުން އަހުރެންގެ ވިސްނުމުން ބަހެއް ބުނެލާނަމެވެ.
ހިލޭ އަންހެނުންގެ ބޭނުންކުރާ ނަމަ އެމީހަކު ކުރާނީ ހަމައެކަނި އެކަމެއް ނޫނެވެ. އެމީހަކަށް ލިބޭ ފައިސާ އިޝްރާފްކުރާނެއެވެ. އެހެން ފާފަތައްވެސް ކުރާނެއެވެ. ސަބަބަކަށްވަނީ އޭނާއަކީ އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވޭ މީހަކު ކަމެވެ. އަމިއްލަ ނަފްސް ކޮންޓްރޯލް ނުކުރެވޭ މީހަކު ވެގެންދާނީ އޭނާގެ ހަވާ ނަފްސް އެދޭ ހުރިހާ ކަމެއްވެސް ކުރާ މީހަކަށެވެ.
މުސްލިމުންގެ މައްޗަށް އޮތް އެންމެ ބޮޑު އެއްވާޖިބަކީ އެމީހެއްގެ ހަވާ ނަފްސަށް ތަބަޢަނުވުމެވެ. ﷲ ތަޢާލާ ހުއްދަކުރައްވަވާފައިވާ ކަމެއް ނޫނީ ނުކުރުމެވެ. އެކަމަށް ވަރަށް ރަނގަޅު ޙައްލެއްވެސް އެބައޮތެވެ. އެއީ ﷲ ތަޢާލާއަށް ބިރުވެތިވުމެވެ.
ތިމާއަކީ ﷲ ތަޢާލާއަށް ބިރުވެތިވާ މީހަކަށްވާންވެސް ވަރަށް ފަސޭހަ މަގެއް އެބައޮތެވެ. އެއީ ތިމާ މިކުރާ ފާފަ ﷲ ތަޢާލާ ވަޤުތުން ބައްލަވައިވޮޑިގެންވާކަމާއި ދެކޮނޑުގައި ތިއްބަވާ މަލާއިކަތުން ފަތުގައި ވަޤުތުން ލިޔުއްވަވާނެކަމާއި އަދި ފަތުގައި ލިޔުއްވަވާ ކޮންމެ ކަމަކަށް ތިމާ ﷲ ތަޢާލާގެ ޙަޟްރަތުގައި ނިކަމެތިކަމާއިއެކު ހުއްޓިހުރެ ޖަވާބުދާރީވާންޖެހޭނެކަން ޤަބޫލުކުރުމެވެ. އެކަންކަން އެންމެ ހިނދުކޮޅަކަށްވެސް ހިތުން ފުހެވިގެންދިއަ ނުދިނުމެވެ.
އަހުރެންގެ އެކުވެރިއެއްގެ ވާހަކަވެސް ކިޔައިދޭނަމެވެ. އޭނާއަކީ ތަނަވަސްމީހެކެވެ. ހިލޭ އަންހެނުންނަށް އިމެއް ނެތި ޚަރަދުކޮށް ޒިނޭކުރަމުން އައި މީހެކެވެ. އޭނާއަށް ތަކުރާރުކޮށް ނަޞޭޙަތްތެރިވީމެވެ. އެކަމުގެ ސަބަބުން އޭނާއަށް ޙައްޤު ގޮތް ވިސްނި، އެކަމުން ސަލާމަތްވާން ކުރެވިދާނެ ކަމަކާއިބެހޭގޮތުން ސުވާލުކުރީމާ އަހުރެންނަށް ވިސްނޭ ބައެއް ކަންކަން ކިޔައިދިނީމެވެ.
އެކަންކަމުގެ ތެރެއިން އޭނާ އިޚްތިޔާރުކުރީ 2 ކަމެކެވެ. އެއްކަމަކީ އޮފީހުގައި އިންނައިރު އޭނާއަށް ފާރަވެރިވާނެ އަޚަކު އަބަދުވެސް އޭނާ ފެންނަ ހިސާބުގައި ބެހެއްޓުމާއި ވިޔަފާރި އާއި ގުޅުން ހުންނަ ކަންކަމުގައި ނޫނީ ފޯނަށް ޖަވާބު ނުދިނުމެވެ. އެކުވެރިންނާ ވާހަކަ ދައްކާ ވަޤުތަކީ ގޭގައި އުޅޭ ވަޤުތުކަމަށް ހެދުމެވެ.
ދެވަނަ ކަމަކީ އޮފީސް ނިމުމުން ވަޤުތުން ގެއަށް ދިއުމާއި އަނބިމީހާ ނުވަތަ ދަރިއަކު ގޮވައިގެން ނޫނީ ގެއިން ބޭރަށް ނުދިއުމެވެ. ދަޢުވަތަކަށް ބޭރަށް ދިއަ ނަމަވެސް އެގޮތަށް ޢަމަލުކުރުމެވެ.
ނަތީޖާ އެނގޭހެއްޔެވެ؟ މަހެއްހައި ދުވަހުގެ ތެރޭގައި އޭނާ މުޅިން އެހެން މީހަކަށް ބަދަލުވިއެވެ. ކުރަމުން ދިއަ ބޮޑުފާފަކުރުން މުޅިން ހުއްޓައިލެވުނެވެ. އެގޮތަށް ކަންކަން ކުރަން ފެށުމުން މަސައްކަތްވެސް ބާރަށް ކުރިއަރައިގެންދިއައެވެ. ބޭކާރު ގޮތުގައި ކުރަމުން ދިއަ ޚަރަދުތައް ކުރުން ހުއްޓާލެވުމުން އަތުގައި ފައިސާ ގިނަވެގެންދިއައެވެ.
އިޞްލާޙްވާން ކޮންމެ މީހަކު ކުރަންޖެހޭނީ އެއް ކަމަކަށް ނުވެދާނެއެވެ. އެމީހަކަށް އެންމެ ފައިދާކުރާނެ ކަމެއް ނުވަތަ ގޮތެއް އެނގޭނީ އެމީހަކަށެވެ. މުހިންމީ ފާފަކުރުން ހުއްޓައިލެވުމެވެ. މަރަށް ތައްޔާރުވެގެން އަބަދުވެސް ހުރުމެވެ.
- އިސްލާމީ ތިލަފަތުގެ ދަރުސަކުން