ސަރުކާރު ބަދަލުވާ އިންތިގާލީ މުއްދަތުގެ ތެރޭގައި، ބައެއް ކަންކަން މަޑުޖައްސާލުމަށް އިންތިޚާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ފަރާތްޕުޅުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިޙްގެ ކިބައިން އެދިވަޑައިގެންފިއެވެ.
ޑރ. މުއިއްޒު މިފަދައިން އެދިވަޑައިގެން ފޮނުއްވި ސިޓީފުޅުގައި ވަނީ، ރިޔާސީ އިންތިޚާބު އެމަނިކުފާނަށް ކާމިޔާބުކުރެއްވުމާ ގުޅިގެން ރައީސް ޞާލިޙް ދެއްކެވި ޑިމޮކްރެސީގެ ރިވެތި ނަމޫނާއަށްޓަކައި އިހުލާސްތެރިކަމާއެކު ޝުކުރުދަންނަވާފައެވެ. އަދި ރައީސް އޮފީހުގައި އެ ދެބޭފުޅުން ބޭއްވެވި ބައްދަލުކުރެއްވުމުގައި، އައު ސަރުކާރާ ބާރުތައް ހަވާލުކުރެއްވުމުގެ ކަންކަން އޮމާންކަމާއެކު ގެންދެވުމަށް ބޭނުންވާ ހުރިހާ އެހީތެރިކަމެއް ދެއްވާނެކަމުގެ ޔަގީންކަން ރައީސް ޞާލިޙް ދެއްވާފައިވާތީ، އެކަން ވެސް ޝުކުރުވެރިކަމާއެކު ބަލައިގަންނަވާކަމަށް އިންތިޚާބީ ރައީސް ފޮނުއްވި ސިޓީގައި ވިދާޅުވެފައިވެއެވެ.
ސަރުކާރާ ހަވާލުވުމުގެ ކަންކަން ވިލަރެސްކުރަމުން އަންނަ މި ދަނޑިވަޅުގައި، މި މަސައްކަތް އޮމާންކޮށް، އަވަހަށް ގެންދިއުމަށްޓަކައި ރައީސް ޞާލިޙްގެ ފަރާތްޕުޅުން ހަތް ކަމެއްގައި އެހީތެރިކަން ލިބުމަކީ މުހިންމު ކަމެއްކަމުގައި ދެކިވަޑައިގަންނަވާކަމަށް ވެސް ޑރ. މުއިއްޒު ފޮނުއްވި ސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ ކަންކަން ކުރިއަށް ގެންދާ ކޮމިޓީގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް އަބްދުﷲ ހަލީލް ވަނީ މި ސިޓީފުޅު "ވީނިއުސް" އާ ހިއްސާކުރައްވާފައެވެ.
އެ ހަތް ކަމަކީ:
- ދައުލަތުގެ އެއްވެސް މުއައްސަސާއަކުން އައު އިންވެސްޓްމެންޓެއް ނުކުރުން
- ދައުލަތުގެ އެއްވެސް ބިމެއް ތަރައްގީކޮށް ވިއްކުމުގެ އައު ހުއްދައެއް ނުދިނުން
- ދައުލަތުގެ އެއްވެސް މުދަލެއްގެ މިލްކުވެރިކަން އެހެން ފަރާތަކަށް ބަދަލުނުކުރުން
- ބައިނަލްއަގްވާމީ މުއާހަދާތަކާއި އެއްބަސްވުންތަކުގައި ސޮއިނުކުރުން
- ޕީ.އެސް.އައި.ޕީ އަދި އެހެންވެސް ޕްރޮގްރާމެއްގެ ދަށުން އައު ޕްރޮޖެކްޓެއް ނުފެށުން
- ދައުލަތުގެ އެއްވެސް މުއައްސަސާއެއްގެ މުސާރައިގެ އޮނިގަނޑަށް އެއްވެސް ބަދަލެއް ނުގެނައުން
- ދައުލަތުގެ އެއްވެސް ވަޒީފާއަކަށް އަލަށް މީހަކު ނުވެއްދުން އަދި މަގާމުގެ ކުރިއެރުން ނުދިނުން
މި ހަތްކަންތައް ކުރިއަށް އޮތް ދުވަސްތަކުގެ ތެރޭގައި ނުކުރެއްވުމަށް ރައީސް ޞާލިޙްގެ ކިބައިން އިންތިޚާބީ ރައީސް ޑރ. މުއިއްޒު އެދިވަޑައިގެންނެވިއިރު، ޓްރާންސިޝަން މުއްދަތުގެ ތެރޭގައި އެއްވެސް އައު މަޝްރޫއެއް ނުހިންގަން ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން ވަނީ ސަރުކާރުގެ ކުންފުނިތަކަށް ގޮވާލާފައެވެ.
ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ގޮތުން އިންތިހާބީ ރައީސްގެ ފަރާތްޕުޅުން ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަގާމަށް ބޭފުޅަކު ހަމަޖައްސަވަން ޖެހޭއިރު، އެ މަގާމަށް އައްޔަނުކޮށްފައިވަނީ ޕީޕަލްސް ނެޝަނަލް ކޮންގްރެސްގެ ކުރީގެ ރައީސް އަދި މިހާރުގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ އެވެ. ޑިރެކްޓަރ ޖެނެރަލް އޮފް ޓްރާންސިޝަންގެ މަސްއޫލިއްޔަތަކީ ވެރިކަން ބަދަލުވުމުގެ މަރުހަލާއާ ބެހޭ ގާނޫނުގައިވާ ކަންކަން އިންތިޒާމުކޮށް ބެލެހެއްޓުމެވެ.
ވެރިކަން ބަދަލުވުމުގެ އިންތިގާލީ މަރުހަލާގެ މަސައްކަތް ކުރިއަށްދާއިރު، ޑރ. މުއިއްޒު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް ޞާލިޙާ ވާދަކުރައްވައި، ވޯޓުލީ މީހުންގެ 54.04 އިންސައްތަ ވޯޓު ހޯއްދަވައިގެންނެވެ. އެއީ 129،159 ވޯޓެވެ. ރައީސް ޞާލިޙަށް ލިބިވަޑައިގެންނެވީ 109،868 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 45.96 އިންސައްތައެވެ.
ޑރ. މުއިއްޒު ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ ހުވާކުރައްވާނީ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހުއެވެ.
ހަބަރު: ވީނިއުސް