ޙަޤީޤީ ޙާދިސާ: ފާޙިޝް ޢަމަލުކުރަން ދެވިހިފާފައިހުރި ޒުވާނެއްގެ ލޯ ހުޅުވައިދީ އެކަމުން ސަލާމަތްކޮށްދިން ކަސްބީ އަންހެނާގެ ވާހަކަ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 3މ 11ސ
ޙަޤީޤީ ޙާދިސާ: ފާޙިޝް ޢަމަލުކުރަން ދެވިހިފާފައިހުރި ޒުވާނެއްގެ ލޯ ހުޅުވައިދީ އެކަމުން ސަލާމަތްކޮށްދިން ކަސްބީ އަންހެނާގެ ވާހަކަ!

އަޅުގަނޑަކީވެސް ދީނަށް ޢަމަލުކުރަން މަސައްކަތްކުރާ ޒުވާނަކީމެވެ. އަޅުގަނޑުގެ ބަލިފައަކީ ހިތްނިފުރޭކަމެވެ. ރީތި އަންހެނަކު ފެންނައިރަށް ފަހަތުން ދުވެވޭކަމެވެ. އޭނާ އާއި ގުޅުންހިންގަން ބޭނުންވެވޭކަމެވެ. އެތައް ފަހަރަކު ތައުބާވެއްޖައީމެވެ. އެކަމަކުވެސް ހަމަ ފާފަކުރެވެނީއެވެ. 

މިޙާލަތުގައި މިކަމުން ސަލާމަތްވާން އަޅުގަނޑަށް ކުރެވޭނީ ކޮންކަމެއްތޯއެވެ؟ 

ފުރަތަމަ ކަމަކަށްވެސް ފާފަކުރުމާއި ދުރުހެލިވާން ތިއަކުރާ މަސައްކަތަށް ތަޢްރީފްކުރަމެވެ. ދެން ބުނެލަން އޮތީ ދުލުން ތައުބާގެބަސްބުނެލުމުގެ އިތުރުން ހިތުންވެސް ތައުބާވާން މަސައްކަތްކުރާށެވެ! ތިއަކަން ތިއަގޮތަށް މެދުވެރިވާ ސަބަބު ނައްތައިލާށެވެ! އެކަނިހުރުމުން ކަމަށްވާނަމަ ކައިވެނިކުރާށެވެ! ކައިވެނިކޮށްގެން ހުރިނަމަ، އަނބިމީހާގެ ކިބައިން ހިތް ނުފުރޭތީކަމަށްވާނަމަ އަދި ތަނަވަސްކަން ހުރިނަމަ އިތުރު އަންތބަކު ހޯދާށެވެ. 

ތިރީގައިވާ ވާހަކަ ތިބާއަށް އެހީތެރިވެދޭނެއެވެ. އިން ޝާ ﷲ 

އަހަރެންނަކީ އިސްލާމް ދީނަށް ލޯބިކުރާ މީހެކެވެ. ދީނީ ފޮތްތައް ކިޔަމެވެ. ދަރުސްތައްވެސް އަޑުއަހަމެވެ. އަދި ނަމާދުކޮށް އަޅުކަންވެސް ކުރަމެވެ. ނަމަވެސް އަހުރެންގެ ވަރަށް ބޮޑު ބަލިފައެއް އޮވެއެވެ. އެއީ ފާހިޝް ޢަމަލުކުރެވުމެވެ. އެފަދަ ޢަމަލެއް ކުރެވިއްޖެ ނަމަ ދެރަވެ ހިތާމަވެސް ކުރެވެއެވެ. އަވަސް އަވަހަށް ތައުބާވެސްވަމެވެ. 

ކޮންމެއަކަސް އެއްރެއަކު ފޯނުކޮށްގެން ގެއަށް އަންހެނަކު ގެނުވީމެވެ. އޭނާ ދަމުން އެދުނީ އަހުރެންގެ އަތުން ފެނުނު ފޮތެއް ކިޔައިލަން ދިނުމަށެވެ. އަނބުރައި ގެނެސްދޭން ވަޢުދުވުމުން އެ ފޮތް އަހަރެން ދިނީމެވެ. 

އެއިގެ ދެމަހެއްހައި ދުވަސްފަހުން އަހުރެން އެ އަންހެން މީހާއަށް ގުޅައި އަނެއްކާވެސް ގެއަށް އައިސްދިނުމަށް އެދުނީމެވެ. އެރޭ އޭނާ ދިނީ ހީވެސް ނުކުރެވޭ ފަދަ ޖަވާބެކެވެ! 

"އަހަރެން މިހާރު ރޭގަނޑު ބޭރަށް ނުކުތުން ހުއްޓާލައިފީމެވެ. ތިބާއަތުން އެރޭ ގެނައި ފޮތް ކިޔައި ނިންމައިލެވިއްޖެއެވެ. އެފޮތް އަހަރެންގެ ދިރިއުޅުން މުޅިން ބަދަލުކޮށްލައިފިއެވެ. މިހާރު އަހަރެން މިހުރީ ތައުބާވެގެންނެވެ. އިރާދަކުރެއްވިއްޔާ ދެން އެއްވެސް ފާފައެއް ނުކުރާނަމެވެ. ފާފަކޮށްގެން ލިބޭ އެއްވެސް އެއްޗެއް ބޭނުމެއް ނޫނެވެ! ފާފައެއް ކުރަން ހިތަށް އަރުވައިލި ނަމަވެސް ގަންނަ ބިރުބޮޑުކަމުން މިހާރު ގައިން ހީބިހި ނަގައެވެ. ހަށިގަނޑު ހޫނުވެގެންދެއެވެ. ހީވަނީ ނަރަކައަށް ވަދެވެން އުޅޭހެންނެވެ. 

ތިބާގެ ފޮތްވެސް އަނބުރައި ގެންގޮސްދޭނަމެވެ. ނަމަވެސް ދުވާލުގެ ވަގުތެއްގައެވެ. ފާފައަކާއި ކައިރިވެވިދާނެ ކަމެއްވެސް ދެން ނުކުރާނަމެވެ! އިން ޝާ ﷲ"  

އަހުރެން ހިތަށް އެރިއެވެ. އެފޮތް އަހުރެންވެސް އެތައް ފަހަރަކު ކީމެވެ! އެހެން ފޮތްތައްވެސް ކިޔަމެވެ. ދަރުސްތައްވެސް އަޑުއަހަމެވެ. ވީއިރު އަހުރެންގެ ހިތަށް އެވަރުގެ ވަރުގަދަ އީމާންކަމެއް ނުލިބެނީ ކީއްވެގެން ހެއްޔެވެ؟ 

ކޮންމެއަކަސް މިވާހަކަ އަހުރެންގެ ވަރަށް ގާތް އިމާމަކާއި ހިއްޞާކުރީމެވެ. އަދި މިސުވާލުވެސް ކުރީމެވެ! އޭނާ ވެސް ދިނީ ޙައިރާންކުރުވި ޖަވާބެކެވެ! "ފޮތް ތިއަކިޔަނީ މަތިމަތިންނެވެ. ދަރުސްތައް ތިއަ އަހަނީވެސް ހަމައެކަނި ކަންފަތުންނެވެ. ކިޔައި، އަޑުއަހާ އެއްޗެތީގެ އަސަރުކޮށް ފައިދާ ޙާޞިލުކުރެވޭނީ ހިތުން އެކަންކަން ކުރުމުންނެވެ." 

އިމާމް އެ ދިން ޖަވާބަށް ވިސްނައިގެން ކަންކަން ކުރަން ފެށީމެވެ. ކިޔާތަކެއްޗާއި އަޑުއަހާ ތަކެތީގެ ފައިދާކުރާނެ ގޮތާއިމެދު ވިސްނައި ޢަމަލުކުރަންވެސް ފެށީމެވެ. އެކަމުގެ ނަތީޖާވެސް މިވަނީ ފެނިފައެވެ. މިހާރު އަހަރެން އެއްވެސް ފާފައެއް ނުކުރަމެވެ. އަދި ކީއްހެއްޔެވެ؟ ބަލިފައިވެސް ބުރިކޮށްލައިފީމެވެ. އެކަންކުރެވުނީ ދެ އަނބިން ހަމަކޮށްގެންނެވެ. އެއިގެ ތެރެއިން އެއް އަންބަކީ އަހުރެންގެ ލޯހުޅުވައިދީ އަހުރެންނަށް މަގުދައްކައިދިން އަންހެނާއެވެ! 

ބުނެލަން އޮތީ އެންމެ މުހިންމީ ގިނަ ފޮތްތަކެއް ކިޔުމެއް ނޫނެވެ. ޢަދަދު މަދުނަމަވެސް ކިޔާ ފޮތުގެ ފައިދާ ތިމާގެ ހިތަށް ކުރާނެ ގޮތަށް ފޮތް ކިޔުމެވެ. އެހެންވެ އަހުރެން މިހާރު ފޮތްކިޔަން ފަށަނީވެސް ދަރުސް އަޑުއަހަން ފަށަނީވެސް އެއިން ޢިބްރަތް ޙާޞިލުކުރެވޭނެ މަގު ފަހިކޮށްދެއްވެވުން އެދި ދުޢާކުރުމަށްފަހުގައެވެ. އަދި އެކަންކަން ކުރަނީ ވީހައި ބޮޑަށް ހިތަށް އަސަރުކުރާނެ ގޮތާއިމެދު ިސްނައިގެންނެވެ! އެކަމަށް ސަމާލުކަންދީގެންނެވެ. 

- އިޤްބާލް މުޙައްމަދު ޚާން/ ލާހޫރު ޕާކިސްތާން

މިއަދު އޮންލައިން