ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށާ ސަބަބަކީ ހިތްދަތިކަމާ މުޞީބާތެއް ކުރިމަތިވުން ކަމަށް ހެދުމަކީ ނުރައްކާ ބޮޑުކަމެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 30ސ
ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށާ ސަބަބަކީ ހިތްދަތިކަމާ މުޞީބާތެއް ކުރިމަތިވުން ކަމަށް ހެދުމަކީ ނުރައްކާ ބޮޑުކަމެއް!

މީސްތަކުން ﷲ ތައާލާ ދެކެ ލޯބިވާވަރަށްވުރެ މާބޮޑަށް ﷲ ތަޢާލާ މީސްތަކުން ދެކެ ލޯބިވެވޮޑިގަންނަވައެވެ. އެހެންކަމުން ކޮންމެ ވަގުތަކު ތައުބާވި ނަމަވެސް ﷲ ތަޢާލާ، އެކަލާނގެ ރުހިވޮޑިގަންނަވާ އަޅުންގެ ތައުބާ ޤަބޫލުކުރައްވަވަތެވެ.

މިބަހުގެ މާނަ އޮޅުވައިނުލާށެވެ! ﷲ ތަޢާލާއަށް ބިރުވެތިވެ ކިޔަމަންތެރިވެ ތައުބާވެ ހެޔޮ ޢަމަލުކުރުންމަތީގައި ތިބޭ އެންމެންނަށްވެސް ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން ލިބޭނެއެވެ. އޮތީ އެކަމުގައި އިޚްލާޞްތެރިވި މިންވަރެކެވެ. ﷲ ތަޢާލާގެ ލޯބިވެވޮޑިގަތުން އޮތީ މިބަޔާންކުރި ކަންކަން ކުރުމުންނެވެ. އެއީ ވަކިމީހަކަށް އޮތް ކަމެއް ނޫނެވެ.

އެހެންކަމުން ފުރަތަމަ ކަމަކަށް އޮތީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ހޯދަން އަބަދުވެސް ގަދައަޅައި މަސައްކަތްކުރުމެވެ. އެކަމަށް އޮތް މަގަކީ ތައުބާވެ ހެޔޮ ޢަމަލުތައް ކުރުން ގިނަކުރުމެވެ. ފާތަކާއި ދުރުހެލިވުމެވެ. ﷲ ތަޢާލާ މަތިވެރިކުރަން ގަދައަޅައި މަސައްކަތް ކުރުމެވެ.  

ކަން އޮތީ މިހެން ނަމަވެސް ބައެއް މީހުން ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން ބޭނުންވަނީ ދެން އެހެން ގޮތެއް ނެތުމުންނެވެ. މުޞީބާތްތައް ކުރިމަތިވެ 4 ފަރާތުން މީހާ ބައްދައިލުމުންނެވެ. ސަލާމަތްވެވޭނެ އެއްވެސް މަގެއް ނުފެނުމުންނެވެ.  

ނަމަވެސް މިއީ މުސްލިމުންގެ ސިފައަކަށްވެގެން ނުވާނެއެވެ! އަދި އެއީ މުސްލިމުންގެ ސިފައެއް ނުމެނޫންމެއެވެ. އެކަމުން އަންގައިދެނީ އެމީހެއްގެ ހިތުގައި ﷲ ތަޢާލާއަށް ބިރުވެތިކަން ނެތްކަމެވެ. އަދި އެމީހެއްގެ ހިތުގައި ﷲ ތައާލާއަށް އެއްވެސް ލޯތްބެއްވެސް ނެތްކަމެވެ.  

ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށާ ސަބަބަކީ މުޞީބާތެއް ކުރިމަތިވުން ކަމުގައި ނަހަދާށެވެ! އެއީ ވަރަށް ނުރައްކާ ބޮޑު ކަމެކެވެ. އެއީ ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބުމަށް ބޭނުންނުވާކަމާއި އަދި ﷲ ތަޢާލާގެ ރަޙްމަތަށްވެސް ބޭނުންނުވާކަން އަންގައިދޭ ކަމެކެވެ.  

އަބަދުވެސް ތައުބާވެ ހެޔޮ އަމަލުކުރުންމަތީގައި ދެމިހުންނަ ނަމަ ﷲ ގެ ރުހިވޮޑިގަތުން ލިބި ރަޙްމަތް އަބަދުވެސް ދާނީ އޮހެމުންނެވެ. އިން ޝާ ﷲ ކިޔަމަންތެރިންގެ ގޮތަކީ އެއީއެވެ!

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން