ދިވެހި ދަރިވަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމާ ދަރިވަރުން މަގުފުރެދެމުންދާ ސަބަބުގެ ވާހަކަ ޚުޠުބާގަ ނުގެނައިކަން އެއީ ހިތާމަހުރިކަމެއް! އުންމީދު ގެއްލިގެންދިއަ ސަބަބެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 59ސ
ދިވެހި ދަރިވަރުންނަށް އޮތް އެންމެ ބޮޑު ގޮންޖެހުމާ ދަރިވަރުން މަގުފުރެދެމުންދާ ސަބަބުގެ ވާހަކަ ޚުޠުބާގަ ނުގެނައިކަން އެއީ ހިތާމަހުރިކަމެއް! އުންމީދު ގެއްލިގެންދިއަ ސަބަބެއް!

ޚުޠުބާ ކިޔަންޖެހޭނީ އެކަމެއްގައި ޝާމިލުވާ އެންމެހައި ކަންކަމަށް އަލިއަޅުވާލައިގެންނެވެ. އިލްތިމާސްތައް ގުޅުންހުރި ހުރިހާ ފަރާތްތަކަށް އަމާޒުކުރަންޖެހޭނެއެވެ. އެއީ ސަރުކާރަށް ކަމަށްވީނަމަވެސް ޙައްޤުބަސް ބުނެވެންޖެހޭނެއެވެ. އެކަން އެނގެނީ ތެދުވެރިކަމާއިއެކު އަމިއްލަފުޅަށް ޚުޠުބާ ވިދާޅުވަމުން ގެންދަވާ އިމާމުން ވިދާޅުވަމުން ގެންދަވާ ޚުޠުބާތަކުންނެވެ. 

ﷲ ތަޢާލާގެ މަގުގައި ނަޞޭޙަތްތެރިވުމަކީ އެއީއެވެ. މިއަދުގެ ޚުޠުބާގައި ހިމަނަން ޖެހޭ އެންމެ މުހިންމު ބައަކީ ސަރުކާރަށް ކުރަންޖެހޭ އިލްތިމާސްތަކެވެ. އެއިގެ ތެރޭގައި ތަފާތު ނަންނަމުގައި ކޭމްޕްތައް ބާއްވައި ދަރިވަރުންނާއި ޒުވާނުންގެ ވިސްނުން ﷲ ތަޢާލާގެ މަގުން ދުރުކުރުމަށް ހިންގާ ކެންޕޭނުތައް ނުހިންގުމަށް ސަރުކާރަށް އިލްތިމާސްކުރަންޖެހެއެވެ. އަދި ޤައުމީ މަންހަޖުގެ ތެރެއިން ދަރިވަރުންގެ ހިތްތަކުގައި ދީނަށް ލޯބި ޖެއްސުވުމަށް މަސައްކަތްކުރަންޖެހޭކަން އެއީ ފާހަގަކުރަންޖެހޭ ކަމެކެވެ.

ދެން އޮތީ އެންމެ ބޮޑު މައްސަލައެވެ. މަސްތުވާތަކެތި ބޭނުންކުރާ ދަރިވަރުން ދަނީ ދުވަހެއް ދުވަހަކަށް އިތުރުވަމުންނެވެ. މަސްތުވާތަކެތި ޑީލްކުރާ ކުދިންވެސް ދަނީ އިތުރުވަމުންނެވެ. އެކަމުގެ ސަބަބުން ﷲ ތަޢާލާގެ މަގުން އެއްކިބާވެ ޝައިޠޯނާގެ މަގުން ކުރިއަށްދާ ކުދިންގެ އަންނަނީ އަހަރުން އަހަރަށް އިތުރުވަމުންނެވެ. 

އެއިގެ އިތުރުން އަދަބު އަޚްލާޤެއް ނެތި ފައުޅުގައި އަޚްލާޤީ ގޮތުން ދަށު ދަރަޖައިގެ ޢަމަލުތައްކުރާ ކުދިންގެ ޢަދަދު އިތުރުވަމުން އަންނައިރު އެކަންކަން ހުއްޓުވަން ކަމާއިބެހޭ ފަރާތްތަކުން ފިޔަވަޅުނުއަޅާކަން އެއީވެސް ލޮލަށް ފެންނަމުން އަންނަ ކަންކަމެވެ. 

މިފަދަ އެތައް މައްސަލަތަކެއް ދަރިވަރުންނަށް ހުރިކަން އެންމެންނަށް އެނގޭއިރު ޚުޠުބާ ލިޔުއްވި ޢިލްމުވެރިޔާއަށްވެސް މިކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެއެވެ. އެހެންކަމާއިއެކުވެސް ސަރުކާރުން ޒިންމާ އުފުލަންޖެހޭ މިބާވަތުގެ އެއްވެސް ކަމެއްގެ ވާހަކަ ފާހަގަކޮށްފައި ނެތުމަކީ ހިތާމަކުރަންޖެހޭ ކަމެކެވެ. 

ނުބައިމަގުތައް ފަހިކުރަމުން، އެމަގުތައް ބަންދުކުރަން މަސައްކަތްނުކޮށް ތިބެގެން ހެޔޮމަގުން ދާން ބުނި ނަމަވެސް އެކަމުގެ ނަތީޖާ އެކަށީގެންވާ ގޮތެއްގައި ނުފެންނާނެކަން އެއީ ދުނިޔެ ދައްކުވައިދޭ ޙަޤީޤަތެކެވެ. އެކަމަށް އިންކާރެއް ނުކުރެވޭނެއެވެ. 

ދިވެހި ދަރިވަރުންނާއި ޒުވާނުން އިސްލާމް ދީނާއި ދުރުކުރުވަން ކުރެވެމުން އަންނަ މަސައްކަތްތައް ހުއްޓުވަން މަސައްކަތްކުރަންޖެހޭ ސަރުކާރުގެ އިދާރާތަކަށް މިކަންކަމަށް ހެޔޮ ގޮތުގައި ވިސްނައި ޢަމަލުކުރުމުގެ ތައުފީޤް ދެއްވަވާށި! އާމީން

 

މިއަދު އޮންލައިން