ސަޢޫދީ އަރަބިއްޔާގެ ބައިނަލްއަޤްވާމީ ދެ ވައިގެ ބަނދަރަކަށް ދީފައިވާ ހަމަލާތަކުގައި އެއްވެސް ދިވެހި ރައްޔިތަކަށް އަސަރުކޮށްފައިވާ ކަމުގެ މައުލޫމާތު މިހާތަނަށް ލިބިފައިނުވާ ކަމަށް ދިވެހި ޚާރިޖީ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
ޚާރިޖިއްޔާއިން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ސަޢޫދީގެ ދެ އެއާޕޯޓަކަށް ދިން ހަމަލާތަކާ ގުޅިގެން އެ ޤައުމުގައި އުޅޭ ދިވެހިންގެ ހާލަތު އެ ވުޒާރާއިން ވަރަށް ގާތުން ބަލަމުންދާ ކަމަށެވެ. އަދި އެ ޤައުމުގައި ދިރިއުޅޭ ދިވެހިންގެ ތެރެއިން އެއްވެސް އެހީތެރިކަމެއް ބޭނުންވާނަމަ، ޚާރިޖީ ވުޒާރާގެ ހޮޓްލައިން ނަންބަރު 7983400 އަށް ގުޅުއްވުމަށް ވަނީ އިލްތިމާސްކުރައްވާފައެވެ.
ރިޔާޟްގެ ވައިގެ ބަނދަރަށް ދީފައިވާ ހަމަލާގައި އެތައް ބަޔަކަށް އަނިޔާވެ، މީހުން މަރުވެފައިވާތީ ދިވެހި ސަރުކާރުން ވަނީ އެ ހަމަލާތައް ހަރުކަށި އިބާރާތުން ކުށްވެރިކުރައްވާފައެވެ. ޚާރިޖިއްޔާއިން ފާހަގަކުރެއްވި ގޮތުގައި، އާންމު ރައްޔިތުންނާއި މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް މިފަދަ ހަމަލާތައް ދިނުމަކީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ކަނޑައެޅިގެން ޚިލާފު ކަމެކެވެ. އަދި މިއީ ސަޢޫދީ އަރަބިއްޔާގެ އިތުރުން މުޅި ސަރަޙައްދުގެ އަމަންއަމާންކަމާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ސަރުކާރުން ވަނީ ސިފަކުރައްވާފައެވެ.
މީގެއިތުރުން، ސަޢޫދީގެ ސިޔާދަތާއި، ސަލާމަތާއި، އެ ޤައުމުގެ ރައްޔިތުންނާއި އެތަނުގައި ދިރިއުޅޭ އެންމެހައި ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެ ޤައުމުން އަޅާ ކޮންމެ ފިޔަވަޅަކަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާއީދު އޮންނާނެ ކަމަށްވެސް ޚާރިޖީ ވުޒާރާގެ ބަޔާނުގައި ވިދާޅުވެފައިވެއެވެ.