މިއަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ ރަށެއްގެ ބޭސްފިހާރަތަކުން އަސާސީ ބޭސް މެދުކެނޑުމެއްނެތި ލިބޭނެ ގޮތް ހެދުމަށް ސަރުކާރުން އިސްނަގައިގެން އަވަސް މަސައްކަތްތަކެއް ކުރަމުންދާކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކުރައްވާފައިވަނީ އާންމުންގެ ސުވާލުތަކަށް ޖަވާބުދެއްވުމަށް ބޭއްވި "އަހާ" ފޯރަމްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ޤީލާ ވިދާޅުވީ، ރާއްޖޭގެ ހުރިހާ ރަށެއްގައިވެސް އަސާސީ ބޭސް ލިބެން ހުރިކަން ކަށަވަރުކުރުމަށާއި، ކަމާބެހޭ އިދާރާތަކުން އެޕްރޫވްކޮށްފައިވާ ބޭސްތައް ދަތިކަމެއް ނެތި އާންމުންނަށް ފޯރުކޮށްދިނުމަށްޓަކައި ބޭސް އިމްޕޯޓްކުރާ ސަރުކާރުގެ ކުންފުނިން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ.
މީގެއިތުރުން، ސްޓޭޓް ފާމާ މެދުވެރިކޮށް ރަށްރަށުގައި ހުރި ބޭސްފިހާރަތަކަށް ބޭސް ފޯރުކޮށްދިނުމުގެ އިތުރުން، ދިގުމުއްދަތަކަށް ބޭސް ބޭނުންކުރާ މީހުންނަށް ބޭނުންވާ ބޭސްތައް މެދުކެނޑުމެއްނެތި ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް އިސްކަންދެމުންދާކަން ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތްތަކުގެ ތެރެއިން މިއަހަރު ނިމުމުގެ ކުރިން އަތޮޅުތެރޭގެ ހުރިހާ ރަށެއްގެ ފާމަސީތަކުންވެސް އަސާސީ ބޭސްތައް އެއްވެސް ދަތިކަމެއްނެތި އާންމުންނަށް ލިބޭނެ އިންތިޒާމު ފުރިހަމައަށް ހަމަޖެހިގެންދާނެ ކަމަށެވެ.