ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާ ހަވާލުކޮށްގެން ކުރިއަށްގެންދާ ސިއްޙީ ދާއިރާގެ މަޝްރޫޢުތައް މޯލްޑިވްސް ټްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތްތައް ފަށައިފިއެވެ. މި ބަދަލާއެކު މަޝްރޫޢުތަކުގެ ދުވެލި އިތުރަށް އަވަސްވެގެންދާނެ ކަމަށް ޞިއްޙަތާއި ޢާއިލާއާއި އިޖްތިމާޢީ އެހީއާބެހޭ ވަޒީރު ޤީލާ ޢަލީ ވިދާޅުވެއްޖެއެވެ.
ހއ. އިހަވަންދޫ އާއި ރ. މީދޫގައި ތަރައްޤީކުރާ ހޮސްޕިޓަލްތަކާ ގުޅޭގޮތުން އެ ދެ ރަށުގެ ރައްޔިތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ އިހަވަންދޫގައި އިމާރާތްކުރާ 30 އެނދުގެ ލެވެލް 1 ގެ ހޮސްޕިޓަލުގެ މަސައްކަތް 2025 ވަނަ އަހަރު އާރްޑީސީއާ ހަވާލުކުރި ނަމަވެސް، މަސައްކަތް އެކަށީގެންވާ ވަރަށް ކުރިއަށް ގޮސްފައިނުވާކަމަށެވެ. އެކަމުގެ މައިގަނޑު ސަބަބަކީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ތަކެތި ހޯދުމުގައި ދިމާވި ދަތިތައް ކަމަށް ވަޒީރު ވިދާޅުވިއެވެ. އެހެންކަމުން، މިހާރު މަސައްކަތް އަވަސްކުރުމުގެ ގޮތުން އެ މަޝްރޫޢު އެމްޓީސީސީއަށް ބަދަލުކުރުމުގެ މަރުޙަލާ ކުރިއަށްދާކަމަށް ވިދާޅުވިއެވެ.
މީގެއިތުރުން، މީދޫގައި ކުރިއަށްދާ 30 އެނދުގެ ހޮސްޕިޓަލް މަޝްރޫޢަށް އަލިއަޅުވާލައްވަމުން ވަޒީރު ވިދާޅުވީ، އެ މަސައްކަތްވެސް އެމްޓީސީސީއަށް ބަދަލުކުރެވޭނެ ކަމަށާއި، އަންނަ އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް އެ ހޮސްޕިޓަލްގެ މަސައްކަތް ނިންމާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.
"ޞިއްޙީ ދާއިރާގެ އުމްރާނީ ތަރައްޤީގެ ގިނަ މަޝްރޫޢުތަކެއް ހަވާލުކޮށްފައި އޮތީ އާރުޑީސީއާ. ނަމަވެސް އެ މަސައްކަތްތައް މިހާރު އެމްޓީސީސީގެ ދަށަށް ބަދަލުކުރުމުގެ މަސައްކަތް ކުރިއަށްދާއިރު، މަސައްކަތުގެ ދުވެލިވެސް އަވަސް ވެގެންދާނެ،" ވަޒީރު ޤީލާ ވިދާޅުވިއެވެ.