ބަލިޙާލުގަ އޮތް ބައްޕަ ދަރިފުޅުގެ ފަހަތުން ބައްޕަ ނަމާދުކުރާ މި ވީޑިއޯ އެގެނެސްދޭ އަގުހުރި ފލާވަޅު ލިބިނުގަނެ ދޫކޮށްލަން ހެޔޮ ނުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ބަލިޙާލުގަ އޮތް ބައްޕަ ދަރިފުޅުގެ ފަހަތުން ބައްޕަ ނަމާދުކުރާ މި ވީޑިއޯ އެގެނެސްދޭ އަގުހުރި ފލާވަޅު ލިބިނުގަނެ ދޫކޮށްލަން ހެޔޮ ނުވާނެ!

ލިޔުމުގައިވާ ވީޑިއޯ ބައްލަވާށެވެ! ބައްޕައެއްތީ ނުހަނު ބަލިޙާލުގައި އެޑްމިޓްކޮށްފައެވެ. ކިރިޔަކިރިޔާ ބޯހިއްލައިލެވެނީއެވެ. އޭނާގެ ކުޑަ ދަރިފުޅު އެނދުކައިރީގައި އިމާމްވެ ނަމާދުކުރަނީއެވެ. ބައްޕަ ބޮލުގެ އިޝާރާތުން ނަމާދުކުރަމުން އެގެންދަނީ ދަރިފުޅުގެ ފަހަތުންނެވެ. 

ވިސްނަވައިލައްވާށެވެ! މިކަމުގެ ސަބަބުން ހަމައެކަނި ބައްޕައަށް ނަމާދުކުރެވެނީއެއް ނޫނެވެ. ދަރިފުޅަށް އެދެވެނީ ކޮންފަދަ މުހިންމު ތަރުބިއްޔަތެއްތޯއެވެ؟ 

އެކަމަށް އެއްބަސްނުވެދާނެއެވެ. އެއީ އެކަމަކީ ތިމާމެންނަށް ކުރަންޖެހޭ ކަމަކަށްވެފައި އެކަން ނުކުރެވޭތީ އެއްބަސްވާން ބޭނުންނުވަނީ ކަމަށްވެދާނެއެވެ. ނަމަވެސް މިއަދު ގިނަބައަކު ޤަބޫލުކުރަންޖެހޭނެ ޙަޤީޤަތްތަކެއް އެބަހުއްޓެވެ. 

އެއިގެ ތެރެއިން އެއްކަމަކީ މައިންބަފައިން، އަނބިން، ފިރިން، ދަރިން ނުވަތަ އެނޫންވެސް ތިމާ ބަލަހައްޓަންޖެހޭ މީހަކު ބަލިވެގެން ހޮސްޕިޓަލުގައި އެޑްމިޓްކޮށްފިނަމަ އެމީހަކު ލައްވައި ނަމާދުކުރުވަން ކުރަންޖެހޭ މަސައްކަތް ނުކުރުވޭކަމެވެ. އެކަމަށް ސަމާލުކަން ނުދެވޭކަމެވެ. 

މިކިޔުމުގައިވާ ވީޑިއޯ ބައްލަވައިލައްވާށެވެ! ހިތްވަރު ހޯއްދަވާށެވެ! ތިއަ އެޑްމިޓްކުރެއްވެވި ބަލިމީހާއަށްވެސް ޝިފާ ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުންނެވެ. ޑޮކްޓަރުން ދޭ ބޭހުން އެއްވެސް މީހަކަށް ޝިފާލިބި ގަދަވާނެނަމަ ދުނިޔޭގެ ކަންކޮޅުތަކުގައި ތަނަވަސްކަން ލިބިގެންވާ އެތައް ބައިވަރު މިލިއަނަރުންނާއި އެމީހުންގެ ބެލުމުގެދަށުގައިވާ މީހުންނަށް ޝިފާ ނުލިބިއެއް ނުތިބޭނެ ނޫންތޯއެވެ؟ ދުނިޔޭގެ އެންމެ މޮޅު ޑޮކްޓަރުން އެގެންދަނީ އެމީހުންނަށް އެންމެ މޮޅު ބޭސްކާންދެމުންނެވެ. އެންމެ މޮޅު ފަރުވާދެމުންނެވެ. 

ލޮބުވެތިއަޚުންނޭވެ! އެޑްމިޓް ކުރެވިފައިވާ ބަލިމީހާ، ހަމަހޭހުރިނަމަ، ބުއްދި ސަލާމަތުން އޮތްނަމަ އޭނާގެ މައްޗަށް ނަމާދު ވާޖިބުވާނެއެވެ. ހޮޅިތައް ގުޅާފައި އޮތްޙާލުން ނުވަތަ އެނޫންވެސް މަޤްބޫލް ސަބަބެއް އޮވެގެން ވުޟޫ ނުކުރެވޭނަމަ ތަޔައްމަމްކޮށްގެންވެސް ނަމާދުކުރަންޖެހޭނެއެވެ. ނަމާދުކުރުވުމަކީ ދަރިން ނުވަތަ ބެލެނިވެރިން ކުރަންޖެހޭނެ ކަމެކެވެ. 

އެފަދަ ޙާލަތެއްގައި އެންމެ ރަނގަޅުވާނީ ތިމާއަށް އެކަން ނުއެނގޭނަމަ ޢިލްމުވެރިއެއްގެ ގާތުގައި އަހައި އޮޅުންފިލުވައިގެން އެމީހެއްގެ ޙާލަތާއި ގުޅޭ ގޮތުން ދީނުގައި ހުރި ލުއިފަސޭހަ ގޮތްތައް އޮޅުންފިލުވުމެވެ. އޮޅުންފިލުވައިގެން ކުރަން އުޅުމުން އެއީ ބުރަކަމަކަށްވެސް ނުވާނެއެވެ. 

ހިތާމައަކީ އަޅުގަނޑުމެމެންގެ ތެރެއިން ގިނަބައަކަށް ބެލެވެނީ އެޑްމިޓްކުރާ ހިސާބުން ނަމާދުކުރުންވެސް ނިމުނީކަމަށެވެ. އެކަމަށް ގިނަ ބަލިމީހުންނަށްވެސް ސަމާލުކަމެއް ނުދެވެއެވެ. ފަހުން ޤަޟާކުރަން ބާއްވަނީއެވެ. ނަމަވެސް ރަނގަޅު ގޮތަކީ ބުއްދިސަލާމަތުން ހުރިނަމަ ވަޤުތުޖެހުމުން ނަމާދުކުރުމެވެ. އަދި ބަލިމީހާ ލ؛ައްވައި ނަމާދުކުރުވުމަކީ ދަރިން ނުވަތަ ބެލެނިވެރިން ކުރުވަންވެސް ޖެހޭނެ ކަމެކެވެ. 

ބަލިޙާލުން އަރައިގަނެވޭނީ ﷲ ތަޢާލާގެ ޙަޟްރަތުން ރަޙްމަތް ލިބި ޝިފާ ދެއްވެވުމުންކަން ޤަބޫލުކުރާށެވެ! އެކަމަށް އެދިގެން މަސައްކަތްކުރާށެވެ!

ގުޅުންހުރި ވީޑިއޯ: 

މިއަދު އޮންލައިން