އެކަމެއް ކުރެވުމުން އެންމެ ބޮޑަށް ފަޚުރުވެރިވާންވީ ކޮންކަމެއް ކުރެވުމުންކަން އެނގޭހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 37ސ
އެކަމެއް ކުރެވުމުން އެންމެ ބޮޑަށް ފަޚުރުވެރިވާންވީ ކޮންކަމެއް ކުރެވުމުންކަން އެނގޭހެއްޔެވެ؟

މިއަދު މީސްތަކުން އަވަދިނެތި މަސައްކަތްކުރަނީ އާމްދަނީ އިތުރުކުރުމަށެވެ. ގެދޮރުއެޅުމަށާއި ކުލިދެއްކުމަށާއި ބިލްތަކަށް ދައްކަންޖެހޭ ފައިސާ ހޯދުމަށާއި ބޭނުންވާ ތަކެތި ގަތުމަށް ފައިސާ ހޯދަންޖެހޭތީއެވެ. އާމްދަނީ އިތުރުކުރަން މަސައްކަތްކުރުމަކީ މައްސަލައެއް ނޫނެވެ. ރަނގަޅުގޮތުގައި އެކަންކުރުމުން އެއީވެސް ހަމަ ޘަވާބު ދެއްވަވާ ކަމެކެވެ. 

ލިބޭ އާމްދަނީ އިތުރުވުމުން ހިތްހަމަޖެހުން ލިބެއެވެ. އުފާވެރިކަން ލިބެއެވެ. ފަޚުރުވެރިވެސް ވެއެވެ. އަހުރެން ކުރަން ބޭނުންވާ ސުވާލަކީ އެކަމެއް ކުރެވުމުން އެންމެ ބޮޑަށް ފަޚުރުވެރިވާންވީ ކޮންކަމެއް ކުރެވުމުންކަން އެނގޭހެއްޔެވެ؟ އެކަމަކީ ކޮބައިހެއްޔެވެ؟ ހަމަ ޤައިމުވެސް އެއީ އަތުގައި ފައިސާ އިތުރުވުމެއް ނޫނެވެ. ރީތި އަނބިން ނުވަތަ ފިރިން ލިބުމެއްވެސް ނޫނެވެ. ގިނަ ދަރިންތަކެއް ލިބުމެއްވެސް ނޫނެވެ. 

އެކަމެއް ކުރެވުމުން އެންމެ ބޮޑަށް އުފާވެރިވެ އަދި ފަޚުރުވެރިވާންވީ ކަމަކީ ﷲ ތަޢާލާއަށް ސަޖިދަ ކުރެވުމެވެ. ފުރިހަމަ ގޮތުގައި ﷲ ތަޢާލާއަށް ސަޖިދައެއް ކޮށްލެވުމަށްވުރެ މުހިންމު، އަދި ފައިދާހުރި އެއްވެސް ކަމެއް ނުވެއެވެ. ވީމާ އަހުރެމެން މަސައްކަތްކުރަންވީ ވީހައި ގިނައިން ސަޖިދަކުރުމަށެވެ. ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ކުއްތަންވެވޭ ވަޤުތަކީ ސަޖިދައި އޮންނަ ވަޤުތު ކަމުގައިވާތީއެވެ. 

މީސްތަކުންނޭވެ! ގަދަވެ ސަލާމަތުން ހުންނަލިބޭ ދުވަސްކޮޅު، ގުދުވެ ސަޖިދަކޮށްލެވޭ ޙށާލަތުގައި ހުންނަން ލިބޭ ދުވަސްކޮޅު ވީހާ ގިނައިން ސަޖިދަކުރަމުން ގެންދާށެވެ. މާދަމާވެސް ގުދުނުވެވިދާނެއެވެ. ނިތްކުރި ބިންމަތީގައި ޖައްސާލައިގެން ސަޖިދަކުރުމުގެ ފުރުޞަތު ގެއްލިގެން ހިނގައިދާނެއެވެ. 

އެދުވަހުން ސަޖިދަނުކުރެވިގެން ހިތާމަކުރަންޖެހޭނެ މީހަކު ކަމުގައި ނުވާށެވެ. ހިތާމަކުރަންޖެހޭނެ މީހަކު ކަމުގައި ނުވެ ސަލާމަތްވެވޭނީ ކުރިންވެސް މިބުނި ފަދައިން ސަޖިދަ ކުރެވޭ ޙާލަތުގައި ހުރެވޭ ދުވަހު ވީހާ ގިނައިން ސަޖިދަކުރެވުނު ނަމައެވެ. 

ދުޢާއަކީ އަހުރެމެން އެންމެންނަޚީވެސް ވީހާ ގިނައިން ﷲ ތަޢާލާއަށް ސަޖިދަކުރާ ބައަކު ކަމުގައި ލެއްވެވުމެވެ. އަދި ސަޖްދައިގައި އޮއްވައި ފުރާނަ ގެންދެވުމެވެ. އާމީން 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން