ބުނަން ހެއްޔެވެ؟ މިކަންކުރަން ވަރަށް ޖެހިލުންވެވޭނެއެވެ. ލަދުވެސް ގަންނާނެއެވެ. އަދި ބިރުގަނެ ޖެހިލުންވެސްވާނެއެވެ. ނަމަވެސް މިއީ ރަމަޟާން މަހާއި ބައްދަލުވެ ރޯދަހިފަން ފެށުމުގެ ކުރިން ކޮންމެހެން ކުރަންޖެހޭ ކަމެކެވެ.
ފުރަތަމަ ކަމަކީ ތިމާއަށް އެއްވެސް މީހަކާއިމެދު ނުބައިކޮށް ކަމެއް ކުރެވިފައިވާނަމަ، އެންމެ ކުޑަމިނުން ނުބައި ބަހެއް ބުނެވިފައިވީނަމަވެސް އެމީހަކާއި ބައްދަލުކޮށް އެމީހެއްގެ ކިބައިން މާފަށް އެދުމެވެ.
ދެވަނަ ކަމަކީ ޒަމާނެއްގެ ކުރިންކަމުގައިވިޔަސް ވައްކަމެއް ކުރެވި މީހަކަށް ޚިޔާނާތްތެރިވެވިފައިވާނަމަ އެމީހަކާއި ބައްދަލުކޮށް މާފަށް އެދުމެވެ. ވަގަށް ނެތި އެއްޗެއް އަނބުރައި ދެވެން އޮތްނަމަ އަނބުރައިދޭށެވެ.
(ބައެއް ޢިލްމުވެރިން ވިދާޅުވެފައިވަނީ ވަގަށް ނެތި އެއްޗެއް އަނބުރައި ދެވެން ނެތް ކަމަށްވީނަމަވެސް އެކަން ވަނީ ކުރެވިފައި ކަމަށް ބުނެ މާފަށް އެދޭށެވެ. މިވަޤުތު އަނބުރައި ދެވެން ނެތްކަމާއި ތަނަވަސްކަމެއް ލިބިއްޖެނަމަ އަނބުރައިދޭނެ ކަމަށްވެސް ބުނާށެވެ.)
މިކަންކަމަކީ ކުރަން އެހައި ފަސޭހަ ކަންކަމަކަށް ނުވާނެއެވެ. ދުނިޔެއަށް ގަންނަ ލަދު ވަރަށް ބޮޑުވީމައެވެ. ނަމަވެސް ވިސްނައިލާށެވެ. މިހެން ނުބުނެ، މާފަށް ނުއެދި އޮއްވައި ތިބާ މަރުވެއްޖެނަމަ ވާނީ ކިހިނެއް ހެއްޔެވެ؟ އާޚިރަތް ދުވަހު ދުނިޔޭގެ އެންމެންގެ ކުރިމަތީގައި ތިބާ ބޭޒާރުވުމުގެ އިތުރުން ފާފަވެރިވެސް ވީއެވެ. ތިބާ ދުނިޔޭގައި ހުރެގެން ކުޅަ ހެޔޮ ޢަމަލުތަކުން ބަދަލުދޭންވެސް ޖެހޭނެއެވެ.
މިބުނި ކަންކަމަކީ މަރުވުމުގެ ކުރިން ކޮންމެހެންވެސް ކުރަންޖެހޭ ކަންކަމެވެ. ތިމާ މަރުވާނީ ކޮން ވަޤުތަކުކަން ހަމައެކަކަށްވެސް ނުއެނގޭނެއެވެ. އެހެންކަމުން އޮތީ ވީހައި އަވަހަކަށް އެމީހަކު މާފަށް އެދެންޖެހޭ އެންމެންގެ ކިބައިން މާފަށް އެދުމެވެ. މީހަކަށް ކިތަންމެ ކުޑަކުޑަ ދެރަކަމެއް، އަނިޔާއެއް ކުރެވިފައިވީ ނަމަވެސް މެއެވެ. މީހެއްގެ ހިތުގައި ޖެއްސިފައިވީނަމަވެސް އެވެ.
ރަމަޟާން މަހުގެ ކުރިން ކޮންމެހެންވެސް އެކަން ކުރަން މިބުނީ ރަމަމާން މަހާއި ކުރިމަތިލާއިރު ކުރެވިފައިވާ ހުރިހާ ފާފަތަކުން ސަލާމަތްވެގެން ހުރުމުގެ މުހިންމުކަން ބޮޑުކަމުންނެވެ. އަބަދުވެސް މިބުނަނީ އެންމެ ނުރއްކައުތެރިކަން ބޮޑު ފާފައަކީ (ޝިރުކުރުން ފިޔަވައި) މީސްތަކުންގެ ޙައްޤުތަކަށް އަރައިގަތުމާއި އަނިޔާވެރިވުން ފަދަ ކަންކަން ކުރުން ކަމަށެވެ.
ﷲ ތަޢާލާއަށް ކިތަންމެ ބޮޑު ފާފައެއް ކުރެވިފައިވީނަމަވެސް ތައުބާވުމުން ﷲ ތަޢާލާ އެފާފަ ފުއްސަވާނެތެވެ. މީސްތަކުންނީ އެހައި ދީލަތި ބައެއް ނޫނެވެ. މާފުކުރަން އެމީހުން ފަސްޖެހޭނެއެވެ. އަދި އެއްވެސް މީހެއްގެ ޙައްޤަކަށް އެއްވެސް ސިފައެއްގައި އަރައިގެންފައިވާނަމަ އެމީހެއްގެ ފާފަ ފުއްސަވާނީ މާފުލިބެންޖެހޭ މީހާގެ ފަރާތުން މާފުލިބުމުންނެވެ.
- މުފްތީ މެންކުގެ ދަރުސަކުން